މިއުޒިކް

1438ގެ ކާމިޔާބު އެއް އަހަރު ފާހަގަކުރަނީ

ރާއްޖޭގައި މިވަގުތު އެންމެ ކާމިޔާބު އަދި އެންމެ މަޝްހުރު ބޮޑުބެރު ގްރޫޕަކީ ސާދަ ތިރީސް އަށެއް ނަމަކަށް ކިޔައިގެން އުފައްދައިގެން އުޅޭ ގްރޫޕެވެ. އެ ގްރޫޕް ނޭނގޭ މީހެއް ނުހުންނާނެ އެވެ. އުމުރު ކިޔާނެ ކަމެއް ނެތެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން ކާފަ އަދި މާމަމެންނަކީވެސް އެ ގްރޫޕްގެ ފޭނެއްކަން ޔަގީނެވެ. އެ ގްރޫޕުން ޝޯ ދޭން ރަށް ރަށަށް ދިއުމުން އެކަން ކަށަވަރުވެ އެވެ. ގުްރޫޕަށް މަރުހަބާ ކިޔާ ސެލްފީ އާ ފޮޓޯ ނަގަން އަންނަނީ ހަމައެކަނި ޒުވާނުންނެއް ނޫން ވީމަ އެވެ. އެ ވާހަކަ ބާއްވާފައި އަސްލު މައުލޫއަށް ޖެހިލަމާ ހިނގާށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ސާދަ ތިރީސް އަށެއްގެ ނަން ދީފައި 25 ޒުވާނުން އެކުގައި ބޮޑުބެރު ޖަހައިގަތީ އެހެން އެއްވެސް ގްރޫޕަކަށްވުރެ ގަދައަށް ބެރު ޖަހަން ހިތުލައިގެންނެވެ. ގިނަ ގޮންޖެހުންތަކަކާއިވެސް އެކުގަ އެވެ. އެކަން ކާމިޔާބުވެސް ކުރި އެވެ. ބޭންޑްގެ އުމުރުން އެއް އަހަރުވީ އިރު ބޮޑުބެރުގެ އެންމެ ބޮންތީގައި ހިފީ އެވެ. އެ ގްރޫޕާ ވާދަކޮށް ކުރި އަރައިގެން ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އެކަކު އަނެކަކުގެ ބޮލަށް ފައިން އަރާފައި ކުރިއަށް ދާން އުޅުމުގެ ބަދަލުގައި 1438 އަކީ ހުރިހާ މެންބަރުން އެކީގައި އަރައިގެންދާން އަޒުމް ކަނޑައަޅައިގެން ތިބި ގްރޫޕެކެވެ. ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ކުދިންގެ އަތުގައި ހިފަން ތައްޔާރެވެ. އާ އެތައް ކުދިންނަކަށް އަކުރު އަޅައިގެން ދަސްކޮށްދީގެން ތަމްރީނުކޮށްފި އެވެ. ބޮޑުބެރު އެކަންޏެއް ނޫނެވެ. މިއުޒިކް ބޭންޑުތައްވެސް އުފައްދައިގެން ނެރެނީ އެވެ. ނަަށަން ބޭނުންވާ ކުދިންގެ އަތުގައި ހިފައިގެން "ސްޓޭޖަށް" އަރުވާ މަޝްހޫރުކޮށްލައިފި އެވެ.

މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި 1438 އަށެއްގެ ދަށުން ތިން ބޭންޑެއް އުފައްދައިފި އެވެ. ކައިވެނި ޕާޓީތަކަށާއި ރިސޯޓް މިއުޒިކް ތަކަށާއި ހިތާނީ ޝޯތަކަށް ހާއްސަ ބޭންޑްތަކެކެވެ. ރާއްޖޭގެ އެ ދާއިރާގައި އެންމެ ފުންނާބު އުސް ފަންނާނުންނާ އެކީގަ އެވެ.

މީގެ އިތުރުން ރޭވެސް މިވަނީ "އޮއެވަރު" ބޭންޑުން އެ ގްރޫޕާ ގުޅިފަ އެވެ. ޑިވެލޮޕަރެއްގެ ގޮތުގައި ލީފް ފޮޓޯސް އިންވެސް ގުޅިއްޖެ އެވެ.

އެ ގްރޫޕްގެ ދަށުން ހިންގާ "ރަޒްމަޓާޒް" ޑާންސް ގްރޫޕަކީ ދިވެހި ސަގާފީ ނެށުންތަކުން ފެށިގެން ފެށިގެން ހިޕްހޮޕް އަށް އަދި ކަޕްލް ޑާންސްތަކަށްވެސް ތައްޔާރަށް އޮންނަ ގްރޫޕެކެވެ. ސަގާފީ ނެށުންތަކުގައިވެސް ދަނޑި، މާފަތި، ބަނޑިޔާ މިހެން ގޮސް ހުރިހާ ވައްތަރެއްގެ ނެށުމެން ނަށާނެ އެވެ.

ނެށުމާއި ލަވަ ކިޔުން އެކަންޏެއް ނޫނެވެ. ފުޓް ބޯޅައިގެ ފްރީ ސްޓައިލް ކްރޫއެއްވެސް ވަނީ ގުޅިފަ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެންމެ ގިނަ މީހުން ހެއްވަލާ "އަހިވަކު ޓީވީ" އަކީވެސް 1438ގެ ބައެކެވެ.

ެއެ ގްރޫޕަށް މިހާތަނަށް ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރޭގައި ރޭ ރަސްމީކޮށް ހުޅުވި އެ ގްރޫޕްގެ ސްޓޫޑިއޯ ފާހަގަކުރަން ޖެހެ އެވެ. ޖާގައިގެ ގޮތުން ތަނަވަސް އެ ސްޓޫޑިއޯ އަކީ ބޭންޑުގެ މެންބަރުން މުނިފޫހި ފިލުވުމާއި ބޮޑުބެރު އަދި ބޭންޑް ޕްރެކްޓިސްތަކަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓޫޑިއޯ އެކެވެ. ސްޓޫޑިއޯ އާ ބެހޭ ހާއްސަ އާޓިކަލް އެއް ފަހުން ގެނެސްދޭނަމެވެ.

ސާދަ ތިރީސް އަށެއް އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައި މިވާ ކާމިޔާބީއަކީ މީގެ ކުރިން އެހެން ބޮޑުބެރު ގްރޫޕަކަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދިފައި ނުވާ ފެންވަރުގެ ކާމިޔާބީ ތަކެކެވެ.