ހަބަރު

އެލްޖީއޭ އިން ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އެލްޖީއޭ އިން ސަސްޕެންޑްކޮށްފި އެވެ.

މިއަދު އެލްޖީއޭ އިން ހާޝިމްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހާޝިމް ސަސްޕެންޑްކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ފަރާތުން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު ތައްޔާރުކޮށް އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނިކޮށް އެ ލިސްޓާ ހިލާފަށް ކައުންސިލުން މުޅިން އާ ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާންމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެ ކިޔުން އެ އޮތޯރިޓީއަށް ލިބިފައިވާތީ ކަމަށެވެ.

އެލްޖީއޭއިން ބުނީ އެފަދަ ސިޓީއެއް ފޮނުވުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ މަގާމެއްގައި ހުރެ އެކަށީގެންނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭ ގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުން ކަމަށެވެ. އަދި އެ ކައުންސިލުން ދޮގު މައުލޫމާތު ހާމަކުރަމުން ގެންދާ ކަމަށް އެކި ފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

ކައުންސިލަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާތީވެ މިއަދު އެލްޖީއޭގެ ބޯޑުގެ ފަސް ވަނަ ބައްދަލުވުމަށް ހުށަހެޅުމުން އެ އޮތޯރިޓީން އެ މައްސަލަ ބަލައި ނިމެންދެން މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ހާޝިމް ސަސްޕެންޑް ކުރަން ވަނީ ނިންމާފައި،" އެލްޖީއޭގެ ބަޔާނުގައިވެ އެވެ.

ހާޝިމްގެ ސަސްޕެންޝަނުން ފިލާ މަގާމުގެ ޒިންމާތައް ދެން އަދާކުރެވޭނީ އެ މައްސަލަތައް ބަލާ ނިމުމުން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެހެން ކަމުން އެ މައްސަލަތައް ބަލާ ނިމެންދެން ދިއްދޫ ކައުންސިލްގެ ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ ނައިބު ރައީސް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.