ރިޕޯޓް

ކެންސަރުން ސަލާމަތްވެ އުފާވެރި ހަޔާތެއްގެ އިންތިޒާރުގައި!

ދިރިއުޅުމަކީ އެކި ފަހަރު އެކި އިމްތިހާނުތަކާ ކުރިމަތިލާންޖެހޭ ދަތުރެކެވެ. އެކި މީހުންނަށް އެކި ކަންކަން ތަޖުރިބާ ކުރަން ޖެހެ އެވެ. އުފަލާއި ހިތާމަ އެވެ. މާޔޫސްކަމާއި ހިނިތުންވުމެވެ. އުފާވެރި ދިރިއުޅުމެއް ލިބޭތޯ މަސައްކަތް ކުރަމުން އައި ތ. ހިރިލަންދޫ، ތަރިވިދާގޭ މަރިޔަމް އިސްމާއިލް، ހިތާމައިގެ އަނދަވަޅަކަށް ވެއްޓުނީ އެކަމަށް އެއްވެސް ވަރަކަށް ވިސްނައިގެން ހުއްޓައެއް ނޫނެވެ.

ލޯފަން ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު 54 އަހަރުގެ މަރިޔަމް ހިރިލަންދޫގައި އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް މަސައްކަތް ކުރަމުން ދަނިކޮށް އެކަމަށް ހުއްޓުން އެރީ 2008 ވަނަ އަހަރު އޭނާއަށް ދިމާވި ބޮޑު ބައްޔާއެކު އެވެ. އަނގައިގެ ކެންސަރެވެ. މަރިޔަމްއަށް އަނގައިގެ ކެންސަރު ޖެހިފައިވާކަން އެނގުމުން އޭނާއަށާއި މުޅި އާއިލާއަށް އޭގެ ފުން ހިތާމަވެރިވި އެވެ. ނަމަވެސް މަރިޔަމްގެ ހިތްވަރުން އެ ބައްޔާ ހަނގުރާމަކުރި އެވެ. ދެހާސް ސާދަ ވަނަ އަހަރު ތެރޭގައި މަރިޔަމް ވަނީ އެ ބަލި ބަލިކޮށްފަ އެވެ. އެތައް ބޭހެއް ރާއްޖެއިން ބޭރުންކޮށް އިންޑިއާގެ އާރުސީސީގައި ކުރި އޮޕަރޭޝަނާއެކު އޭނާގެ އަނގައިގައި ހުރި ކެންސަރު ވަނީ ފިލާފަ އެވެ. އެ އޮޕަރޭޝަން ކުރީ މަރިޔަމްގެ ހުރިހާ ދަތެއް ވެސް ނެގުމަށްފަހު އެވެ.

އަނެއްކާވެސް މަރިޔަމްގެ ހަޔާތުގައި އުފާވެރި ދުވަހެއްގެ އަލިވިލުނީ އެވެ. ނަމަވެސް އެ ދުވަހުގެ އިރު އޮއްސުނީ ވަރަށް އަވަހަށެވެ. އަނެއްކާވެސް މަރިޔަމްއަށް ހަނގުރާމަ ކުރަންޖެހުނީ އޭނާގެ ގައިން ބޭރުކުރި ކެންސަރާއެވެ. މިފަހަރު އުރަމަތީ ކެންސަރެވެ. މަރިޔަމްގެ އުރަމަތީގައި ޓިއުމަރުތަކެއް ވަނީ ނަގާފަ އެވެ. އެކަމަށް އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ވަނީ ފަރުވާ ވެސް ކޮށްފަ އެވެ. ކީމޯ ތެރެޕީ ވެސް ވަނީ ނަގާފަ އެވެ.

މިހާރު މަރިޔަމް ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނުރައްކާތެރި ހާލަތެކެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އޮޕަރޭޝަންކޮށް ޓިއުމަރުތައް ނަގައިފިނަމަ މަރިޔަމް އެއްކޮށް ރަނގަޅުވާނެ ކަމުގެ އުފާވެރި ހަބަރު ދީފަ އެވެ. ނަމަވެސް އޮޕަރޭޝަނުގެ ކުރިން ކުރަން ޖެހުނު ބޭސްފަރުވާގެ ސަބަބުން މަރިޔަމްގެ އާއިލާގެ އަތްމަތި މިއަދު ވަނީ ދަތިވެފަ އެވެ. އާސަންދައިން ބޭސްފަރުވާގެ ހަރަދުތައް ކަވާ ކުރެވުނު ނަމަވެސް އޮޕަރޭޝަނަށް އިންޑިއާއަށް ގޮސް ތިބެވޭނެ ވަރަށް އެ އެކަނިވެރި މައިގެ އަތުގައި ފައިސާއެއް ނެތެވެ. މަރިޔަމްއަކީ އެކަނި ހާލާ ނޫޅެވޭވަރު މީހަކަށްވާއިރު އެހީތެރިޔާގެ އެއްވެސް ހަރަދެއް އާސަންދައިން ކަވާ ނުކޮށްދެ އެވެ.

ބަލީގެ މާބޮޑު މައުލޫމާތެއް ނޭނގޭ، މަރިޔަމްގެ އުއްމީދަކީ އެއްކޮށް ރަނގަޅުވެ ހަމަޖެހިލައިގެން ދިރިއުޅުވޭނެ ދުވަހެއް ލިބުމެވެ. އޭނާ މިހާރު ސްޓޭޖްގެ ނުރައްކާ މިންވަރެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އޭނާގެ ދަރިން ވަނީ މަންމައަށް އިތުރު ތަކުލީފަކަށް ވެދާނެތީ އެކަންކަން ވަންހަނާކޮށްފަ އެވެ.

"އުއްމީދު މި ކުރަނީ އޮޕަރޭޝަން ކޮށްލީމަ އެއްކޮށް ރަނގަޅުވާނެ ކަމަށް، ރަނގަޅު ވާނެ އޮޕަރޭޝަން ކުރީމަ، އެންމެ ރަނގަޅީ އޮޕަރޭޝަން ވެސް ކުރަން ނުޖެހި ރަނގަޅު ވެއްޖެއްޔާ،" ދިރިއުޅުމާމެދު އެތައް އުއްމީދުތަކެއް މިހާރު ވެސް ކުރަމުންދާ މަރިޔަމް ބުންޏެވެ.

މަރިޔަމްގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ އޭނާގެ ދޮށީ ދަރިފުޅު މުހައްރިމް އަބޫބަކުރެވެ. ލާމަސީލު ދަރިއެކެވެ. މަންމަގެ ހިދުމަތުގައި 24 ގަޑިއިރެވެ. އެހީ ހޯދުމަށް އެކި ދޮރުތަކުގައި ޓަކި ދެމުން ހިނގަ އެވެ. އަވަސްއާ ހަމައަށް މުހައްރިމް އައީ ވަރަށް އުއްމީދާއެކު އެވެ. މަންމައަށް އެހީއެއް ލިބުމަށް މަގު ތަނަވަސްވޭތޯ އެވެ. މަންމަގެ ބަލި ފަސޭހަވާން އޮތް ހަމައެކަނި އޮޕަރޭޝަނަށް ބޭރަށް ފުރޭނެ ގޮތެއް ވޭތޯ އެވެ.

"މަންމަގެ ޓިކެޓް ވަނީ ހަމަޖެހިފަ، އެކަމަކު އެހީތެރިޔާ، އަޅުގަނޑުގެ ޓިކެޓް ގަނެވޭނެ ގޮތެއް އަދި ނެތް، އެކޮޅުގައި [އިންޑިއާގައި] ތިބެން ޖެހެނީ ބެންގަލޫރްގަ، ވަރަށް އަގުބޮޑު، ހުރުމާއި ކެއުމަށް ވަރަށް ހަރަދު ނަގާ، އޮޕަރޭޝަނަށް ފަހު ވެސް އެކޮޅުގައި މަޑުކުރަން ޖެހޭ، މިހާ ބޮޑަށް މިފަހަރު މަންމަ ގޮވައިގެން ދާން ބޭނުން ވަނީ ބަލި ފަސޭހަ ވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާތީ،" މުހައްރިމް ބުންޏެވެ.

ދެ ދަރިންނާއި އަތްނބެއްގެ ވެސް ޒިންމާ އުފުލަމުން އާދައިގެ ވަޒީފާއެއް އަދާކުރަމުންދާ މުހައްރިމްގެ މުޅި ހަޔާތް މިހާރު ބައްޓަން ވެފައިވަނީ ބަލި މަންމަގެ ވަށައިގެންނެވެ. ވަޒީފާއިން ޗުއްޓީ ނަގައިގެން މަންމަ ގޮވައިގެން މާލެ ނޫނީ އިންޑިއާއަށް ގޮސް ފަރުވާ ހޯދާތާ މިހާރު އެތައް އަހަރެއްވީ އެވެ. އެކަމުގައި މުހައްރިމަށް އެއްބާރުލުންދޭނެ މާގިނަ ބަޔަކު ނެތްއިރު އޭނާގެ ހަމައެކަނި އެދުމަކީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީ، މަންމައަށް ލިބުމެވެ. މަންމަގެ ބަލި ފަސޭހަވެ، އެ މަންމައާއެކު މުހައްރިމް ދެކެމުންދާ އުފާވެރި ދިރިއުޅުން ފަށައިގަނެވޭނެ ދުވަހަކަށް އިރު އެރުމެވެ. އެކަން ކާމިޔާބުވާ އޮތީ، އަވަސް އެހީއަށް އަބަދުވެސް އެއްބާރުލުންދޭ އަވަސްގެ ކިޔުންތެރިންގެ ވެސް އެހީއާއެކު އެވެ. އެމީހަކަށް ވެވުނު ވަރަކުން އެހީއެއްވެދިނުމަކީ މުހައްރިމްގެ ވެސް އަދި މަރިޔަމްގެ ވެސް އެދުމެވެ.

"ދައްތަ އޮޕަރޭޝަން ކުރަން ލާރި ބޭނުން ވަނީ، ދައްތަ އަތަކު އެވަރަށް ލާރިއެއް ނެތް، އެހެންވެ އެހީއަށް މި އެދެނީ، ލާރި ހުރި މީހުން ދައްތައަށް ކޮންމެ ވެސް އެހީއެއް ވެދިނުމަކީ އުއްމީދަކީ،" އިންޑިއާއަށް ފުރަން ދަތުރު ހަދައިގެން އިން މަރިޔަމް ބުންޏެވެ.
----

މަރިޔަމްއަށް އެހީވުމަށް
ފޯނު: 9846805 އަދި 0918951173514
އެކައުންޓް ނަމްބަރު: ‎7730000007681
Muharrim Aboobakuru