ހަބަރު

ޕޭ ކޮމިޝަނަށް ޕޭ ރިވިއު އެނަލިސްޓެއް ހޯދަނީ

ޕޭކޮމިޝަންގެ ސެކްރެޓަރިއޭޓްގައި މަސައްކަތް ކުރާނެ ޕޭ ރިވިއު އެނަލިސްޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕޭ ރިވިއު އެނަލިސްޓްގެ މައިގަނޑު މަސައްކަތަކަށްވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެހެންކަމުން މި މަސައްކަތް ކުރުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާ ތަޖުރިބާ ލިބި ވަޑައިގެންފައިވާ ބޭފުޅުންނަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕޭ ރިވިއު އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.

މި ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ދުވަހު "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަން ޖެހެ އެވެ.

ދައުލަތުގެ މުސާރައިގެ ކަންތައް ބެލެހެއްޓުމަށް ނޭޝަނަލް ޕޭ ކޮމިޝަން އުފައްދާފައިވަނީ މިދިޔަ އަހަރު އެވެ. އެ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ މެންބަރުންނަކީ މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހުމަދު މުނައްވަރާއި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުޙައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވިޒަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރާއި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް އާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާޠިމަތު ރަޒީނާ އެވެ.