ވިޔަފާރި

މަހާ ޖައްރާފާއާ އެމްޓީސީސީއިން ހަވާލުވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޗައިނާގައި ބަނދެފައިވާ މަހާޖައްރާފު އާ އެމްޓީސީސީއިން ހަވާލުވެއްޖެ އެވެ.

ހޮލެންޑުގެ ކުންފުންޏަކާ ހަވާލުކޮށްގެން ޗައިނާގައި ބަނދެފައިވާ ޑްރެޖަރާ އެމްޓީސީސީގެ ފަރާތުން ހަވާލުވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.