ހަބަރު

ދެ ޒުވާނެއްގެ ކުއްލި މަރާ އެކު ހުޅުމާލެ ސިއްސުވާލައިފި

ހުޅުމާލޭގައި މިރޭ ހިނގި ދެ ހާދިސާއެއްގައި ދެ ޒުވާނަކު ކުއްލި ގޮތަކަށް މަރުވުމާ އެކު ހުޅުމާލެއަށް ކުއްލި ސިއްހުމެއް ގެނެސްފި އެވެ. މިދެ މަރާއެކު އާންމުކޮށް ވަރަށް އަމާންކޮށް އޮންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ތެރޭގައި ވަނީ މީހުން ތޮއްޖެހި ހަލަބޮލިވެފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، މިރޭ ގާތްގަނޑަކަށް 8:30 އެހާއިރު އެ ހޮސްޕިޓަލަށް ދެ ޒުވާނަކު ގެނައި ކަމަށާއި އޭގެ ތެރެއިން 22 އަހަރުގެ ޒުވާނާ މަރުވެފައިވާ ކަމަށެވެ. މަރުވީ، ތ. ތިމަރަފުށި އަހުމަދު ހާމީން އެވެ. އަދި ހަމަ އެ ރަށަށް ނިސްބަތްވާ ދެން ގެނައި 21 އަހަރުގެ ޒުވާނާއަށް ވެސް ޝޮކެއް ޖެހި ހާލު ދެރަވެފައިވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އެ ދެ ޒުވާނުން ހޮސްޕިޓަލަށް ގެނައި އިރުވެސް ގައިގާ ވެލި ހުރި ކަމަށްވެ އެވެ. ހާމީން މަރުވީ ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ކަމަށްވެ އެވެ. އެކަމަކު އެކަން ޔަގީނެއް ނުކުރެވެ އެވެ އާސަންދަ ކުންފުނިން ބުނީ މިރޭ 18 އަހަރުގެ އަންހެން ކުއްޖެއްވެސް މަރުވެގެން އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. ފުލުހުން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފަ އެވެ. އެ ކުއްޖާ މަރުވީ ހުޅުމާލެ ޓްރެކް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމަށްވެ އެވެ.

އެމަރުގެ ތަހުގީގުތައް ފުލުހުން ވަނީ މިހާރު ފަށައިފަ އެވެ. މާލެއިން ވަރަށް ގިނަ ބަޔަކު ވީކެންޑްގައި ހުޅުމާލެއަށް ޒިޔާރަތްކުރެ އެވެ. މިފަދަ ދެ މަރެއް މިރޭ ހިނގުމާ އެކު ހުޅުމާލެއަށް ޒިޔާރަތް ކުރާ މީހުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.