ދިވެހިން އެކި ފެޝަންތަކަށް ލޯބި ކުރާ މިންވަރު އެއީ މާ ގިނައިން ކިޔައިދޭން ޖެހޭނެ ވާހަކަތަކެއް ނޫނެވެ. އެންމެނަށް އެނގެ އެވެ. އެންމެ ފަހުގެ ހެދުމާއި ޖިންސާއި ބޫޓާ، ފައިވާނާ ދަބަހާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ފެޝަނެއް ދުނިޔޭގެ ޓްރެންޑަށް އަރާއިރު އޮންނާނީ ރާއްޖޭގައި ޓްރެންޑްވެފަ އެވެ. ހެދުމާއި ފައިވާނާއި މިހެން ގޮސް ހުރިހާ ސާމާނަކާއެކު އަބަދު ބަދަލު ކުރާ އެއްޗެހީގެ ތެރޭގައި އަތް ދަބަސްތައް ވެސް ހިމެނެ އެވެ. އެއީ އަދި މާ ފާޑެއްގެ ޓްރެންޑެކެވެ.
އެއް ދުވަސް ވަރެއްގައި ވީހާވެސް ކުޑަ ދަބަހެއް ގެންގުޅެފާނެ އެވެ. ނޫނީއްޔާ ވާގަނޑު ހިމަ ދިގުކޮށް ހުންނަ ދަބަހެއް ވައިގަ ހިފައިފާނެ އެވެ. ބޮޑެތި ގޯނިކަލަ ދަބަސްތައް ވެސް ހިނގައިގެންފާނެ އެވެ. އޮފީހަށް ގެންދަން ވަކި ދަބަހެއް، ކޮފީއަށް އަރަން ވަކި ދަބަހެއް، ޝޮޕިން އަށް ދާން ވަކި ދަބަހެއް، ލާ ކޮންމެ ހެދުމަކާއި ގުޅުވައިގެން ވަކި ދަބަސްތައް ގެންގުޅެ އެވެ. ދަތުރު ކުރާއިރު ވެސް ބިޓާ ބައްދަލު ކުރާއިރު ވެސް ވަކި ދަބަހެކެވެ. ކޮންމެ ހެދުމަކަށް ޖިންސާއި ފައިވާނާއި ބުރުގާ ހަމަކުރާހެން މިހާރު ވަރަށް ފަރުވާތެރިވެގެން ދަބަސް ވެސް ހަމަ ކުރާން ޖެހެ އެވެ. އެކަން ލާޒިމެވެ.
އެ ހުރިހާ ދަބަހަކާއި ދަބަހުގެ ވައްތަރުތަކާއި ހުރިހާ އެއްޗެއްް ފެޝަނާއި އެކުގައި ބަދަލުވަމުން އަންނަ އިރުވެސް ބަދަލު ނުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އެ ދަބަހުގެ ތެރެއަށް ކޮއްޕާފައި ހުންނަ ސާމާނު ތަކެވެ. ދަބަހުގައި ހުރީ ކޯއްޗެއް ހެއްޔޭ އަހާލައިފިނަމަ އެންމެ ފުރަތަމަވެސް ބުނާނީ ފޯނެވެ. ދެން ސެންޓު ފުޅި އެކެވެ. ދެން އިތުރު އެއްޗެއް އޮންނަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ހިފަހައްޓަބަހައްޓައިގެން އެ ދަބަސް އަތުލައި އަޅެ ހާވާލައި ބަލާށެވެ. އެއީ ކުޑަކުޑަ އިސްޓޯރެކޭ ބުނާހާ ގިނަ ބާވަތްތައް ހުންނާނެ އެވެ.
އެ ވަގުތަކަށް ބޭނުންވަނީ މިވެނި އެއްޗެކޭ ޖެހޭނީ ބުނެލާށެވެ. ބޮލުގައި ރިއްސާ ހެއްޔެވެ؟ ޕެނެޑޯލް ވެސް ހުންނާނެ އެވެ. ޕެއިން ކިލާ ހުންނާނެ އެވެ. ބޭސް މަލަމާއި ބެންޑޭޖް ވެސް ހުންނާނެ އެވެ. ކުއްލި ފަރުވާގެ ހުރިހާ ސާމާނާއެކު އެއީ "ޑިސްޕެންސަރީ" އެވެ.
އަންހެންވެރިންގެ އަތް ދަަބަހަކީ އެވަގުތަކަށް ބޭނުން ހުރިހާ އެއްޗެއް ރައްކާ ކޮށްފައިވާ އެންމެ ބޮޑު އެއް ގުދަނެވެ. ސެންޓު، ސައިބޯނި، ގަލަން، ފޮތް، ފޯނު ޗާޖަރާއި ހެޑްސެޓާއި ހާޑް ޑިސްކެވެ. ލިޕްސްޓިކާއި އެކިއެކި ފާޑުފާޑުގެ މޭކަޕާއި ފުށްދަޅާއި ކިރިންމެވެ. ކެވެލިކޮޅާއި ފަށާއި އަނގޮޓި އާއި ގަޑި އާއި ޓިޝޫ، ވެޓް ޓިޝޫ އާއި ޕެޑެވެ. ބިސްކޯދާއި ކޭކާއި މެންޓޯސް އާއި ވަކި ލާރި އެވެ. ކުޑަ ދަރިފުޅަކު ގެންގުޅޭ ނަމަ ނެޕީ ފަދަ ކުޑަކުދިންނަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް އެ ދަބަހުގެ ތެރޭގައި ހުންނާނެ އެވެ. ކިތަންމެ ކުޑަ ދަބަހެއް ވިޔަސް ނުވަތަ ބޮޑު ވިޔަސް މައްސަލައެއް ނެތެވެ. އެއީ އަބަދުވެސް ފުރިފައި ހުންނަ ދަބަހެކެވެ. މަދެއް ވެސް ނުވާނެއެވެ. ބަރު ކަމަކަށްވެސް ނުހަދާނެ. އެކަމަކު މީހަކު އެއިން ދަބަހެއް އަތުލައިގެން ކިރާލައިފިނަމަ ތިންހަތަރު ކިލޯ ހަމަވުން ވަރަށް ގާތެވެ.
"މީ އޮފީސް ދަބަސް އިނގޭ، މީގައި ހުންނާނެ، މޭކަޕް، އައިލައިނާ، މަސްކަރާ، ސެންޓު، ފުށް، ތިން ކުލައިގެ ލިޕްސްޓިކް، ލިޕް ބާމް، ބޭސް މަލަން، ފޯނު ޗާޖަރު، ހެޑްސެޓް، ވޮލެޓް، މައިލޯ ޕެކެޓް، ޕިކްފައިން" މިހާ ހިސާބުން އެ ކުއްޖާ ކައިރީ ދެން އޯކޭ އޭ ބުނެ ހުއްޓުވާލީމެވެ. "އަނެއް ހެން ބޭރަށް ދާއިރު ހުންނާނީ ލިޕްސްޓިކް އަކާއި ފުށްދަޅާއި ސެންޓުފުޅި، ދެން ފޯނު ޗާޖަރު ނިމުނީ،"
މި ހުރިހާ އެއްޗެއް އަންހެން ކުދިން އަޅައިގެން އުޅެނީ ހަމަ ހަގީގަތުގައި ވެސް އެ ހުރިހާ އެއްޗެއް ދަބަހަށް އަޅައިގެން އުޅެނީ ކޮންމެހެން ކޮންމެ ދުވަހަކުވެސް ބޭނުންވާތީ ހެއްޔެވެ؟
"އާންމުކޮށް ދެން ބޭނުންވެދާނެތީ ދޯ، ބޫޓު ޖެހިފައި ފައިވެސް ހަލާކުވާނެ އެހެންވެ ބޭސް މަލަން ގެންގުޅެނީ، ދެން ހަމަ ކުއްލިއަކަށް ބޭނުންވާ ސާމާނު އެ ހުންނަނީ އޭގައި،" ކުރިންވެސް ވާހަކަ ދެއްކި ކުއްޖާ ބުނެލި އެވެ.
އަތް ދަބަހަކީ ފިރިހެނުން އަތްލުން ފާޑަކަށް މަނާވެސް އެއްޗެކެވެ. ކިތަންމެ ލޯބި ވިޔަސް އަތް ދަބަސް ހާވާ ބެލުމަކީ ފިިރި މީހާ އަދި ބިޓަށްވެސް ހުއްދަ ކަމެއް ނޫނެވެ. ބޭނުންވާ އެއްޗެއް ބުނާށެވެ. ދަބަސް ހާވަން ހަދާނެ ކަމެއް ނެތެވެ. އެއީ އެއިން އެހެން މީހަކަށް ހޯދަން ބޭނުންވާ އެތި ފެނުމުގެ ފުރުސަތު ކުޑަވުމާއި އެހެން މީހުންގެ ފާޑުކިއުންތައް ބޭނުން ނުވާތީ އެވެ.
އަތްދަބަހުގެ އެތެރެ ބަލަން އުޅުމަކީ ތަރުތީބެއް ނެތް ހެދުން އަލަމާރިއަކުން ހެދުމެއް ހޯދުމަށްވުރެ އުނދަގޫ ކަމެކެވެ. އެކަމަކު ދަަބަހުން ނުލިބޭނެ އެއްޗެއް ނުހުންނާނެ އެވެ. އެކަމަށް ފިރިހެނުން ކިތަންމެ މަލާމާތެއް ކުރިއަސް އަންހެނުންގެ އަތްދަބަހުގައި ހުންނަ އެއްޗެހި އެމީހުންވެސް ބޭނުންކުރެ އެވެ. އެހެންވީމަ ހީ މަލާމަތް ހެދުމުގެ ފުރުސަތެއް ހަގީގަތުގައި ނެތެވެ. އެއީ އެއަށްވުރެ މާ ބޮޑު މާ މުއްސަނދި ގުދަނެކެވެ.