ހަބަރު

ކެންސަރުގެ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލް ތައްޔާރުވެފައި

ހުޅުމާލެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ދޭން ފަށަން ނިންމައިފި އެވެ. އަންނަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ "އޮންކޮލޮޖީ" ސެންޓަރު ރަސްމީކޮށް ހުޅުވުމަށްފަހު ކެންސަރަށް ފަރުވާ ދޭން ފަށާނެ އެވެ.

އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ކެންސަރަށް ސްކްރީން ކުރުމާއި، ކޮންސަލްޓޭޝަން އަދި ކީމޯ ތެރަޕީގެ ހިދުމަތް ހިމެނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ސެންޓަރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ ބަލި މީހުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމާއި ބައްޔާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުން ކަމަށެވެ.

އެ ސެންޓަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ނަން ނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލްގެ ނަމްބަރު 1417 އަށް ގުޅާލައިގެން ނަން ނޯޓު ކުރެވޭނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ކުރެވެން ފެށުމަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. ކެންސަރު ބައްޔަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުގެ ތެރޭން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބަޔެވެ. ދުވަހެއް ދުވަހަކަށް ބަލި ޖެހޭ ނިސްބަތް ދިވެހިންގެ ތެރޭގައި އިތުރުވަމުންދާއިރު، ކެންސަރު ޖެހޭ މީހުންގެ 22 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ބަލި ޖެހޭ މީހުންނެވެ.