ބޮލީވުޑް

"މަރްދާނީ 2" ސިނަމާއަށް ގެންނަނީ ޑިސެމްބަރުގައި

ފުލުހެއްގެ ރޯލުގައި ރާނީ މުކަރްޖީ ކުޅުނު "މަރްދާނީ" އަށް ލިބުނު ތަރުހީބަށްފަހު އެ ފިލްމުގެ ސީކުއެލް އެއް އުފައްދާނެ ކަމަށް ބުނެފައިވަނީ، މިދިޔަ އަހަރު ފަހުކޮޅު އެވެ. ފިލްމުގެ މަސައްކަތް ފަށާ ޝޫޓިން ނިންމާލުމަށްފަހު "މަރްދާނީ" ރިލީޒް ކުރާނެ ތާރީހުވެސް ފިލްމުގެ ޓީމުން މިހާރު ބުނެފި އެވެ.

ފުލުސް އޮފިސަރު ޝިވާނީ ޝިވާޖީ ރޯއިގެ ސްޓޯރީ ކިޔައިދޭ މި ފިލްމު ރިލީޒް ކުރަން ދީފައިވާ ތާރީހަކީ މި އަހަރުގެ ޑިސެމްބަރު މަހެވެ.

މަރްދާނީ އަކީ 2014 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ފަގީރު އަވަށެއްގައި ކުދިން ވަގަށް ނަގާ އެ ކުދިން ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ކުރާ މާފިޔާ ގޭންގްއަކާ ޝިވާނީ ޝިވާޖީ ރޯއި ކިޔާ ފުލުސް އޮފިސަރެއް (ރާނީ މުކަރުޖީ)ގެ ހަމަލާތަކެވެ. މި ފަހަރުގެ ފިލްމުގައި ރާނީގެ ކުރިމަތިލުންތައް އޮތީ 21 އަހަރުގެ ވިލަން އަކާ އެވެ.

ޑިސެމްބަރު މަހުގެ 13 އަށް ފިލްމު ސިނަމާގައި އަޅުވަން ނިންމާފައިވާއިރު ގިނަ ބަޔަކު ވަނީ ރާނީ އާއެކު ގަދަހިފުންތަކަށް ދާނީ ކޮން އެކްޓަރެއްތޯ ސުވާލު އުފައްދަމުންނެވެ. ފިލްމުގެ އެކްޝަން ސީންތައް އެންމެ ފުރިހަމައަށް ގެނެސްދޭނެ ކަމަށް ފިލްމުގެ ޓީމުން ބުނެފައިވާއިރު، ގިނަ މަންޒަރުތައް ނަގާފައިވަނީ ރާޖަސްތާނުގަ އެވެ.

ޔަޝްރާޖް ފިލްމްސްގެ ދަށުން ގެނެސްދޭ މަރްދާނީގެ ޕްރޮޑިއުސަރަކީ ފުރަތަމަ ފިލްމުގެވެސް ޕްރޮޑިއުސަރު އަދި ރާނީ މުކަރުޖީގެ ފިރިމީހާ އަދިތްޔާ ޗޯޕްރާ އެވެ.

ރާނީ އެންމެ ފަހުން ފެނުނީ ފިލްމު "ހިޗްކީ" އިންނެވެ. މި ފިލްމުގައި ރާނީ ދެއްކި ރޯލަށް ގިނަ ބަޔެއްގެ ތައުރީފު ލިބުނެވެ.