ކުޅިވަރު

ފަހު ވަގުތު ސީރިޔާއިން ވޯލްޑްކަޕްގެ އުންމީދު ދަމަހައްޓައިފި

Oct 6, 2017

ވޯލްޑް ކަޕްގެ ކޮލިފައިން އޭޝިއާ ހަތަރު ވަނަ ބުރު ނުވަތަ ފަހު ޕްލޭއޮފްގެ ފުރަތަމަ ލެގް މެޗުގައި، އޮސްޓްރޭލިއާ ދެކޮޅަށް ފަހު ވަގުތު އެއްވަރުކޮށް، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި އޮތް ސީރިޔާއިން، ވޯލްޑް ކަޕްގެ އުންމިދު ދަމަހައްޓައިފި އެވެ.

ސީރިއާގެ ހޯމް މެޗެއްގެ ގޮތުގައި، މެޗު، ހަމަޖެހިފައި ވީނަމަވެސް، ހަނގުރާމައިގެ ހޫނު ކަމާ ހެދި، މި މެޗު ކުޅުނީ މެލޭޝިއާގެ މަލަކާ ސިޓީގެ ހޭންގް ޖަބަތު ސްޓޭޑިއަމްގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު އޮސްޓްރޭލިއާއިން ކާމިޔާބު ކުރީ، 39 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހުމުގައި، ޖަރުމަންގެ ހާތާ ބާލިންއަށް ކުޅެމުން ގެންދާ، މެތިއު ލަކީ ހިއްސާ ބޮޑެވެ. ސީރިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން، އަރިމަތީގައި ހުރެފައި ގޯލައާ އަމާޒުކޮށް އޭނާ ފޮނުވާލި ބޯޅައިން، އެ ގޯލް ޖަހަން މަގު ފަހިވީ، ޖަރުމަންގެ ދެ ވަނަ ޑިވިޝަންގައި ކުޅެމުންދާ ކުޅުންތެރިޔެއް ކަމަށްވާ، ރޮބީ ކްރީޒް އަށެވެ. އެ ބޯޅަ ގޯލަށް ވަނީ ކްރޫޒް ފައި މަޑުމަޑުން ކޮށްޕާލުމުން ނެވެ.

ދެ ވަނަ ހާފުގައި ލަކީ އަށް ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 48 ވަނަ މިނެޓްގައި، ލިބުނު އެ ފުރުސަތުގެ ހުރަހަކަށްވީ ގޯލްގެ ދަނޑި އެވެ. އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ، ގޯލްގެ ދަނޑީގައި ޖެހިފައި ރީބައުންސަށް ނިކުތުމުން ދެ ވަނަ ފަހަރުވެސް އޭނާ އެ ބޯޅަ ފޮނުވާލުމުން އަމާޒުވީ ދަނޑި އަށެވެ.

އޮސްޓްރޭލިއާއަށް ލިބުނު ފުރުސަތުތައް ބޭކާރު ވުމުން، ސީރިއާއިން އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި، ދެ ވަނަ ހާފުގެ ފަހު ކޮޅުގައި، ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އުމަރު އަލް ސޯމާހް ގޯލްގެ އަރިމަތީގައި ހުރެފައި، ފޮނުވާލި ބޯޅަ، އޮސްޓްރޭލިއާގެ ކީޕަރު، މެތިއު ރަޔަން އަތުގައި ޖެހިފައި ޖެހުނީ ދަނޑިގައެވެ. ދަނޑިގައި ޖެހިފައިން ރީބައުންސްވި ބޯޅަ ރަޔަން ވަނީ ސަލާމަތް ކޮށްފަ އެވެ.

ސީރިއާއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ނެވެ. ޕެަނަލްޓީ ސޯމާ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަ ށެވެ.

އެ ދެޓީމު ކުޅޭ ދެ ވަނަ ލެގް މެޗު އަންނަ އަންގާރަ ދުވަހު އޮންނާނީ އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެނަމަ، އިންޓަ ކޮންޓިނެންޓް ޕްލޭއޮފް ބުރަށް ދާނީ އޮސްޓްރޭލިއާ އެވެ. ސީރިއާއަށް އުންމީދެއް ލިބޭނީ، ސިޑްނީގައި ކުޅޭ މެޗުގައި ލަނޑު ޖެހުމުން ނެވެ. އިންޓަ ކޮންޓިނެންޓް ޕްލޭ އޮފް ބުރުގައި މޮޅުވާ ޓީމެއް ބައްދަލު ކުރާނީ އުތުރާއި ސެންޓްރަލް އެމެރިކާ އަދި ކެރީބިއަންގެ ގައުމުތައް ހިމެނޭ ކޮންކާކަފް ކޮލިފައިން ބުރުގެ ހަތަރު ވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. ކޮލިފައިންގައި ކޮންކާފް ސަރަހައްދުގެ ހަތަރު ވަނަ މަގާމުގައި މިވަގުތު އޮތީ އެމެރިކާ އެވެ.

އޭޝިއާ ޒޯނުން ވޯލްޑްކަޕްގެ ޖާގަ މިހާތަނަށް ހޯދާފައި ވަނީ، އިރާން އާއި ޖަޕާނާއި ދެކުނު ކޮރެއާގެ އިތުރުން ސައުދީ އަރބިއްޔާ އެވެ.