ވިޔަފާރި

ޑޭކެއާ ސެންޓަރެއް ހިމެނޭ އުރީދޫ މައި އިމާރާތުގެ ބިންގާ އަޅަައިފި

  • އިމާރާތް ހަދަނީ ބިއްލޫރިން
  • އަށާރަ މަހުން މަސައްކަތް ނިމޭނެ
  • އިމާރާތް ކުރަނީ 12 ބުރިއަށް

ޑޭކެއާ ސެންޓަރާއެކު ގިނަ ހިދުމަތްތައް ހިމެނޭ ގޮތަށް، ހުޅުމާލޭގައި އަޅާ އުރީދޫ މައި އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރި އަމީން ރެސިޓެންސް ކުރިމައްޗަށްވާ ގޮތަށް ހަދާ އުރީދޫ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނަޖީބު ހާން އަދި ކުރީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ ނަޖީބު ހާން ވިދާޅުވީ މި އިމާރާތް އެޅުމަކީ އެ ކުންފުނިން ދެކެމުން އައި އުވަފެނެއް ކަމަށާއި، މިއަދަކީ އެ ހުވަފެނުގައި ކުލަ ޖެހެން ފެށި ދުވަސް ކަމަށެވެ.

"ވަރަށް ދުވަހުގެ މަސައްކަތް މިއީ. މިއަދު ވިކްރަމް [ކުރީގެ ސީއީއޯ] ބައިވެރިވުމަކީ ލިބޭ އުފަލެއް،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫގެ މައި އިމާރާތް އަޅަން ހުޅުމާލެ ހިޔާރުކުރީ މިރަށުގެ ކުރި މަގަށް ބެލުމަށްފަހު ކަމަށެވެ.

"މިއީ [ހުޅުމާލެ] އަކީ ޓެކްނޮލޮޖީ އާއި ކުރިއެރުމުގެ ސިޓީ. އެހެންވެ މިތަން ހިޔާރު ކުރީ،" ނަޖީބު ވިދާޅުވި އެވެ.

ބިއްލޫރި އާއި ސްޓީލުން ހަދާ މި ފުރިހަމަ އިމާރާތުގެ ޑިވްލޮޕްމަންޓާއި ޑިޒައިން އަދި އިންޖިނިއަރިންގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ޓެން އާކިޓެކްޓް ކުންފުނިންނެވެ. އަދި ޕްރޮޖެކްޓް މެނޭޖުކުރާނީ ރާއްޖޭގެ ކީސްޓޯން ކުންފުނިންނެވެ.

އުރީދޫ ހެޑް އޮފީހުގެ މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ ޑިރެކްޓަރު އެޗްއާރު އެންޑް އެޑްމިން މުހައްމަދު ޝާހިދު ވިދާޅުވީ މިތަނުގައި މުވައްޒަފުންނަށް ތަފާތު މަސައްކަތުގެ މާހައުލެއް އޮންނާނެ ކަމަށެވެ.

"މިހާރު އާއްމުކޮށް އޮފީސްތަކުގައި ހުންނަ ގޮތާ ތަފާތު ވާނެ. ހުރިހާ ލެވަލްއެއްގެ މީހުންނަށް ވެސް ތަފާތު މާހައުލެއް އޮންނާނީ. ސްޓާފުންގެ ދަރިން ގެނެސް ބަހައްޓާލެވޭ ގޮތަށް ޑޭކެއާ ސެންޓަރު ފަދަ ވަސީލަތްތައް ވެސް މިތަނުގައި ހުންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އުރީދޫން އިމާރާތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށާނެ ކަމަށް އެ ކުންފުން ވަނީ ބުނެފަ އެވެ. އަދި މި އިމާރާތް 12-18 މަސް ދުވަހުން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.