ކުޅިވަރު

ބްރެޒިލްގައި އެތަށް ބައިވަރު ކެޕްޓަނުންނެއް!

Oct 5, 2017
1

ވޭތުވެދިޔަ 12 ވަރަކަށް އަހަރަކީ، ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ ބްރެޒިލް ހިމޭން ކޮށް ދިޔަ މުއްދަތެކެވެ. މަޝްހޫރު ކުޅުންތެރިން ގިނަ ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ އޮތީ ހިމޭން ވެފަ އެވެ. ކުރިން އެ ޓީމަށް ކާމިޔާބު ހޯދައި ދިން ކޯޗުން ގެނެސް ޓީމަށް ހަމަޖެއްސި ނަމަވެސް، ކުރީގެ އަސްލު މަގާމަށް ބްރެޒިލް ގެންގޮހެއް ނުދެވުނެވެ. އަވަސް އަވަހަށް ކޯޗުން ބަދަލު ކުރަމުން އައިސް، މިދިޔަ އަހަރު، އެ ގައުމުގެ ކޯޗުކަން ހަވާލު ކުރީ، އެ ގައުމުގެ އެޑެނޯ ލިއަނާޑޯ ބައްޗީ (ޓިޓޭ) އާ އެވެ. ކޯޗު ކަމުގައި އޭނާގެ ފުރަތަމަ ދަތުރު ފެށެނީ ވެސް ވޯލްޑް ކަޕް ކޮލިފައިންއާ ހަމައިން ނެވެ. ކޮލިފައިންގައި ދަތުރު އޭނާ އަށް ކާމިޔާބެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅައިގައި، މިހާރު އެންމެ ބާރު ގަދަ ގައުމުތައް ކަމަށްވާ، ޗިލީ އާއި އުރުގުއޭ ފަހަތައް ޖައްސާލައި ޓީޓޭ ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ ޖާގަ ބްރެޒިލްއަށް ހޯދައި ދީފަ އެވެ.

ޓީޓޭ އަކީ އޭނާގެ ކޯޗިން ފިލޯސަފީގައި ވެސް ތަފާތު ކޯޗެކެވެ. އޭނާ މަސައްކަތް ކުރާ ގޮތްވެސް ތަފާތެވެ. ޓީމާ އޭނާ ހަވާލުވި ފަހުން އަދި މާ މޮޅަށް އެހެން ކަމެއް ކުރެ އެވެ. އެއީ ކެޕްޓަނުން ރޮޓޭޓް ކުރުމެވެ. ކޮލިފައިންގައި، މިރޭ ބޮލީވިއާ އާ ދެކޮޅަށް ކުޅޭ މެޗުގައި، ކްޕެޓަން ބޭންޑް އަޅާނީ އަނެއްކާވެސް އާ ކުޅުންތެރިޔެކެވެ. މިރޭ ގެ މެޗަށް، ޓިޓޭ އިހްތިޔާރުކޮށްފައިވާ ކެޕްޓަނަކީ، ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ކެސެމީރޯ އެވެ.

"މިއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހްރެއް، ބްރެޒިލްގެ ކެޕްޓަން ބޭންޑް އެޅުން މިއީ ލިބޭނެ ބޮޑު ޝަރަފެއް،" މިރޭގެ މެޗާ ބެހޭ ގޮތުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ކެސެމީރޯ ބުންޏެވެ. "މިތާ ހުރުމަކީ [ކެޕްޓަނެއްގެ ހައިސިއްޔަތުން ބްރެޒިލްގެ ގައުމީ ޓީމު ތަމްސީލު ކުރަން މީޑިއާގެ ކުރި މައްޗަށް އައުމަކީ] އަހަންނަށް ތަފާތު ފައިހްސާސް ކުރެވޭ ކަމެއް، އަހަންނަކަށް ނޭންގެ ކެޕްޓަނެއްގެ ގޮތުގައި ކުރެވޭ މި އުފާވެރި އިހްސާސްތައް ބަސްތަކުން ބުނެދޭނެ ގޮތެއް."

ކެސެމީރޯ އަކީ، ޓިޓޭ ބްރެޒިލްގެ ކޯޗު ކަމާ ހަވާލިވިފަހުން އޭނާގެ 12 ވަނަ ކެޕްޓަނެވެ. ޖޯއާ މިރަންޑާ އާއި ޑެނީ އަލްވޭސް ވަނީ މިހާތަނަށް ދެ ފަހަރަށް ކެޕްޓަން ބޭންޑް އަޅާފަ އެވެ. ޓިޓޭ ކެޕްޓަން ބޭންޑް އަޅުވާފައިވާ އެހެން ކުޅުންތެރިންނަކީ، ތިއާގޯ ސިލްވާ، މާސެލޯ، ފިލިޕޭ ލުއިސް، ފެނާންޑިނިއޯ، ރެނާޓޯ އަގުސްޓޯ، ފިލިޕޭ ކްޓޫނިއޯ، ނޭމާ، ޕައުލީނިއޯ، އަދި ރޮބީނިއޯ އެވެ.

ކެސެމީރޯ އަކީ، ޓިޓޭގެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ. ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުމުން، ބްރެޒިލްގެ ކުރީގެ ރޫހް އަތުވެއްޖެ ކަމަށް ބްރެޒިލްގެ ބައެއް ކޯޗުން ސިފަ ކުރި އެވެ. އަދި ޓިޓޭ އާއި ބްރެޒިލް ޓީމުގެ އެހެން ކުޅުންތެރިންގެ ތައުރީފުވެސް ކެސެމީރޯ އަށް ލިބުނެވެ.

ކެޕްޓަން ބޭންޑް، ޓިޓޭ ރޮޓޭޓް ކުރާ ސަބަބެއް ކަމަށް ބެލެވެނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ މުހިންމު ކުޅުންތެރިންކަން އިހްސާސް ކޮށްދިނުމަށެވެ. އަނެއް ސަބަބެއް ކަމަށް ބެލެވެނީ ވޯލްޑް ކަޕަށް ދާއިރު އެންމެ ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔަކީ ކޮބައިކަން ދެނެގަތުމަށެވެ. މިހާރު ބްރެޒިލް ޓީމަކީ އެންމެ ކެޕްޓަނުން ގިނަ އެއް ޓީމެވެ.