ރިޕޯޓް

ޓެކްސީ "އެޕުން" ވެސް ވީކަމެއް ނެތް

ވިއްސާރަވެއްޖެނަމަ ޓެކްސީއެއް ހޯދުމަކީ ލާހިކުކަމެއް ނޫނެވެ! މިކަމާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ ޓެކްސީ ހޯދުމަށް ކުރިމަތިވާ ދަތިތަކަށް ހައްލު ގެނެސް ދިނުމަށް ސަރުކާރުން، ގިނަ މަސައްކަތް ތަކެއް ކޮށްފި އެވެ. ޓެކްސީތައް ރެގިއުލޭޓް ކުރުން ވަރުގަދަ ކުރި އެވެ. ޓެކުސީގެ ހިދުމަތް ރަނގަޅު ކުރުމަށް ބޭރުގެ ކަރަ ތަކުގައި ހުންނަ ގޮތަށް އޮންލައިން ނިޒާމެއް ގެންނަން މަސައްކަތް ކުރި އެވެ. މި ގޮތުން ދެ ކުންފުންޏަކާ ހަވާލުކޮށްގެން މޮބައިލް އެޕްލިކޭޝަން (އެޕް) ތަކެއް ވެސް ހެދި އެވެ. ސުވާލަކީ މި ނިޒާމާއެކު ކުލީ ކާރު ހޯދުމަށް މިހާރު ފެންނަނީ ކޮން ބަދަލެއް ހެއްޔެވެ؟

"ކޮންމެ ދުވަހަކު ވެސް ހަމަ ގުޅައިގެން ލިބެނީ. މޮބައިލް އެޕުގެ ބޭނުމެއް ނުކުރެވޭ،" އާއްމުކޮށް ޓެކުސީގައި އޮފީހަށްދާ 40 އަހަރުގެ، އަންހެނަކު ބުންޏެވެ.

ޓެކްސީގެ ހިދުމަތް ރަނގަޅު ކުރުމަށް އަމިއްލަ ދެ ފަރާތަކަށް ޓެކުސީ އެޕު ހަދައި ވަނީ ހަވާލުކޮށްފަ އެވެ. މިގޮތުން އެއް ނިޒާމު ހާއްސަ ވަނީ ޓްރާންސްޕޯޓު އޮތޯރިޓީ އަށެވެ. އަނެއް އެޕު މެދުވެރިކޮށް ހިދުމަތް ދެނީ އަމިއްލަ ޓެކުސީ ސެންޓަރަކުންނެވެ. ނަމަވެސް މި ދެ ނިޒާމު ވެސް މިހާރު މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ސުވާލަކީ ޓެކްސީ އެޕުން ޓެކްސީ ހޯދަނީ ކިތަށް މީހުން ހެއްޔެވެ؟ މިހާރު ޓެކުސީ ހޯދަން ޖެހެނީ ކުރިއެކޭ އެއްގޮތަށް މަގުމަތިން އަތް ނައިގެންނެވެ. ނުވަތަ ޓެކުސީ ސެންޓަރަކަށް ގުޅައިގެންނެވެ.

ޓެކްސީގެ ހިދުމަތް އާއްމުކޮށް ހޯދާ މީހުން ބުނާ ގޮތުގައި މިހާރު ކުރިއާއެއްވެސް ތަފާތެއް ނުފެނެ އެވެ.

"މިހާރެކޭ ކުރިއެކޭ ތަފާތެއް ނެތް. ގުޅައިގެން އެތަށް އިރަކު ފޯނު ކިޔޫގައި ހުރެގެން މިހާރު ޓެކްސީ ލިބެނީ. ގިނަ ފަހަރު އެތަށް އިރަކު ކިޔޫގައި އިންނަތަނާ ބުނާނެ ޓެކްސީއެއް ނެތޭ،" ޓެކްސީގައި އާއްމުކޮށް ދަތުރުކުރާ، އައިޝަތު މުހައްމަދު ބުންޏެވެ.

ޓެކްސީ ނުލިބެންވީ ކީއްވެ؟

މާލޭގައި ރަޖިސްޓްރީކޮށްފައިވާ 600 އަށް ވުރެ ގިނަ ޓެކްސީ ދުއްވަ އެވެ. ނަމަވެސް އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ޑިއުޓީގައި ތިބެނީ 400 އެއްހާ ޓެކްސީ ކަމަށްވެ އެވެ. އަދި ވިއްސާރަވެއްޖެނަމަ މި އަދަދު މަދުވެގެންދެ އެވެ. ވިއްސާރަ ވުމުން ޓެކްސީގެ ޑިމާންޑު އެންމެ މަތިވާއިރު ޓެކްސީ ނުލިބެނީ މިހެންވެ އެވެ.

ޓެކްސީ ޑްރައިވަރަކު ނަން ނުޖެހުމަށް އެދި ބުނީ ޓެކްސީ ނުލިބުމުގެ މައިގަނޑު އެއް ސަބަބަކީ ޓެކްސީގެ ވަޒީފާއަކީ ޕާޓްޓައިމް ވަޒީފާއަކަށްވުން ކަމަށެވެ.

"ގިނަ މީހުން ޕާޓްޓައިމް ކަމެއްގެ ގޮތުގައި ކޮށްލާ ކަމެއް މިއީ [ޓެކްސީ ކުރުން] އަކީ. އޮފީސް ނިންމާފަ ކުޑަ ވަގުތު ކޮޅެއްގައި ދުއްވައިލުމުން 500ރ. ނޫނީ 1000ރ. އެބަލިބޭ. އެހާ ހިސާބުން މިފައިބަނީ ޓެކްސީއިން،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މާލޭގައި ޓެކްސީ ނުލިބުމުގެ އަނެއް ސަބަބަކީ ޕްބަލިކް ޓްރާންސްޕޯޓު ނިޒާމު ފެއިލްވުމެވެ. މިހެންވެ، ސައިކަލް އާދަޔާ ހިލާފަށް ގިނަވުން މިއީ އަމިއްލަ ޓެކްސީ އަށް މި ހިދުމަތް ދިނުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ.

އެހެން ޓެކްސީ ޑްރައިވަރަކު ބުނީ ސައިކަލް ގިނަވެ މަގުތަށް ތޮއްޖެހިފައި އޮންނާތީ ކާރު ދުއްވުމަކީ މިހާރު ވާވަރުގެ ކަމެއް ނޫންކަމަށެވެ.

"ކޮންމެ ގެއަކު އެބައޮވޭ ފަސް، ހަ ސައިކަލް. މިހެންވެ ވަރަށް ބާރު ބޮޑު މަގުތައް. އަނެއް ކަމަކީ އިމާރާތް ކުރަން މަގު ބަންދު ކުރުން. މަގުތައް ބަންދު ކުރުމުން ދުއްވަން ދަތިވޭ،" ޑްރައިވަރު ބުންޏެވެ.

ޑްރައިވަރުން ބުނާ ގޮތުގައި މާލެތެރެ ހަލަބޮލިކަމުން އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ގިނަ ޓެކްސީތައް މަގުމަތީގައި ނުލިބޭ ކަމަށެވެ.

"އެންމެ ބޭނުންވާ ވަގުތު މި ޖެހެނީ ޓެކްސީ ޕާކު ކުރަން. ވާގޮތަކީ މަގުމަތީގައި އުޅެނިކޮށް ސައިކަލުތައް އެބަދޭ ޖެހިގެންފަ. އެމީހުން އަޅައެއް ނުލާ. އަހަރެމެން ރީތިކޮށް އޮތްކޮށްފަ އޮންނަ ކާރަށް ގެއްލުންވޭ. އެހެންވެ ތަންކޮޅެއް މަގުތަށް މައިތިރި ގަޑިތަކުގައި ނުކުންނަނީ،" އަހަރެއްހާ ދުވަސްކުރިން ޓެކްސީ ކުރަމުން ގެންދާ ޑްރައިވަރަކު ބުންޏެވެ.

ޓެކްސީ އެޕު ތައާރަފުކުރިއިރު، ސަރުކާރުން ބުނެފައިވަނީ މިއީ މިހުރިހާ ކަމަކަށް ހައްލަކަށްވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓެކްސީ ނުލިބިގެން އަންނަ ޝަކުވާ މަދުވާނެ ކަމަށެވެ. ނަމަވެސް ސުވާލަކީ އެބަދަލު ފެނޭ ހެއްޔެވެ؟