ދިރިއުޅުމުގެ ތެރޭގައި ވަަރަށް އާދައިގެ ކަމެއްގެ ގޮތު، އެތަން މިތަނަށް ޕްލާސްޓިކް ކޮތަޅާއި ފުޅި އާއި ކުނި އުކަނީ އެނޫން ގޮތަކަށް ކަން ކަން އާދަ ކުރަން ދަސްކޮށްދޭން ޖެހޭ ތައުލީމު ތަރުބިއްޔަތު ދީފައި ނުވާތީ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ރިސާޗް ސެންޓަރުން މިއަދު ފެށި މަލްޓި ޑިސިޕްލިނަރީ ރިސާޗާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު މިއަދު ހެނދުނު ވިދާޅުވީ ޔުނިވާަސިޓީތަކުން ގްރެޖުއޭޓްވާ މީހުންނަކީ ތިމާވެށްޓަށް ގެއްލުން ނުދޭ ބަޔަކަށް ވުމަށް ފިލާވަޅު ނަގައިދީ ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
"އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅާއި ފުޅި ވެށީގެ ތެރެއަށް އެއްލާލަނީ؟ [އެކަން ކުރަނީ] އެއީ އަދި އެތަކެއްޗަކީ ތިމާވެއްޓަށް ގެއްލުންވާ ތަކެތި ކަން އަހަރެމެންނަށް ނޭނގޭތީއެއް ނޫން. އެކަމަކު އެނޫން ގޮތަކަށް ކަންތައް ކުރަން އަހަރެމެންނަށް ދަސްކޮށްދީފައި ނުވާތީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ދެހެއްޓެނިވި ތަރައްގީއާއި ތައުލީމާ ހުރި ގުޅުމާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދައްކަވަމުން އެެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރާ މުޖުތަމައަކީ ބިމާއި ބިމުގައިވާ ވަސީލަތްތަކަށް ކަމޭ ހިތައި އެހެން މީހުންނާއެކު ސުލްހަވެރިކަމުގައި ދިރިއުޅޭ މުޖުތަމައެއް ކަމަށެވެ.
"އެއީ ހަމަ އެކަނި އިގުތިސޯދީ ތަރައްގީއެއް ނޫން. އެއީ ޕްލެނެޓްގެ ސިއްހަތު. ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުން. އެއީ ތިމާވެށި ވިހަ ނުކޮށް ކާނާ ހޯދުން. ސުލްހަވެރިކަމުގައި ދިރިއުޅެ، ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހޭނެ ގޮތަކަށް މަސަައްކަތް ކުރުން،" ރައީސް ވަހީދު ވިދާޅުވި އެވެ.