ހޮލީވުޑް

ގޭމް އޮފް ތްރޯންސްގެ ޖެއިމީ ލެނިސްޓާ ރާއްޖޭގައި

ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަން ހޯދާފައިވާ، އެޗްބީއޯގެ ސީރީޒް ގޭމް އޮފް ތްރޯންސްގެ ތަރި ނިކޮލާއި ކޯސްޓާ ވާލްޑޫ (ޖެއިމީ ލެނިސްޓާ) ރާއްޖެ އަތުވެއްޖެ އެވެ.

ޖެއިމީ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ އައީ ޔޫއެންޑީޕީ އިން ރާއްޖޭގައި ބާއްވާ މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުމެއް ޝަރަފުވެރިކޮށް ދިނުމަށެވެ. ޖެއިމީ އަކީ ޔޫއެންޑީޕީން ކަނޑައަޅާފައި ހުންނަ ގުޑްވިލް އެމްބެސްޑަރެކެވެ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޔޫއެންޑީޕީގެ ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވަނީ ޖެއިމީ ރާއްޖެ އައިސް އެއާޕޯޓްގެ ވީއައިޕީގައި ހުރި ފޮޓޯއެއް ވެސް މިއަދު ޓްވީޓްކޮށްފަ އެވެ.

ގޭމް އޮފް ތްރޯންސްގެ "ކިން ސްލެއާ"ގެ ނަން ދެވިފައިވާ ޖެއިމީ އަކީ އެ ސީރީޒްގައި މިހާރު އެންމެ މުހިންމު ރޯލެއް އަދާކުރާ ކެރެކްޓާއެކެވެ. އެ ސީރީޒްގެ އެންމެ ނުފޫޒު ގަދަ "ހައުސް އޮފް ލެނިސްޓާ"ގެ ތިން މެއިން ކެރެކްޓާ ތެރޭގައި ޖެއިމީ ހިމެނެ އެވެ. އަދި ފުރަތަމަ ސީޒަންގައި ނުބައި މީހެއްގެ ރޯލު ޖެއިމީ އަދާ ކުރި ނަމަވެސް ސީޒަން ތިނަކުން ފެށިގެން އޭނާގެ ކެރެކްޓާ ވަނީ ބަދަލުވެފަ އެވެ. އަދި އެ ސީރީޒް ފެށުން އިރު އޭނާއަށް ޝޯގައި ދީފައި އޮތް ސްކްރީން ޓައިމްއާ ސަމާލު ކަން ވަނީ ތިން ވަނަ ސީޒަނުން ފެށިގެން އިތުރުކޮށްފަ އެވެ.

ގޭމް އޮފް ތުރޯންސް އިން ޖެއިމީއަށް ލިބުނު މަޝްހޫރު ކަމުން އޭނާއަށް ވަނީ ގޯޑްސް އޮފް އިޖިޕްޓާއި ނެޓްފްލިކްސްގެ ބައެއް ސީރީޒްތައް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.