ކުޅިވަރު

ބަޔާންގެ އާ ކޯޗަކަށް ލުއިސް އެންރީކޭތަ؟

Oct 5, 2017

ޖަރުމަންގެ ބަޔާން މިޔުނިކްގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރިކޭ ގެނައުމަށް އޭނާ އާ ވާހަކަ ދައްކަން އެކުލަބުން ތައްޔާރު ވަމުންދާ ކަމަށް، ޖަރުމަންގެ މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

ބަޔާންގެ ކޯޗެއްގެ ގޮތުގައި ހުރި، އިޓަލީގެ ކާލޯ އަންޗެލޯޓީ މާގާމުން ދުރު ކުރީ މިދިޔަ ހަފުތާ އެވެ. މި ސީޒަންގައި، އެ ޓީމަށް އުނދަގޫ ފެށުމެއް ކުރިމަތިވެ، ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ އޮންނަ ގުޅުން ހީނަރުވުމުން، ބަޔާންގެ ބޯޑުން ވަނީ އަންޗެލޯޓީ މަގާމުން ދުރު ކޮށްފަ އެވެ.

ބަޔާންގެ އާ ކޯޗަކަށް، ބުރޫޝިއާ ޑޯޓަމުންޑްގެ ކުރީގެ ކޯޗް ތޯމަސް ޓޫހުލް ގެނައުމުގެ ވާހަކަތައް ދެކެވުނުވެ. ނަމަވެސް، މިހާރު އެވާޙަކަތަކުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލު ވެއްޖެ އެވެ. ބަޔާންގެ ކޯޗަކަށް ގެނައުމަށް މިހާރު އޮތް ނަމަކީ އެންރީކޭ އެވެ.

މިވާހަކަ ފެންމަތިވީ، ބަޔާންގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ބަޔާންގެ ރައީސް އުލީ ހޫނެސް، އިއްޔަ މެންދުރުގެ ކައުމަކުން ބައްދަލު ކުރުމުން ނެވެ. ބަޔާންގެ ކޯޗަކަށް އެންރީކޭ ގެނައުމަށް ގާޑިއޯލާ ހިޔާލު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަންގެ ޑީޑަބުލިއު ނޫހުން ބުނެފައި ވަނީ، ޓޫހުލްއާ ބެހޭގޮތުން، ހޫނެސް ގާޑިއޯލާއާއެކު މަޝްވަރާ ކުރި ކަމަށެވެ. އަދި ޓޫހުލް އަކީވެސް ބަޔާން ވަޒީފާ އަށް އެންމެ އެކަށީގެންވާ ކޯޗެއް ކަމަށް ގާޑިއޯލާ ބުނެފައިވާ ކަމަށް ޑީޑަބުލިއު އިން ބުނެފައި ވެއެވެ.

ގާޑިއޯލާ ވަނީ ބަޔާން މިޔުނިކަށް ޖަރަމަން ލީގް ޖެހިޖެހިގެން ތިން ފަހަރަށް ހޯދައި ދީފަ އެވެ. ބަޔާންގެ ސީއީއޯ ކާލޯސް ހެންޒް ރުމޭނިގާ ކުރިން ވިދާޅުވެފައި ވަނީ ގާޑިއޯލާ އާއެކު އިތުބާރު ހުރި ގުޅުމެއް އުފެދިފައިވާ ކަމަށެވެ. ބަޔާން އަށް ކޯޗެއް ގެނައުމުގެ ވާހަކަތައް ގާޑިއޯލާ އާއެކު ކުރިއަށް ގެންދިޔައީ އޭނާއާ މެދު އިތުބާރު އޮންނާތީ އެވެ.