ބޮލީވުޑް

ޑައިރެކްޓަރު ވިޖޭ އާއި އަމީތާބާ ދެމެދު މައްސަލައެއް!

ކުޅަދާނަ ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އާމިރް ޚާން އެކުގައި ފިލްމަކުން ފެނިގެންދާ ކަމުގެ ވާހަކަ ދެކެވެން ފެށުމުން ޔަގީންވާ ހަމައެކަނި ކަމަކީ އެ ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ފިލްމެއް ކަމަށެވެ. މި ދެ ތަރިން ކޮލިޓީ ކޮމްޕްރޮމައިޒް ކުރާނެ ތަރިންނެއް ނޫނެވެ.

އަމީތާބާއި އާމިރް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަކީ ޔާޝް ރާޖް ފިލްމްސް އިން އުފައްދަމުން އަންނަ ބޮޑު ފިލްމެކެވެ. ބަތަލާއިންގެ ރޯލުން ކެޓްރީނާ ކައިފް އާއި ފާތިމާ ސަނާ ޝައިހް ފެނިގެންދާ މި ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނަ އަޗާރިޔާ އެވެ.

އަމީތާބާއި އާމިރް އަކީ އެމީހުން ކުޅޭ ކޮންމެ ފިލްމެއް މާސްޓާ ޕީސް އަކަށް ހަދަން އެމީހުންނަށް ލިބިފައިވާ ހުނަރެއް ބޭނުންކުރާ ތަރިންނެވެ. އާންމުކޮށް އެމީހުން ކުޅޭ ފިލްމުތަކަށް އަމިއްލަ ހިޔާލުތައް ފައްކާކުރާއިރު މި ދެތަރިން އަންނަނީ "ތަގްސް އޮފް ހިންދުސްތާން" ވެސް މޮޅު ފިލްމަކަށް ހަދަން އެމީހުންގެ ރަހަތަކަށް ފިލްމު ހެޔޮވަރުކުރަމުންނެވެ.

މި ދެތަރިން ކިތަންމެ ކުޅަދާނަ ވެފައި ތަޖުރިބާ ހުއްޓަސް ޑައިރެކްޓަރު އަޗާރިޔާގެ އުފެއްދުންތަކަށް ފާޑުކިޔައި ހިޔާލުތައް ބަންޑުން ކުރަން ފެށުމުން ފިލްުމުގެ ޑައިރެކްޓަރާއި އަމީތާބާ ދެމެދު ހިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ.

ހަބަރުތައް ބުނާގޮތުން ފިލްމުގެ މަންޒަރަކާ މެދު އަމީތާބް ހިތްހަމަނުޖެހި އެކަމާ ގުޅޭގޮތުން އަޗާރިޔާ އާ ވާހަކަދެއްކުމުން އޭނާ ނެގި މަންޒަރު ރަނގަޅު ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ފެށުމުން އަމީތާބާ އަޗާރިޔާ އާ ދެމެދު ވަނީ އެކަމާ ގުޅޭގޮތުން ޒުވާބެއް ކުރިއަށް ގޮސްފަ އެވެ.

އެ ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އަޗާރިއާ އާއި އަމީތާބާ ދެމުދު އުފެދުނު ހިޔާލު ތަފާތުވުމުގައި ދެމީހުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި ފިލްުމުގެ ޝޫޓިން ތިން ގަޑިއިރަށް ވުރެން ގިނައިރު ވަންދެން މަޑުޖެހިފައި އޮތް ކަމަށެވެ.

އެންމެފަހުން އާމިރް ވަނީ އަމީތާބާއި އަޗާރިޔާ ސުލްހަކުރުވައި ފިލްމުގެ ޝޫޓިން އަލުން ކުރިއަށް ގެންގޮސްފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފިލްމުގެ ސެޓުގައި އާމިރް އާއި އަމީތާބް އެމީހުން ފިލްމުގައި ފެނިގެންދާ ކެރެކްޓާގައި ތިއްބާ ފެންނަ ފޮޓޯތަކެއް ލީކުވެފަ އެވެ. އެކަމާ ގުޅިގެން ރުޅި އައިސްގެން އާމިރް ވަނީ ފިލްމުގެ ސެޓުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފަ އެވެ.

މޯލްޓާގައި މިއަހަރުގެ މެދު ތެރޭގައި ޝޫޓްކުރި މި ފިލްމުގެ ބައެއް މަންޒަރުތަކާ މެދު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ހިތްހަމަނުޖެހޭތީ އެ މަންޒަރުތައް އަންނަނީ އަލުން މުމްބައިގެ ސްޓޫޑިއޯއެއްގައި ނަގަމުންނެވެ.