ކުޅިވަރު

މެސީ އާއި ރޮނާލްޑޯއަށްވުރެ މޮޅީ އަހަރެން: ރޮމާރިއޯ

Oct 5, 2017

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ، އަޅާ ކިޔައި އެންމެ މޮޅު ކުޅުންތެރިޔާ ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، އެ ދެ ކުޅުންތެރިންނަށް ވުރެ އޭނާ މާ މޮޅު ކަމަށް، ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮމާރިއޯ ބުނެފި އެވެ.

އޭނާ ޖެހި ގޯލްތަކަށް ނިސްބަތްކޮށް ރޮމާރިއޯ 51، ބުނީ، އޭނާ ޖެހި ގޯލްތަކާ އަރާ ހަމަ ކުރުމަކީ އެ ދެކުޅުންތެރިންނަށް ނުވާނެ ކަމެއް ކަމަށެވެ.

"އެއީ ތެދެއް، މެސީ އަދި ރޮނާލްޑޯ ގެ ކިބައިގައި ތަފާތު ކެރެކްޓާ ތަކެއް އެބަހުރި، މި ވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ދެ ކުޅުންތެރިންނަކީ އެއީ،" އޭނާ ލިޔުނު ފޮތެއް ނެރުމުގެ ރަސްމިއްޔާތުގައި ރޮމާރިއޯ ބުންޏެވެ. "ނޭމާ އާއެކު އެ ދެކުޅުންތެރިންނަކީ އެންމެ މޮޅު ކުޅުންތެރިން، އެ ދެ މީހުން ތަށިތައް ހޯދައި، ބެލަންޑޯ ވެސް ހޯދައިފި، އެކަމަކު އިހްތިރާމާއެކު ބުނަންޏާ ޕެނަލްޓީ އޭރިއާ ތެރޭގައި އަހަރެން މާ މޮޅު،"

އޭނާ ބުނީ ގޯލް ޖެހުމުގައި އެ ދެކުޅުންތެރިންނަށް ވުރެ އޭނާ އުޅެނީ މާ ކުރީގައި ކަމަށާއި ގޯލް ޖެހުމުގެ ރޭހުގައި އެ ދެކުޅުންތެރިން އޭނާ ދެ ފަހަރަށް ބީޓް ކުރެވޭނެ ކަމަށެވެ.

ބާސެލޯނާއަށް ކުރިން ކުޅުނު ސްޓައިކަރު ވަނީ އޭނާގެ ކެރިއަރުގައި 768 ގޯލް ޖަހާފަ އެވެ. އޭނާ ވަނީ ކެރިއަރުގައި 1003 މެޗު ކުޅެފަ އެވެ. އެއީ ފްރެންޑްލީ މެޗުތައްވެސް ހިމަނައިގެންނެވެ.

ބްރެޒިލް 1994 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއރު އޭނާ ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.