ރާނީ މުކަރުޖީ

ޖޯންގެ ފިލްމާއި ރާނީ އެނބުރި އަންނަ ފިލްމު އެއް ދުވަހެއްގައި

Oct 3, 2017

ޖޯން އަބްރަހަމް އާއި ޑިއާނާ ޕެންޓީ ލީޑް ރޯލުން ފެނިގެންދާ "ޕަރްމަނޫ" ރިލީޒްކުރާ ގޮތަށް ކުރިން އޮތީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ނަމަވެސް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ޑިސެމްބަރު އެއް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ބަދަލު ކުރުމުން ޖޯންގެ ފިލްމުގެ ވިޔަފާރި އަށް އެ ފިލްމުގެ އަސަރުކުރާނެ ކަމަށް ބަލައި ވަނީ އޭނާގެ ފިލްމު ރިލީޒްކުރުން އަންނަ އަހަރުގެ ފެބްރުއަރީ އަށް ލަސްކޮށްފަ އެވެ.

"ޕަދްމާވަތީ" އާ އަޅާބަލާއިރު "ޕަރްމަނޫ" އަކީ ކުޑަ ފިލްމެކެވެ. އަދި ޑިސެމްބަރުގެ ފަހުކޮޅު ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް "ޓައިގާ ޒިންދާހޭ" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ބޮޑު އެ ދެ ފިލްމުގެ ދޭތެރޭގައި ތާށިވާ ކަމަށް "ޕަރްމަނޫ" ގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ބޭނުމެއްނުވެ އެވެ.

ބޮޑު ފިލްމުތަކަކުން ރެކެން ވެގެން ލަސްކުރި "ޕަރްމަނޫ" އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ ބޮޑު ފިލްމަކާ އެވެ. މަޝްހޫރު އަދި ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ އެނބުރި އަންނަ ފިލްމު "ހިޗްކީ" އާ އެވެ. ރާނީގެ ފިރިމީހާ އަދިތްޔަ ޗޯޕްޅާގެ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމާ ޖޯންގެ ފިލްމު ކުރިމަތިލާން ޖެހުމަކީ ހާސްވާން ޖެހޭނެ ކަމެކެވެ.

ނަމަވެސް މާޗް އަދި އޭޕްރީލްގައި ރިލީޒް ކުރަން ބޮޑެތި ފިލްމުތަކެއް ހަމަޖެހިފައި ހުރުމާއެކު ޖޯންގެ ފިލްމު ފެބްރުއަރީގައި ރިލީޒްކުރުން ނޫން ގޮތެއް ނެތެވެ.

"ހިޗްކީ" އާއެކު ޖޯންގެ ފިލްމު ކުރިމަތިލުމަކަށް ދިއުމާ ބެހޭގޮތުން އެ ފިލްމުގެ ޕްރޮޑިއުސްކުރާ ކްރީއާޖް އެންޓަޓެއިންމަންޓުގެ ފަރާތުން ޕްރޭރްނާ އަރޯރާ ބުނެފައިވަނީ އެ ދެ ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ވެސް ތަފާތުވުމުން ކުރިމަތިލުމަކަށް ދިއުމާ ގުޅޭގޮތުން އެމީހުންގެ މާބޮޑު ހާސްކަމެއް ނެތް ކަމަށެވެ.

"23 ފެބްރުއަރީގައި ފިލްމު ރިލީޒްކުރުން ނޫން ގޮތެއް ދެން ނެތެް. ޖެނުއަރީ އަކީ ފިލްމު ރިލީޒްކުރަން އެހާ ރަނގަޅު މަހެއް ނޫން. ފެބްރުއަރީ ފިޔަވައި ދެން ހުރި މަސްތަކުގައި ބޮޑެތި ފިލްމުތަކެއް އެބަ ރިލީޒްވޭ، ޕްރޭރްނާ ބުނެފައިވެ އެވެ.

"ޕަރްމަނޫ" އަކީ 1998 ވަނަ އަހަރު އިންޑިއާގައި ނިއުކްލިއާ ބޮން ޓެސްޓްކުރުމުގެ ތެރޭގައި ބޮން ގޮވި ހާދިސާގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި "ހިޗްކީ" އަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު އޭނާގެ އެންމެ ބޮޑު ބަލިފައި، އެންމެ ބޮޑު ހިތްވަރަށް ބަދަލުކޮށްލާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.