ވިޔަފާރި

ތައިލެންޑުގެ އިންވެސްޓަރުންނަށް ރޯޑްޝޯއެއް ބާއްވަނީ

ތައިލެންޑުގައި އިންވެސްޓަރުންނަށް ހާއްސަކޮށް ރޯޑްޝޯއެއް ބާއްވަން މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ތައިލެންޑުގެ ވިޔަފާރީގެ ވަފުދުން "ހޮޓެލް ޖެން" ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ތައިލެންޑުގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ތައިލެންޑުގެ މިނިސްޓަރާއި ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރެއްވި ބައްދަލުވުމުގައި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އުންމީދު ކުރަނީ، ތައިލެންޑުގައި އިންވެސްޓަރުން ޝައުގުވެރި ކުރުވަން ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.

ތައިލެންޑުގައި އިންވެސްޓްމަންޓް ރޯޑްޝޯއެއް ބާއްވައިފިނަމަ، މި ބައްދަލުވުން ވެގެންދާނީ މިގޮތަށް ރާއްޖޭން ބާއްވާ ފުރަތަމަ އިންވެސްޓްމަންޓް ރޯޑްޝޯ އަށެވެ.

އިންވެސްޓްމަންޓްތައް ގެންނަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ތިން އިންވެސްޓްމަންޓެއް ބާއްވާފައިވެ އެވެ. އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފައިވަނީ ސިންގަޕޫރާއި ޗައިނާ އަދި ނިއުދިއްލީގަ އެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.