ފިނިޕޭޖް

އަހަންނަށް އެންމެ މަގްބޫލީ "ޗަލްތޭ ޗަލްތޭ: ރާނީ

ޝާހްރުކް ޚާނާއެކު ފިލްމު ކުޅުމަކީ ރާނީ މުކަރުޖީ އަބަދުވެސް އެންމެ ކުރާހިތްވާ ކަންތަކެވެ. "ޗަލްތޭ ޗަލްތޭ" ރާނީ އަށް އެހާ މަގްބޫލުވީ އެއް ސަބަބަކީ އެ ފިލްމުގެ ބަތަލަކީ ޝާހްރުކް އަށް ވެފައި ފިލްމު ޕްރޮޑިއުސްކުރީ ވެސް ޝާހްރުކްގެ ފިލްމު ކުންފުނިން ކަމަށް ވާތީ އެވެ. އަދި ގްރީސްގެ ރީތި ރަށްތަކުގައި ފިލްމުގެ ޝޫޓިން އޮތުން ވެސް ވީ ރާނީ އަށް ފިލްމު ޚާއްސަވި ސަބަބަކަށެވެ.

"މައިކޯނޯސް އާއި އެތެންސްގެ ރީތި ޖަޒީރާ ރަށްތައް އަޖައިބެއްހާ ރީތި. އެ ރަށްތަކުގައި ޝޫޓިންގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ. އެހާވެސް މަޖާ އުފާވެރި ދުވަސްތަކެއް އެއީ. ޚާއްސަކޮށް އެތެންސްގެ ތާރީޚީ އާސާރީ ތަންތަން ވަރަށް ފުރިހަމަ،" ރާނީ ބުންޏެވެ.

އަޒީޒް މިރްޒާ ޑައިރެކްޓް ކޮށްފައިވާ "ޗަލްތޭ ޗަލްތޭ" ރިލީޒް ކޮށްފައި ވަނީ މީގެ 17 އަހަރު ކުރިންނެވެ. ފިލްމުގައި ދައްކަނީ ލޯބިވެގެން ކައިވެނިކުރާ ދެމަފިރިއެއްގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދެ މީހުންގެ ގުޅުން ގޯސްވެގެން ހިނގާ ހާދިސާ ތަކެކެވެ.

މި ފިލްމުގައި ރާނީ ފެނިފައި ވަނީ އެހެން އެއްވެސް ފިލްމަކުން ނުފެންނަހާ ރީތި ކޮށެވެ. މިކަމުގެ ހުރިހާ ވެސް ޝުކުރެއް ރާނީ ރައްދު ކުރަނީ މޭކްއަޕް އާޓިސްޓް މިކީ ކޮންޓްރެކްޓާ އަށެވެ. ރާނީ ބުނި ގޮތުގައި ފިލްމުގައި ރާނީގެ ސިފަ ވަރަށް ތަފާތު ކޮށްލަން މިކީ ބޭނުން ވެގެން އެކަމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް އޭނާ ކުރި ކަމަށެވެ. އަދި ފިލްމުން ފެންނަ ރާނީ އަކީ މިކީގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މި ފިލްމުގެ ބަތަލާއަކަށް ކުރިން ހަމަޖެހިފައި އޮތީ އައިޝްވަރިޔާ ރާއީ އެވެ. ފިލްމުގެ ބައެއް އައިޝްވަރިޔާ އާއި ޝާހްރުކް ޝޫޓް ވެސް ކުރި އެވެ. ނަމަވެސް އޭރު އައިޝްވަރިޔާ ރައްޓެހި ވެގެން އުޅުނު ސަލްމާން ޚާން އެ ފިލްމުގެ ސެޓަކަށް ގޮސް އެތާގައި ހުރި އެއްޗިއްސަށް ގެއްލުންދީ ބޮޑު ހަމަނުޖެހުންގަނޑެއް ހިންގުމުގެ ސަބަބުން ޝާހްރުކް ކައިރިއަށް އައި ރުޅީގައި އައިޝްވަރިޔާ ފިލްމުން ވަކި ކޮށް ރާނީ ލައްވާ އަލުން މި ފިލްމު ޝޫޓް ކުރީ އެވެ.

އައިޝްވަރިޔާ ކައިރީ އަހާވެސް ނުލާ ރާނީ މި ފިލްމު ގަބޫލު ކުރީމަ އައި ރުޅިން އައިޝްވަރިޔާ އާއި ރާނީ ވާހަކަ ދެއްކުން ވެސް ހުއްޓާލައިގެން ގިނަ އަހަރު ތަކެއް ވަންދެން ތިއްބެވެ. މި ފިލްމު ކުޅެން ރާނީ އެއްބަސްވުމުގެ ކުރިން އައިޝްވަރިޔާ އާއި ރާނީގެ މެދުގައި ވަރަށް ގާތް އެކުވެރިކަން އޮތެވެ.

މިހާ ރީތި ފިލްމެއް ޝާހްރުކް އާއެކު ކުޅެން ލިބުމުން ރާނީ އަށް ދޫކޮށް ނުލެވުނީ ކަމަށް ރާނީ ފަހުން އެއްބަސް ވެފައި ވެއެވެ.