ތިން އަހަރަށްވުރެ ގިނަ ދުވަހު އުރީދޫ މޯލްޑިވްސް އަށް ހިދުމަތް ކުރެއްވުމަށްފަހު، ކުރީގެ ސީއީއޯ އަދި ފަހުން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ އެ ކުންފުނިން ރޭ އިސްތިއުފާ ދެއްވައިިފި އެވެ.
އުރީދޫ އިން ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާގައި އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވުމަށްފަހު ވިކްރަމް ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި ރާއްޖެއަށް ހިދުމަތް ކުރަން ލިބި ވަޑައިގަތް ކަމަކީ ޝަރަފެއް އަދި އުފަލެއް ކަމަށެވެ.
"އިސްތިއުފާ ދިން ނަމަވެސް އަޅުގަނޑުގެ މިހާރުގެ ވަޒަނަރީ ރާއްޖެ. އަބަދު ވެސް ރާއްޖެ ހާއްސަވާނެ،" އުރީދޫ މިޔަންމާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ވިކްރަމް ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ އޭނާ ރާއްޖޭގައި ހޭދަ ކުރެއްވި ދުވަސްތަކަކީ ތަފާތު، އަދި އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ދިވެހި ޒުވާނުން ވަރުގެ އުފެއްދުންތެރި ބަޔަކު އޭނާ ނުދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަސައްކަތް ކުރެވިއްޖެ. އެކަމަކު ދިވެހި ޒުވާނުން ވަރުގެ ހުނަރުވެރި ބަޔަކު ނުދެކެން. އުރީދޫއަށް ބެލި ނަމަވެސް މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 96 ޕަސެންޓަކީ ދިވެހި ޒުވާނުން. ދިވެހިންނަށް ބޭނުންވަނީ ފުރުސަތު، އެ ފުރުސަތު ދީފިނަމަ ދިވެހި ޒުވާނުން ކުރިއަރައިގެންދާނެ،" ވިކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުރީދޫއަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު ޓޫރިޒަމް ނަގާފައި އެންމެ ކާމިޔާބު އެއް އިންވެސްޓްމަންޓް ކަމަށެވެ.
"އުރީދޫއަކީ ރާއްޖޭގައި ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު މިސާލެއް،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯގެ މަގާމަށް ވިކްރަމް ސިންހަ ހަވާލުވުމަށްފަހު ވަނީ ރާއްޖޭގެ އައިޓީސީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދޭނެ އުފެއްދުންތަކެއް ގެނެސްދީފަ އެވެ. މީގެ އިތުރުން ބޮޑެތި ވިޔަ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މީގެ ތެރޭގައި އެމްފައިސާ އާއި ފޯޖީ އަދި ސަމްބެރިން ކޭބަލް މަޝްރޫއު ހިމެނެ އެވެ.