އަވަސް ވީކެންޑް

އަރުޝީ ކާމިޔާބު ހޯދީ ކެރުމާއި ހިތްވަރުން

ކެރިގެން ކުރިމަތިލައިގެން ނުވާނެކަމެއް ނޯންނާނެއޭ ބުނާތީ އަޑުއަހަމެވެ. އެފަދަ އެތައް ދިރިހުރި މިސާލެއް އަހަރުމެންގެ ތެރެއިން ދެއްކި ވެސް ދާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި އުރީދޫގެ "ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް" އަރުޝީ މުހައްމަދަކީ ވެސް ހަމަ މިފަދަ މިސާލެކެވެ. އަރުޝީ އުރީދޫގެ އެ ޒިންމާ ބޮޑު ވަޒީފާއާ ހަވާލުވީ ކެރިގެން އެވެ. މި ހަވާލުވަނީ ކިހާ ވަރެއްގެ މަސައްކަތެއްކަން ރަނގަޅަށް އެނގި ހުރެ އެވެ. އޭނާއާ ހަވާލުވީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކުރި ފުރަތަމަ މަލްޓިނޭޝަނަލް ކުންފުނީގެ ހިއްސާ ވިއްކުމުގެ މަސައްކަތުގެ މުޅި ހަރަކާތް ބަލަހައްޓާށެވެ. މި މަސައްކަތް އޭނާ ކިތަންމެހާ ވެސް ރަނގަޅަކަށް ކާމިޔާބު ކޮށްފި އެވެ.

"މިހާތަނަށް ކުރި އެންމެ ބޮޑު އެއް މަސައްކަތް އުރީދޫ ހިއްސާ ވިއްކުން. މިކަމަކީ ޕާސަނަލީ ވެސް ބޮޑު ކާމިޔާބީ އެއް. ރާއްޖޭގެ އެންމެ ސަކްސަސްފުލް އައިޕީއޯގެ ގޮތުގައި ފާހަގަ ވުމަކީ ބޮޑު ކާމިޔާބީއެއް،" އަރުޝީގެ ހިތްހަމަ ޖެހުން އަވަސްއާ ހިއްސާކުރި އެވެ.

އަރުޝީ ފުރަތަމަ ވަޒީފާއަކަށް ނުކުތީ، އުމުރުން އެންމެ 18 އަހަރުގަ އެވެ. ފުރަތަމަ ވަޒީފާއަކީ ރައީސް އޮފީހެވެ. އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ވެސް އެ އޮފީހުގައި މަސައްކަތް ކުރަން އުޅެމުން އެވެ. އޮސްޓްރޭލިޔާ އާއި މެލޭޝިޔާ އިން ބިޒްނަސް މެނޭޖުމަންޓާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މަތީ ތައުލީމް ހާސިލް ކުރެއްވުމަށްފަހު، އޭނާ ވަނީ ސަރުކާރުގައި 12 އަހަރު ހިދުމަތް ކޮށްފަ އެވެ.

ރައީސް އޮފީހަށް ފަހު، އޭނާ ދެން ބަދަލުވީ އުރީދޫ މޯލްޑިވްސް އަށެވެ. އެންމެ ފުރަތަމަ ރައީސް އޮފީހުގެ ވަޒީފާއަކީ އެސިސްޓެންޑް ސެކްރެޓަރީގެ މަގާމެވެ. އޭގެ ފަހުން ރައީސް އޮފީހުގެ އެސިސްޑެންޓް ޑިރެކްޓަރުގެ މަގާމު ވެސް ފުރި އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ސެކްރެޓޭރިއަޓްގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަރުޝީވަނީ ރާއްޖޭގެ ހަތަރު ރައީސެއްގެ އަރިހުގައި މަސައްކަތް ކުރުމުގެ ނަސީބު ހޯދައިފަ އެވެ.

"އެންމެ އެންޖޯއީ ކޮށްގެން މަސައްކަތް ކުރީ ސެކްރެޓޭރިއަޓްގައި. އެތަނުގައި އެކި އިވެންޓްތައް އޮގަނައިޒް ކުރުން އޮވޭ. މިތަނުގައި އުޅުނުއިރު، ފަލަސްތީނުގެ ރައީސް އާއި ތައިލެންޑުގެ ޕްރައިމް މިނިސްޓަރު ވެސް ވަޑައިގެންނެވީ. އެކަހަލަ އިވެންޓްތަކުގައި ވަރަށް ކުރާ ހިތުން މަސައްކަތް ކުރީ،" އަރުޝީގެ ތަފާތު ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

ދެން އޮތް ސުވާލަކީ އަރުޝީ ސަރުކާރުގެ ވަޒީފާ ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟

"ބާރަ އަހަރު މަސައްކަތް ކުރެވުނީމަ އަޅުގަނޑު ގަބޫލުކުރީ ދެން ސަރުކާރަށް ހިދުމަތް ކުރެވިއްޖެކަމަށް. އެހެންވެ އުރީދޫ ވަޒީފާ އިއުލާނުކޮށްފައިން ތަން ފެނުނީމަ ވަކިވީ. ހިތަށް އެރީ އިތުރު އެކްސް ޕޯޝާއެއް ވެސް ހޯދަން. އިންޓަނޭޝަނަލް ކުންފުންޏެއްގައި މަސައްކަތް ކޮށްލަން،" އަރުޝީ ބުންޏެވެ.

އުރީދޫގެ ވަޒީފާ އަށް އައިއިރު، އެ ކުންފުނިން ދިޔައީ ހިއްސާ ވިއްކަން ތައްޔާރުވަމުންނެވެ. އެހެންވެ ފުރަތަމަ ކުރަން ޖެހުނީ އެ މަސައްކަތެވެ. އެ ކުންފުނިން ކާމިޔާބު މަސައްކަތްތަކެއް ކޮށް، އައިޕީއޯގައި 14 މިލިއަން ހިއްސާ ވަނީ ވިއްކާފަ އެވެ. ހަށްލައްކަ އަށްވުރެ ގިނަ ހިއްސާދާރުން ހިއްސާ ގަނެފައިވާއިރު، އުރީދޫ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ބެލެހެއްޓުމުގައި އަރުޝީ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގެ ގިނަ މަސައްކަތް ވެސް ކޮށްފައިވަނި އޭނާގެ ބެލުމުގެ ދަށުންނެވެ. އަހަރީ އާއްމު ޖަލްސާ އަށް 200 އަށް ވުރެ ގިނަ ހިއްސާދާރުން ދިއުމަކީ މި މަސައްކަތް ކާމިޔާބުވުމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވެސް ގަބޫލު ކުރެ އެވެ.

"ބޮޑު ޗެލެންޖެއް މިއީ. ކުންފުނީގެ ހިއްސާދާރުންނާއި ކޮމްޕްލަޔަންސްގެ ކަންތައްތައް ވެސް ބަލަހައްޓަން ޖެހުނު. މިކަމުގައި އުރީދޫ ގްރޫޕުގެ ގައިޑްލައިސްތައް ވެސް ފޮލޯ ކުރަން ޖެހޭ. އިންވެސްޓާސްގެ ގޮތުގައި ވެސް 8،000 ގިނަ މީހުން އެބަތިބި. އެހެންވެ ވަރަށް މަސައްކަތް ކުރަން ޖެހުނު،" އަރުޝީ ބުންޏެވެ.

"މި ކަމުގައި ވަރަށް ބޮޑު އެސިސްޓެންސެއް ލިބޭ އުރީދޫ ގްރޫޕުން. އެ ބޭފުޅުންގެ ތެރޭގައި އެ ބަތިބި އެކްސްޕަޓީސް. އެކްސްޕީރިއަންސް ލިބިފައި ތިބި މީހުން. މިކަންތައްތަކުގައި އުރީދޫ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކާމިޔާބީއެއް."

އަރުޝީގެ މި މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އޭނާ ގަބޫލުކުރަނީ މިހާރުގެ ސީއީއޯ ނަޖީބު ހާން އާއި ކުރީގެ ސީއީއޯ ވިކްރަމް ސިއްހަ އަދި ބޯޑު މެންބަރު ދީނާ ހުސެއިން އާއި ސީނިއަ ލެވަލްގައި ތިއްބެވި ބޭފުޅުން ދިން ހިތްވަރާއި އިތުބާރެވެ.

ތަފާތު މި ތަޖުރިބާއާއެކު، މި ދާއިރާއަކީ އަންހެނުން މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެއް ދާއިރާގެ ގޮތުގައި އޭނާ ސިފަކުރެ އެވެ. ސަބަބަކީ އިންވެސްޓާ ރިލޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގައި މަދުވުމެވެ.

"ކޯޕަރޭޓް ސެކްޓާއަކީ މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެއް ދާއިރާ. އިންވެސްޓާސްއިންނާއެކު ވޯކްކޮށްލަން ލިބޭނެ. އެހެން މެނެޖީރިއަލް ޕޮޒިޝަންތަކާ ބަލާއިރު ވެސް މިއީ ރަނގަޅު ދާއިރާ އެއް،" އަރުޝީ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއަށް މަގު ފަހިވުމުގައި އެންމެ ބޮޑު އެހީއެއް ލިބުނީ އާއިލާ އެވެ. މި ކަމުގައި ހާއްސަކޮށް މަންމަގެ ނަން އޭނާ ފާހަގަ ކުރެ އެވެ.

"އާއިލާގެ ސަޕޯޓު ކެރިއާގައި ވެސް އެންމެ ބޮޑު ސަޕޯޓު މިއީ. އެންމެ ފާހަގަ ކޮށްލަން ޖެހެނީ މިކަން."