ވިޔަފާރި

އުރީދޫ ހިއްސާއެއް ބާޒާރުގައި 40ރ. އަށް ވިއްކާލައިފި

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ވިއްކަން އުރީދޫން ހުޅުވައިލި، ހިއްސާއެއް ބާޒާރުގައި 40ރ. އަށް ވިކިއްޖެ އެވެ.

އުރީދޫގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް އަރުޝީ މުހައްމަދު ވިދާޅުވީ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާއެއް 40ރ. އަށް ވިކުމަކީ ތަރުހީބު ރަނގަޅު ކަމުގެ ހެއްކެއް ކަމަށެވެ.

"ހިއްސާއެއް އުރީދޫން ވިއްކީ 30ރ. އަށް ނަމަވެސް ބާޒާރުގައި 40ރ. އަށް ވިކުނީމަ މިއީ ވަރަށް ރަނގަޅު އަދަދެއް،" އަރުޝީ ވިދާޅުވި އެވެ.

އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުވެފައިވަނީ ކުރިއަށް ގެންދިޔަ ކާމިޔާބު އައިޕީއޯއަކުންނެވެ. މި އައިޕީއޯ އިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ.