ރިޕޯޓް

ބޮޑެތި ތުހުމަތުތަކެއް، ނުރައްކާތެރި ކުށްވެރިއެއް، އެކަމަކު ބަންދެއް ނުކުރޭ!

ބޮޑެތި ގިނަ މަރުތަކެއް މި އަހަރު ހިނގައިގެން ގޮސްފައި މި ވަނީ މާލޭގެ ނުފޫޒު ގަދަ ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލަގަނޑެއްގައި ފެށުނު ވަޅި ޖެހުމުގެ ސިލްސިލާ ހުއްޓުމެއް ނެތި ކުރިއަށްދާތީ އެވެ. ބަދަލު ހިފުމުގެ ގޮތުން އެތައް ޒުވާނުންގެ ފުރާނަ ވަނީ މިހާރު ވެސް ގެއްލުވާލައިފަ އެވެ. މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މުއައްސަސާތަކުން ބުނި ނަމަވެސް އެ މަންޒަރެއް ނުފެނެ އެވެ. ވަޅިއަކަށްފަހު ވަޅިއެއް ޖަހައި އެތައް ޒުވާނެއް ކޮށައި ކުދިކުދި ކޮށްލައިފި އެވެ. މިކަން ހުއްޓޭނެ ނިޝާނެއް ވެސް އަދި ނުފެނެ އެވެ. މިއީ މިހާރު މި ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މުޖުތަމައުއަށް އޮތް އެންމެ ބޮޑު ބިރެވެ.

ލިބޭ ހަމައެކަނި ހަފްތާ ބަންދުގައި މާލޭގެ ހަލަބޮލިކަމުން ސަލާމަތްވާން އިންވެގެން އޮތް ހުޅުމާލެއަށް ދިޔަ އެތައް ބަޔަކު ސިއްސުވާލީ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި މަރާލި ހަބަރުން އެވެ. އެ ހަބަރަށް ގިނަ އިރުތަކެއް ނުވެ މާލޭ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އެވެ. އެ ޒުވާނާއަށް އޭޑީކޭއަށް ފަރުވާދޭން ގެންދިޔަތާ މާގިނަ އިރުތަކެއް ނުވެ، ފުލުހުން ވަނީ އޭނާއަށް ހަމަލާދިން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކުރީ ހަމަލާދޭން ގެންގުޅުނު ތަކެތި ނައްތާލަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޖުމްލަ 13 މީހުން ހައްޔަރުކުރިއިރު ފުލުހުން ބުނި ގޮތުގައި އެއީ މުޅިން ވެސް މާރާމާރީގައި ޝާމިލުވާ މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.

އެ 13 މީހުން ބަންދުކުރުމަށް އަމުރަކަށް ފުލުހުން ކުރިމިނަލް ކޯޓަށް ދިޔުމުން ހުށަހަޅާފައިވާ ހެއްކަށް ބަލާފައި، އެމީހުންގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ ހަތަރު ކުޑަ ކުދިން ވަނީ ޖުވެނައިލް ކޯޓުން ދޫކޮށްލާފަ އެވެ. ކޯޓުން އާންމު ގޮތެއްގައި މީހުން ދޫކޮށްލަނީ ބަންދުގައި ބެހެއްޓޭ ވަރަށް ހެކި ނެތުމުންނެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހަތަރު ކުޑަ ކުދިންނާ ދެކޮޅަށް ވެސް ފުލުހުން ކޯޓަށް ހުށަހެޅި ހެއްކަކީ އެ މައްސަލާގައި ހިމެނޭ ބޮޑެތި މީހުންނާ ދެކޮޅަށް ވެސް ހުށަހެޅި ހެކި ކަމަށެވެ.

މިކަމާ ކަންބޮޑުވާ ގާނޫނީ ވަކީލަކު ވިދާޅުވީ، ދެރަ ހަގީގަތަކީ ބޮޑެތި ކުށްތަކަށް އަރައިގަނެ، ގައުމު ނާމާންކޮށްލުމުގައި ގޭންގްތަކުން މިހާރު ބޭނުން ކުރަނީ ކުޑަކުދިން އެވެ. ބޮޑެތި ކުށްތަކުގައި އަމަލީ ގޮތުން ކުޑަ ކުދިން ބައިވެރިވާއިރު އެއީ ކުޑަ ކުދިންނަށްވުމުން ލުއި ގޮތްތައް ހަދައިދީ މުޖުތަމައުއަށް ދޫކޮށްލުމުން އެ ކުދިންގެ ފަރާތުން ހިތްވަރު ލިބި އިތުރު ކުދިން ވެސް އެ ގޯޅި އަޅަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ހާލަތެއްގައި ބޮޑު މާރާމާރީއެއްގައި ބައިވެރިވާ ކުދިންތަކެއް މުޖުތަމައުއަށް ދޫކޮށްލުމަކީ އެ ކުދިންގެ ސަލާމަތަށް ވެސް ނުރައްކާވެ، އިތުރު ޖަރީމާތަކެއް ހިނގުމަށް ފަހިވާ މަގެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ނޫން މިކަހަލަ ހާދިސާތައް ވެސް އެބަ ހުއްޓެވެ. ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށް ބަންދު ޖެހުމަށް ގެންދިޔުމުން ކޯޓުން ދޫކޮށްލާފައި އެބަ ހުއްޓެވެ. ވަކީލަކު ވިދާޅުވި ގޮތުގައި، މުޖުތަމައުއަށް ނުރައްކާވާފަަދަ މީހުންގެ ޝަރީއަތްތައް އެމީހުން ބަންދުން ދޫކޮށްލައިގެން ވެސް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ބޭރު ގައުމެއްގެ ހަނގުރާމައެއްގައި ބައިވެރިވާން ދިޔަ ޒުވާނެއްގެ ޝަރީއަތް އޭނާ މުޖުތަމައުއަށް ދޫކޮށްލައިގެން ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މުޖުތަމައުއަށް ނުރައްކާ ވަނީ ކިހާ ހިސާބަކުން ހެއްޔެވެ؟ މިކަން ސިޔާސީ ވަނީ ވެސް މިހާ ހިސާބުންނެވެ. ބޮޑެތި ޖަރީމާތަކުގެ ތުހުމަތުތަކުގައި ހައްޔަރުކުރި ނަމަވެސް ކޯޓުން މީހަކު ދޫކޮށްލާ ކޮންމެ ފަހަރަކު ވެސް އެންމެންގެ ދުލުގެ ކުރިއަށް އަންނަ މިސާލަކީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ އެވެ. ފާރިސް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެވަރު ބޮޑު ބަންދެއް އަންނަ ވަރަށް އޭނާއާ ދެކޮޅަށް ހެކި އެބަ ހުރި ކަމަށް ކޯޓުން އެވަނީ ނިންމާފަ އެވެ. ހަމައެހެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ މުޖްތަމައުއަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ބުނެ އެމަނިކުފާނު ވެސް ދުވަސްތަކެއް ވަންދެން ރިޝްވަތުގެ ތުހުމަތުގައި ބަންދުކޮށްގެން ގެންގުޅެނެވެ. އެކަމަކު މީހުން ގަޔަށް ރޯމާ ދުވާލި ވަޅި ޖަހައި ބޮޑެތި ގަތުލުތައް ހިންގާ މީހުން ކޯޓުތަކުން މިނިވަން ކުރަނީ ފަސޭހަ ކަމާއެކު އެވެ.

"ކަންބޮޑުވަނީ މިކަހަލަ ގޮތްގޮތަށް ކަންތައްތައް ހިނގާފައި ހުންނާތީ، ކޮންމެ މައްސަލައަކީ ވެސް ވަކި ހާލަތެއް މެދުވެރިވެގެން ވަކި ވައްތަރެއްގެ ހެކިތަކެއް ހުންނާނެ މައްސަލަތަކެއްކަން ގަބޫލުކުރަން، އެކަމަކު މުޖުތަމައުއަށް ނުރައްކާ މިންގަނޑަކީ ކޮބައިކަން ވެއްޖެ ކަނޑައަޅަން، ވަޅި ޖަހައި އެކަމުން ސަލާމަތް ނުވެވިގެން އުޅޭއިރު ކޯޓުތަކުން ވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނާމެދު ހަރުކަށިވާން އެބަ ޖެހޭ، ސިޔާސީ މީހެއްނަމަ އެމީހަކާ މެދު ހަރުކަށި އުސޫލުތައް ގެންގުޅޭ މަންޒަރު މި ފެންނަނީ،" ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.

ފާރިސް ފަދަ ސިޔާސީ ބޭފުޅުންގެ ބަންދަށް ވަރަށް އަވަހަށް މުއްދަތް ޖަހާއިރު، މީހުން ރަހީނުކުރުންފަދަ ބޮޑެތި ޓެރަރިޒަމް މައްސަލަތަކުގައި ހިމެނޭ މީހުން ވެސް ތިބީ މުޖުތަމައުގެ ތެރޭގަ އެވެ. އެއީ އާންމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ. އެފަދަ އެންމެ ބޮޑު ކަންބޮޑުވުމެއް މިފަހުން ފާޅުކޮށްފައިވަނީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ދައުވާކޮށްފައިވާ ދެ މީހުން ދޫކޮށްލާފައި ތިބުމެވެ. އެމީހުންއާ ދެކޮޅަށް ހެކި ހުރެގެން ދައުވާކޮށްފައިވާއިރު އެމީހުން ތިބީ ބަންދެއްގަ ނޫނެވެ. ޖަލު ބަންދެއް ނެތްތާގައި ގޭބަންދެއް މާލޭ ބަންދެއް ވެސް ނެތެވެ. ހަމަ މިނިވަނެވެ. އެ މައްސަލާގައި ދައުވާކުރާ ތިންވަނަ މީހާއަކީ ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް ހެކި ނެތް ކަމަށް ކޯޓުން ދޫކޮށްލުމުން ރާއްޖެ ދޫކޮށް މީގެ ކުރިން ވަނީ ފިލާފަ އެވެ. މިހާރު އިވޭ އަޑަކީ އޭނާ ސީރިއާގައި މަރުވެފައިވާ ކަމެވެ. ހަގީގަތެއް ނޭނގެ އެވެ. މީހަކު ރަހީނުކުރުމުގެ ބޮޑު ތުހުމަތެއް ކުރެވޭ އެ މީހާ އެވަނީ ކޯޓުން ދޫކޮށްލުމުން ފިލާފަ އެވެ. މިފަދަ ފުރުސަތުތަކީ ދެވިގެންވާނެ ފުރުސަތުތަކެއް ނޫނެވެ.

މިފަހުން މެލޭޝިއާއިން ހައްޔަރުކުރި ދެ ދިވެހިން ވެސް ރާއްޖޭގައި ތިބީ ދޫވެފަ އެވެ. އެ ދެ ދިވެހިންނަކީ ސީރިއާއަށް ހަނގުރާމައަށް ދާން ތައްޔާރުވަމުން ދިޔަ ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން ހައްޔަރުކުރި ދެ މީހުންނެވެ. އެ ދެ މީހުން އަނބުރާ ރާއްޖެ ފޮނުވާލި ނަމަވެސް ރާއްޖެއިން އެމީހުން ހައްޔަރެއް ނުކުރެ އެވެ. އެ ތިބީ މުޖުތަމައުގެ ތެރޭގަ އެވެ.

ވަކީލް ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލަތަކަކީ އާދައިގެ މައްސަލަތަކެއް ނޫން ކަމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމުން އޭނާ ވެސް ބެހެއްޓީ ބަންދެއްގައި ކަމަށެވެ. އޭނާއަށް ޓެރަރިޒަމްގެ ދައުވާކުރީ، ކުރި ނުރައްކާތެރި އަމަލެއް ކޮށްގެން ނޫންކަން ފާހަގަކުރެއްވި އެވެ. ދެއްކި ވާހަކައެއް ނަމަވެސް އެއީ ޓެރަރިޒަމަށް މަގުފަހިވާ އަމަލަކަށްވާތީ އޭނާ ބަންދުކޮށްގެން ގެންގުޅުނުއިރު މީހުން ރަހީނުކުރި ކަމުގެ ބޮޑެތި ޓެރަރިޒަމްގެ އަމަލުތަކުގެ ތުހުމަތުގައި ތިބޭ މީހުން ބަންދުން ދޫކޮށްލާފައި ތިބޭ ތިބުމަކީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަންޖެހޭ ކަމެއް ކަމުގައި އެ ވަކީލް ފާހަގަކުރެއްވި އެވެ.

"މިހެން ދިމާވާ މައިގަނޑު ސަބަބަކީ މިފަދަ ބޮޑެތި ޖަރީމާތަކުގެ ފަހަތުގައި މި އޮންނަނީ ކޮންމެ ވެސް ގޭންގެއް، ގޭންގްތަކުގެ ފަހަތުގައި ގިނަ ފަހަރަށް ސިޔާސީ މީހުން ތިބޭ، އެކަމަކީ މިހާރު އެންމެވެސް ދަންނަ ބޮޑު ސިއްރެއް، ގިނަ ފަހަރަށް ގޭންގްތަކުގެ މީހުން ދޫވަނީ އެ ސިޔާސީ މީހުންގެ ނުފޫޒާ ހެދި، މައްސަލައެއްގެ ތުހުމަތުވާ ސިޔާސީ މީހާއާމެދު އަމަލުވަނީ އޭގެ އަނެއް ކޮޅަށް، އެހެންވެ ސިޔާސީ އިދިކޮޅު މީހާ ބަންދުގައި ހުރެފަ، ބޮޑެތި ކުށްވެރިން ދޫވެފައި މިތިބެނީ، މިއީ މިއަދު ވާހަކަ ދައްކައި ހަައްލުކުރަން ޖެހިފައިވާ ކަމެއް،" މިކަންކަން ހިނގާ ގޮތް އެނގޭ މީހަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

މިއަދު ޓެރަރިޒަމްގެ ބިރު ވެސް ބޮޑުވެފައިވާއިރު، މާރާމާރީތައް ވެސް އިންތިހާއަށް އިތުރުވެފައިވާއިރު އެފަދަ ތުހުމަތުތަކުގައި ހައްޔަރުކުރާ މީހުންނާމެދު ހަރުކަށި ގޮތްތައް ގެންގުޅުމަކީ އެކަންކަން ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ. މިހާރު ގާނޫނު އޮތް ގޮތުން އެކަމަށް އެއްވެސް ހުރަހެއް އޮތް ނަމަވެސް އެކަން ބަދަލުކުރަން ޖެހެ އެވެ. އަމަލުކުރާ ގާނޫނީ ހަމަތައް ބަދަލުކުރަންޖެހޭނަމަ ކުރަންވީ އެވެ. މިފަދަ މައްސަލަތަކުގައި ހެކި ހުށަހެޅޭ ގޮތާއި ހެކީގެ މިންވަރަށް ތަފާތެއް ގެންނަނަމަ އެކަން ވެސް ކުރަންޖެހިއްޖެ އެވެ. ގައުމު ސަލާމަތްކޮށް އަމާން ބަނދަރަކަށް ދެން ގެންދެވޭނީ ދުލެއް ނުދީ ހިފަހައްޓައިގެންނެވެ.