މީރާ ޖޭމްސް އޭ ބުނެފިއްޔާ ފަހަރުގައި ނޭނގިދާނެ އެވެ. އެހެން ނަމަވެސް ކާރެއްގެ ތެރޭގައި އިނދެގެން ހިންދީ ލަވަތަކަށް ނަށާ އަންހެން މީހާ އެނގޭ ހެއްޔެވެ؟ މަދުމަދުން އިނގިރޭސި ލަވަތަކަށް ވެސް އޭނާ ނަށަ އެވެ. ފޭސްބުކްގެ އަހުލުވެރިއެއް ނަމަ އެ އަންހެން މީހާ އެނގޭނެ އެވެ.
އާންމުކޮށް ލަވަ ޖަހައި އެއަށް ނަށާ އުޅެނީ ޒުވާނުން އުމުރުގެ މީހުނެވެ. އުމުރުން 40 އިން މަތިވުމުން އެފަދަ ކަންތައްތަކާއި ގިނަ މީހުން ދުރުވެ އެވެ. ނަމަވެސް މެލޭޝިޔާއަށް ނިސްބަތްވާ މީރާ ތަފާތެވެ. މީރާގެ އުމުރުން މިހާރު 40 އަހަރުން މަތިވެދާނެ ކަމަށް ބެލެވެ އެވެ.
މީރާގެ ވީޑިއޯތަކުގައި އަބަދުވެސް ފެންނާނީ ކާރުގެ ޑްރައިވަރު ސީޓާ ޖެހިގެން އިންނަ ކުރީ ސީޓުގައި އިންނަ މަންޒަރެވެ. ވީޑިއޯ ނަގާފައި އިންނަނީ އޭނާގެ ކުރިމަތިންނެވެ. ލަވަ ޖަހައި އެއާ އެއްވަރަށް ކިޔަމުން އޭނާ ނަށަމުން ގެންދާނެ އެވެ. އަނެއްކާ މޫނުމަތީގެ އެކްސްޕްރެޝަންތައް ވެސް އެހާ ފައްކަލެވެ. ފިލްމުތަކުގައި އެންމެ މޮޅެތި ބަތަލާއިން ދައްކާ އެކްޓިންއަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރައެެއް ނޫނެވެ.
އާންމުކޮށް އޭނާގެ ވީޑިއޯތަކުގައި ކާރު ދުއްވަން އިންނަނީ އޭނާގެ ފިރިމީހާ އެވެ. މަދު ވީޑިއޯއެއްގައި ރައްޓެހިންތަކެއް ވެސް ފެނެ އެވެ. މީރާގެ ނެށުމުގެ ހުނަރާއި އެކްޓްކުރުން އަދި މޫނުމަތީގެ އެކްސްޕްރެޝަންތަކާއި އެއްވަރަށް އެ ވީޑިއޯތަކުގައި ފެންނަ އޭނާގެ ފިރިމީހާއަށް ލިބޭ ސަމާލުކަން ވެސް ވަކި ކުޑައެއް ނޫނެވެ.
ހުރިހާ ވީޑިއޯއެއްގައި ކަހަލަ ގޮތަކަށް އޭނާގެ ފިރިމީހާ ކާރު ދުއްވަން އިންނައިރު އަބަދުވެސް އޭނާ ފެންނާނީ ސީރިއަސް މޫޑެއްގަ އެވެ. ޗުއިންގަމެއް ކަހަލަ އެއްޗެއް ކާލަ ކާލައިި އިންނާނެ އެވެ. އެހެން ނޫނީ އޭނާގެ 100 ޕަސަންޓު ސަމާލުކަން ދީފައިވަނީ މަގުމައްޗަށެވެ. ލަވަ ޖަހައިގެން ގާތުގައި އިނދެ ކިތަންމެ ފޯރިއެއްގައި އަންހެނުން މީރާ ނެށިއަސް އޭނައަށް ކައިރީގައި މީހަކު އުޅޭހެންވެސް ހީނުވެ އެވެ. ހިންޏެއްވެސް ނާދެ އެވެ. ބޮޑެތި ބިޒްނަސް ޑީލްތައް ނިންމާލާއިރު މީހުންގެ މޫނުމަތިން ފެންނަން ހުންނަ ކަހަލަ ސީރިއަސް މޫޑެއްގައި އިނދެގެން އޭނާ ކާރު ދުއްވަ އެވެ. އެ ވީޑިއޯތައް އެންމެ ގިނަ ބަޔަަކަށް ކަމުގޮސްފައިވަނީ ވެސް އެހެންވެ އެވެ.