ވިޔަފާރިއެއް ފެށި އިރު ކަށިން ހިތްވަރު ގަދަ ނަގައިގެން މަސައްކަތް ކުރީ ފެށުނު ވިޔަފާރި ނަގާ ކޮޅަށް ޖަހާށެވެ. އެ ހުރިހާ މަސައްކަތެއްގައި ވެސް އަމަލީ ގޮތުން ރެއާ ދުވާލު އޭނާ އުޅުއްވި އެވެ. އޭނާ ފުރަތަމަ ކުރެއްވި މަސައްކަތަކީ އިމާރާތް ކުރުމެވެ. އޭގެ ފަހަށް މައިގަނޑު ވިޔަފާރިއަކަށް ހެއްދެވީ ތެޔޮ ވިއްކުމެވެ. ތެޔޮ އަޅަން ދާ ލޮރީއަށް އަރާވަޑައިގެން އޭގައި ދަތުރު ކުރައްވައި، ކަސްޓަމަރާ ހަމައަށް ވަޑައިގަންނަވަ އެވެ. ތެޔޮ ހޮޅީގެ ކޮޅުގައި ހިފަހައްޓަވައިގެން ހުންނަވަ އެވެ. ކޭޝިއަރަކީ ވެސް ތެޔޮ އަޅާ މީހާއަކީ ވެސް އެއީ އެވެ. މިއީ ރާއްޖޭގެ އެތެރޭގައި އެންމެ ފުޅާކޮށް ތެޔޮ ސަޕްލައިކުރާ ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބު މަސައްކަތް ކުރެއްވި ގޮތެވެ. ލ. އިސްދޫއަށް އުފަން ޝިހާބު ކުރެއްވި އެ ގަދަ ހިތްވަރުގެ ނަތީޖާ ވެސް އޭނާއަށް ވަރަށް ފޮންޏެވެ. ކުންފުނީގެ ޗެއާމަންގެ ފުރިހަމަ ބައިވެރިވެ ވަޑައިގެންނެވުމާއެކު މިހާރު އެއީ އެ ދާއިރާގައި ރާއްޖެއިން އެންމެ މަތީ ނަމްބަރެއް ލިބޭ އެއް ކުންފުންޏެކެވެ. ރާއްޖޭގައި "ޝިހާބު" މި ނަމަކީ ރީތި އަދި ހިނގާ ނަމެކެވެ. މިއީ ވެސް މިހާރު ނަން ހިނގާ ޝިހާބެކެވެ.
"ފުރަތަމަ މަސައްކަތް ފެށިއިރު ހުރިހާ ކަމެއްގައިގެން ސީދާ އަޅުގަނޑު އުޅުނިން. މިއަދު ވެސް އަޅުގަނޑު ކުރިޔަށް ނުކުމެ ހުންނަން އެއީ މިހާނަށް މިހޯދުނު ކާމިޔާބީގެ ސިއްރަކީ. ކަންކަމުގައި އެކި މީހުން ބޭނުން ކުރަނީ އެކި ކަހަލަ ޝިއާރުތައް، ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުގެ ޝިއާރަކީ 'ބުރަކޮށް މަސައްކަތް ކުރުމުން ﷲ ކާމިޔާބު ދެއްވައޭ' އެ ޝިއާރާއެކު ވަރަށް ކާމިޔާބުކޮށް އިރާދަކުރެއްވީތީ މިދަނީ،" ޝިހާބު ވިދާޅުވި އެވެ.
ޝިހާބުގެ ދެ ގޮތެއް ނުވާ އަޒުމާއެކު މިހާރު ހުންނެވި ހިސާބަށް ދަތުރު ކުރެއްވި އިރު އެހެން ދަތުރެއްގެ ވާހަަކައެއް ވެސް އެބައޮތެވެ. ދިވެހިން ގިނަ އަދަދަކަށް ބޯޓު ދަތުރުކުރަން ގޮސް އުޅުނު ޒަމާނުގައި ޝިހާބު ވެސް އެ ދަތުރަށް އަރާ ވަޑައިގެންނެވި އެވެ. އެ ގޮތުން ބޯޓު ދަތުރު ކުރެއްވުމުގައި ދުނިޔޭގެ ހަތަރު ބިތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ ދަތުރުތަކުގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަށް ވަޑައިގެންނެވި އެވެ. އެ ދަތުރުތައް ވެގެން ގޮސްފައިވަނީ ކުރިޔަށް ވަަޑައިގަތުމުގެ ހިތްވަރަށާއި ތަޖުރިބާއަކަށެވެ. ދުނިޔޭގައި މީހުން ކުރިއަރައި ދާން މަސައްކަތް ކުރާ ގޮތް އެނގިވަޑައިގެންނެވި ސަބަބަކަށް އެކަންވި އެވެ.
"ދެންނެވިދާނެ އެއީ މަސައްކަތުގެ ތެރެއަށް ވަންނަން ލިބުނު ފިލާވަޅުތަކެކޭ، އަދި އެ ތަޖުރިބާތަކަކީ ކުރިޔަށް ދާން ލިބުނު މާވަހަރެކޭ ވެސް، އަޅުގަނޑު ވިސްނާލާއިރު ރަނގަޅު ތަޖުރިބާއަކީ މާހަވަރަށްވުރެ މާ އަގު ބޮޑު އެއްޗެއް،" ޝިހާބު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔޫރަޕުގެ ހުރިހާ ގައުމަކަށް ވެސް ދެވި ވަރަށް ތަފާތު ތަޖުރިބާތައް ކުރެވުނު، އެއީ ވަރަށް ގަދަ ފިންޏާއި ވަރަށް ގަދަ ހޫނުގައި ކުރި ދަތުރުތައް، އެތައް ބައިވަރު މަންޒަރުން އެތައް ބައިވަރު ތަޖުރިބާ ލިބުނު،"
ޝިހާބުގެ އެ ދަތުރުރައް ފެއްޓެވީ އުމުރުން 19 އަހަރުގަ އެވެ. އާގު ބޯޓުފަހަރުގައި އޭނާ މަސައްކަތް ކުރެއްވީ އިންޖިނިއަރިންގެ ދާއިރާގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރީގެ ތެރެއަށް އޭނާގެ ހިތް ގެންދިޔައީ ބޭރުދަތުރުތައް ކުރެއްވުމުގެ ތެރޭގަ އެވެ. ބޯޓު ދަތުރު ކުރެއްވުމުގައި 10 އަހަރު އޭނާ ހޭދަ ކުރެއްވިއިރު އިންޖީނު ރޫމްތަކުން އޭނާ ހިތް ތެލުގެ ވިޔަފާރިއާ ދިމާއަށް ވެސް ދިޔައީ ދަމަމުންނެވެ.
"އިނޖިނޭރަކަށް ފެންނާނެ ތެޔޮ އަނދައިގެން ދާ މިންވަރު، ތެލަށް ކުރާ ހަރަދު، ތެލުގެ ވިޔަފާރި ބަދަލުވަމުން ދައުރުވަމުންދާގޮތްވެސް އެހެންވީމާ އޭގެ ތެރެއިން ތެލުގެ ވިޔަފާރިއާ ދިމާއަށް އަޅުގަނޑުވެސް ގެންދިޔަ، މިފަހަދަ މަސައްކަތެއް ފެށުމުގެ ޝައުގުވެރި ކަމަކީއެއީ." ޝިހާބު ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރީގެ ތެރެއަށް ޝިހާބު ވަދެ ވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ. މަސައްކަތް ފެއްޓެވުމަށް ފުރަތަމަ އެޅުއްވެވި ފިޔަވަޅަކީ އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީ ކުރެއްވުމެވެ. އޭގެ ކުރިޔަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރެއްވުމުގައި ވެސް ހުންނެވި އެވެ.
"ކޮންސްޓްރަކްޝަންގެ މަސައްކަތުގައި އުޅުމަށްފަހު އަަސްލު ކުރަން ބޭނުންވާ މަސައްކަތް ކުރަން ދާއިރާ ބަދަލުކޮށްލީ. ސަބަބަކީ އެއީ އަބަދުގެ ވެސް ހުވަފެނަކަށް އެކަންވެފައި އޮންނާތީ. އެހެންވެ އެހެން ޕާޓްނަރަކާ ގުޅިގެން ބޭނުންވާ ދާއިރާއިން މަސައްކަތް ފެށީ. އެންމެ ޖޯޝުގައި އަޅުގަނޑަށް ކުރެވޭނެ ކަމެއް ކަމަށް ވެސް އެކަން ފެންނާތީ،" ޝިހާބު ވިދާޅުވި އެވެ.
ބުރަ މަސައްކަތާއެކު ހޯއްދެވި ކުރިއެރުން
ޝައުގުވެރިވެ ވަޑައިގެންނެވި ދާއިރާއިން މަސައްކަތް ފެއްޓެވުމަށް ފަހު ފުރަތަމަ ހޯއްދެވީ ތެޔޮ އުފުލާނެ ވަރަށް ކުޑަ ކުޑަ އުޅަނދެކެވެ. އެއީ ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ހޯއްދެވި އުޅަނދެކެވެ. އެ ކުޑަ ކުޑަ އުޅަނދުގެ ދުވެއްޔާއެކު ވަޑައިގެންނެވުނު ހިސާބުން މިހާރު ބަލައިލާއިރު، ތެޔޮ އުފުލާނެ ހަ އުޅަނދު ޝިހާބުގެ ފިއުލް އެކްސްޕްރެސްގައި އެބައޮތެވެ. ރާއްޖޭގެ ސަފާރީ އިންޑަސްޓްރީގެ އުޅަނދު ފަހަރަށް އެންމެ ގިނައިން ތެޔޮ އަޅައިދޭ އެންމެ މަގުބޫލް އެހީތެރިޔާއަކީ އެ ކުންފުންޏެވެ. އޭގެ ނަތީޖާއަކީ ފިއުލް އެކްސްޕްރެސް އަށް "ބޯޓިން އެވޯޑު" ނުވަަތަ 2015 ވަނަ އަހަރުގެ "ސަޕްލައިން އޮފްދަ އިޔާ" ލިބިގެން ދިއުމެވެ. އެއީ ރާއްޖޭގައި އެގޮތަށް ދެވުނު ފުރަތަމަ އެވޯޑެވެ. އެ ހާއްސަ އެވޯޑު ލިބުމުގެ މައިގަނޑު ސަބަބަކީ ޝިހާބުގެ ނިޔަމި ކަމުގައި އޭނާގެ މުވައްޒަފުން ކުރި ބުރަ މަސައްކަތެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ފިއުލް އެކްސްޕްރެސް އިން އިސްކަން ދީ އަބަދުވެސް އެކަމަށް ތައްޔާރުވެގެން ތިބުމުގެ ނަތީޖާ އެވެ.
"މިއީ ވަރަށް ކުޑަކުޑަ އަދި ވަރަށް އާދައިގެ ފެށުމެއް، އެކަމަކު މިހާރު އިންޓަނޭޝަނަލް ބަންކަރިން އާއި ގިނަ ރިސޯޓު ތަކަށްވެސް އަޅުގަނޑުމެން ތެޔޮ އަޅަައިދެން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް، އަޅުގަނޑަށް މިހާރު ދެންނެވި ދާނެ، އޭރު ހޯދި ކުޑަކުޑަ އުޅަނދު ދުވީ ވަރަށް ބާރަށޭ!" ޝިހާބު ވިދާޅުވި އެވެ.
ޝިހާބު އޭނާގެ މަސައްކަތުގައި އަދިވެސް ކުރައްވަނީ ތަޖުރިބާ އެވެ. އަދިވެސް ލައްވަނީ ގަދަ ހިތްވަރެވެ. އެގޮތަށް ކުރިއަށް ވަޑައިގަންނަވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވާ ހުރަސްތައް ވެސް ގިރާ ކުރައްވަމުންނެވެ. އޭނާއަށް އޮތް އެއްމެ ބޮޑު އެއް ގޮންޖެހުމަކީ އެއްފެންވަރެއްގައި ހުންނަވައިގެން ފަހަރަކު ފިޔަވަޅެއް ކުރިޔަށް އަޅުއްވާއިރު ހިދުމަތުގެ އެ ވިޔަފާރީގައި އާ ކުންފުނިތައް ގިނަވެ ބާޒާރަށް ބަދަލުތައް އަންނަމުން ދިއުމެވެ. ވާދަވެރިކަން ބޮޑުވަމުން ދިއުމެވެ. އެކަމަކު އެއީ ހިތްވަރު ހޯދޭ، އަޒުމު ވަރުގަދަ ކުރެވޭ ގޮންޖެހުމަކަށްވުމުން ޝިހާބު ހުންނެވެނީ އެކަމާ ހިނިތުންވެ ވަޑައިގެންނެވެ.
"މިއަދު މިކަން އަލަށް ފަށާ މީހަކަށް ވަރަށް ދަތިވާނެ، އަޅުގަނޑުމެންނަށް ވެސް މިކަން ކުރިއަށް ގެންދިއުމުގައި ބައިވަރު ޗެލެންޖުތައް މިހާރު އެބަހުރި، އެކަމަކު އަޅުގަނޑު ބަލަނީ އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް،" ޝިހާބު ވިދާޅުވި އެވެ.
ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް ޝިހާބު ބޭނުން ކުރައްވަނީ "ބުރަކޮށް މަސައްކަތް ކުރުމުން ﷲ ކާމިޔާބު ދެއްވާ" އެ ޝިއާރެވެ. އެގޮތުގައި ކާމިޔާބީގެ އައްސޭރިއަށް ވަޑައިގަތުމުގެ އާ ދަތުރެއް ޝިހާބު ވަނީ ފައްޓަވާފަ އެވެ. ފިއުލް އެކްސްޕްރެސްއާއެކު މިހާރު ވަނީ ރާއްޖޭގައި ފުޅާވަމުންދާ ރިއަލް އެސްޓޭޓާއި ކޮންސްޓްރަކްޝަން ވިޔަފާރީގެ ތެރެއަށް ވެސް ނުކުންނަވާފަ އެވެ. އަދި ރާއްޖެ އަށް ތެޔޮ އެތެރެކުރަން ފެއްޓެވުމަށް ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިމާރާތްކޮށް ކުޑަ ކުއްޔެއްގައި މީހުންނަށް ކުއްޔަށް ދޭން. ހައި ރެންޓަށްވުރެ ބޮޑަށް ކުޑަ އަގުގެއްގައި އާންމުންނަށް ހިޔާވަހިކަން ގެނެސް ދޭން މި މަސައްކަތް ކުރަނީ،" ޝިހާބު ވިދާޅުވި އެވެ.
ޝިހާބު ގަބޫލު ކުރައްވާ ގޮތުގައި އޭނާގެ ކުންފުނި ކުރިއަރައިގެން ދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ ކުންފުނީގެ ޗެއާމަނެވެ. ކުންފުނީގެ ހުރިހާ ކަމެއް ޒަމާނީ މިސްރާބަށް ދީލާލައި ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ވަނީ އޭނާ އަށް ދެއްވާފަ އެވެ. ކާމިޔާބީގެ ސިއްރަކީ އެއީ އެވެ.
"އަޅުގަނޑުގެ އަނެއް ޕާޓްނަރަކީ އާ ހިޔާލަށް ތާއީދު ކުރައްވާ އެގޮތުގައި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް. އަބަދުވެސް އަޅުގަނޑަށް ދެއްވާނީ އެޑްވައިސް. އަދި ވަރަށް ބޮޑަށް އަޅުގަނޑަށް އިތުބާރު ކުރައްވާ، އަޅުގަނޑަށް މި ކާމިޔާބީ ހޯދެނީ އެހެންވެގެން" ޝިހާބު ވިދާޅުވި އެވެ.
މުވައްޒަފުންނަށް ކުންފުނީގެ ބޯނަސް
ރާއްޖޭގައި އަމިއްލަ ކުންފުނިތަކުގެ ތެރޭގައި މުވައްޒަފުންނަށް އަހަރީ ބޯނަހެއް ބަހާ ކުންފުނިތައް ވަރަށް މަދެވެ. އަދި މުވައްޒަފުންގެ ހިތްހަމަ ޖެހުމަށް ހާއްސަ ކަންކަން ރާވައި، އެހީތައް ދެނީ ވެސް ވަރަށް މަދު ބައެކެވެ. ނަމަވެސް ޝިހާބުގެ ބެއްލެވުމުގެ ދަށުން "ފިއުލް އެކްސްޕްރެސް" އިން މުވައްޒަފުންނަށް ގިނަ އެހީތަކެއް ދެއެވެ. ރީތި، އަދި ބޮޑު ނަމަކަށް ވެފައިވަ މި ކުންފުނީގައި 30 މުވައްޒަފުން މަސައްކަތް ކުރާއިރު، އަހަރު ނިންމާފައި މުވައްޒަފުންނަށް އިނާޔަތުގެ ބޯނަސް ބަހަނީ ހިނތުންވުމާއެކު އެވެ. އަހަރު ނިންމާފައި މުވައްޒަފުންނަށް އަހަރީ ދަތުރެއް ދެ އެވެ. ޝިހާބުގެ އެ ސިޔާސަތުގެ ސަބަބުން އެ ކުންފުނި ފަށައިގަތް އިރުގެ އަލަން ވަން މުވައްޒަފުން އަދިވެސް ހިދުމަތުގައި އެބަތިއްބެވެ. އެންމެ ފުރަތަމަ އެސިސްޓެންޓަކަށް މުވައްޒަފަކީ މިހާރު ކުންފުނީގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގަ އެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މުވައްޒަފުން ހިތްހަމަ ޖެހިގެން ތިބެ މަސައްކަތް ކުރަން. އޭރުން ކުންފުނި ރަނގަޅަށް ހިނގާނީ، އެ މުވައްޒަފުން އުފާވީމަ ކުންފުންޏަށް އަބަދުވެސް ކުރިއަރަން ފަސޭހަވޭ،" ޝިހާބު ވިދާޅުވި އެވެ.
ކުންފުނީގެ އެހެން ޝައުގުވެރި ކަމެއް ވެސް އެބައޮތެވެ. ފިއުލް އެކްސްޕްރެސްގައި މުޅިން ވެސް މަސައްކަތް ކުރަނީ ތައުލީމުގެ ފުރުސަތުތައް ދީފައިވާ މުވައްޒަފުންނެވެ. މުވައްޒަފުން އިތުރަށް ކިޔެވުމަށް އަބަދު ވެސް ޝިހާބު ބާރު އަޅުއްވަ އެވެ. މީގެ އިތުރުން ޝިހާބުގެ މި ކުންފުނިން މުވައްޒަފުންނަށް އިންޓްރެސްޓް ނުލައި ލޯނު ވެސް ދޫކުރެ އެވެ.
"ކިޔަވަންދާ މުވައްޒަފުން މުޅިން ވެސް ތިބެނީ. މުވައްޒަފުންނާ ކުންފުންޏާ ދޭތެރޭ ވަރަށް ބޮޑު ގާތްކަމެއް އޮވޭ، އަޅުގަނޑުގެ ކާމިޔާބީއަކީ މުވައްޒަފުންނާއި ކަސްޓަމަރުން، އަދި ހިތްވަރު،" ޝިހާބު ވިދާޅުވި އެވެ.
"ބައެއް ފަހަރު ހުންނާނެ މުވައްޒަފުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނެގުމުން ކުންފުނިން އެ ލޯނުތައް ދައްކައިދީފަ، އަދި ކުންފުނިން އިންޓްރެސް ނެތި އެ ވަރަށް ލޯނު ދެމުން ގެންދަން،" ޝިހާބު ވިދާޅުވި އެވެ.
ކުންފުނީގެ 95 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ހުރިހާ މުވައްޒަފުންނަށް ކިޔަވައިދިނުމަކީ ޝިހާބު އިސްކަމެއް ދެ އެވެ.
މުވައްޒަފުންނަށް ޝިހާބު ދެއްވާ ސަމާލުކަމުގެ ނަތީޖާވެސް ފޮންޏެވެ. ރާއްޖޭގެ އެންމެ ގަދަ 100 ކުންފުނީގެ ތެރޭގައި "ފިއުލް އެކްސްޕްރެސް" ހިމެނުނެވެ. އަނެއް ކާމިޔާބީއަކީ ސަފާރީތަކަށް އެންމެ ފުރިހަމައަށް ތެލުގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ހިމެނި އެވޯޑު ލިބުނީ ވެސް ޝިހާބުގެ ކުންފުންޏަށެވެ.
އާއިލާއަށް ޝުކުރިއްޔާ!
ޝިހާބު މުވައްޒަފުންނަށް ކަމޭހިއްތަވާ ގޮތަށް އާއިލާއާއެކު ވެސް ވަގުތު ހޭދަ ކުރައްވަ އެވެ. ޝިހާބުގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި އޭނާގެ އާއިލާއަކީ އޭނާގެ މަސައްކަތުގައި ކުރައްވާ ގަދަ ހިތްވަރަށް އެންމެ ބޮޑަށް އެހީތެރިކަމެއް ދޭ ބާރުވެރިންނެވެ. މީގެ އިތުރުން ފެށުނީއްސުރެ އޭނާއާ ވަރަށް ގާތުގައި ހުންނަވައިގެން އެހީތެރިވެ ދެއްވާ އަހުމަދު ޝިނާން އާމެދު އޭނާ ދެކެ ވަޑައިގަންވަނީ އެއީ އަބަދުގެ ވެސް އެހީތެރިޔާގެ ގޮތުގަ އެވެ.
"އާއްމުކޮށް ހުކުރު ދުވަސް އަޅުގަނޑަށް ހުސްކޮށްލެވޭ، އެހެންވެ ހުކުރު ދުވަސް ދެނީ އެއްކޮށް އާއިލާއަށް، އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް އިރު އޮއްސޭވަގުތު އާއިލާއަށް ވަގުތު ދެވޭތޯ ބަލަން، އަޅުގަނޑުގެ ކާމިޔާބީގެ އެއް ބަޔަކީ އަންހެނުންނާއި ކުދިން،"
ޝިހާބު ފެއްޓެވި ދަތުރު މިހާތަނަށް އަމާންވެފައި ކާމިޔާބެވެ. އުންމީދަކީ ކުރިއަރައި އުހަށް ދަތުރު ކުރެއްވުމެވެ. ޝިހާބު ދަމަހައްޓަމުން އައި ޝިޔާރު، "ބުރަކޮށް މަސައްކަތް ކުރުމުން ﷲ ކާމިޔާބު ދެއްވުމު" ގެ ޝިއާރަކީ އޭގެ ސިއްރެވެ. މި ނަމޫނާ އެންމެން އެ މީހެއްގެ މަސައްކަތުގައި އެޕްލައި ކުރާށެވެ.