ލައިފްސްޓައިލް

ދުނިޔޭގެ އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރަހުމާއަށް

ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލުކޮށް ރީތިނަމެއް ހޯދަން އަނެއްކާވެސް ދިވެހި ޒުވާނަކު މިވަނީ އަތުކުރި އޮޅާލާފަ އެވެ. އެ ޒުވާނާ ރާއްޖެ ތަމްސީލުކުރާނީ މީގެކުރިން ރާއްޖެއިން ބައިވެރިވެފައިނުވާ މުބާރާތެއްގަ އެވެ. އެ މުބާރާތަކީ ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕެވެ. މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ނުވަތަ ރާއްޖޭގައި ހުރި އެންމެ މީރުކޮށް ކޮފީ ގިރާ ޒުވާނާގެ ލަގަބާއެކު ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހޯދާފައިވަނީ ރަހްމާ މަހްމޫދު އެވެ.

އެ ފުރުސަތު ރަހުމާ ހޯދީ މިދިޔަ ހުކުރު ދުވަހު ކޮފީލެބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން "ދަ ފެމެލީ ރޫމް"ގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕުން އެއް ވަނަ ހޯދައިގެންނެވެ. އެ މުބާރާތުގެ ދެވަނަ ހޯދާފައިވަނީ މުހައްމަދު އިގްބާލް އެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އިބްރާހިމް ޝަރީފް އެވެ.

އެ މުބާރާތުގައި ޖުމްލަ 14 ބައިވެރިން ބައިވެރިވެފައިވެ އެވެ. މުބާރާތް އިންތިޒާމްކުރި ކޮފީލެބް މޯލްޑިވްސް އިން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް ބާއްވާ އެއް ވަނަ ހޯދާ ފަރާތަކަށް ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް ބޭއްވުމުގެ މަގްސަދަކީވެސް ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ބައިވެރިވާނެ ޒުވާނުން ހޯދުމެވެ. މި އަހަރުގެ އެ މުބާރާތް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހު ދެކުނު ކޮރެއާގެ ސޯލްގަ އެވެ. އެ މުބާރާތަކީ ކޮފީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެން އެއްތަނަކަށް ބައްދަލުކޮށްލަން ލިބޭ ފުރުސަތަކަށްވާނެ އެވެ.

ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2008 ވަނަ އަހަރު އެވެ. އޭރޯޕްރެސް ޗެމްޕިއަންޝިޕަކީ އޭރޯޕްރެސް ބޭނުންކޮށްގެން އެންމެ މީރުކޮށް ކޮފީ ހަދާ ފަރާތެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ.

ކޮފީލެބުން މިހާރު ވެސް އަންނަނީ ޒުވާނުން އެ ދާއިރާއަށް ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.