ކުޅިވަރު

ކޭން އިންގްލެންޑް ކޮލިފައި ކޮށްދީފި، ޗެމްޕިއަން ޖަރުމަންވެސް

Oct 6, 2017
1

ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ޒޯންގެ ގުރޫޕް 'އެފް' ގައި ސްލޮވީނިއާ ދެކޮޅަށް އިންގްލެންޑްގެ ކެޕްޓަންކަން ކުރި ހެރީ ކޭން އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު 1-0 ސްލޮވީނިއާގެ މައްޗަށް ކާމިޔާބު ހޯދައި ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އިންގެލެންޑުން ގޯލައާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ އުފެއްދީވެސް ޓޮޓެންހަމްގެ ކޭން އެވެ.

މެޗުގެ 90 މިނެޓް ކުޅުން ހަމަވެ އިތުރަށް ދެއްކި ހަތަރު މިނެޓްގެ ތެރެއިން ކޭން ލަނޑު ޖެހީ އެންމެ ފަހު މިނެޓް ގައެވެ. ކައިލް ވޯލްކާ ސްލޮވީނިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަތިން، ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ކޭން ގޯލް ތެރެއަށް ފޮނުވާލީ ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ. ބޯޅަ ގޯލަށް ވަނީ ސްލޮވީނިއާގެ ކީޕަރު ޔާން އޮބްލެކްގެ އަތުގައި ޖެހިފަ އެވެ.

ލަނޑުގެ ކުރިންވެސް، ކޭން ނުރައްކާތެރި ބޯޅަ އެއް ފޮނުވާލި އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އޮބްލެކް ދިފާއު ކުރުމުން ގޯލައަށް ވަންނަން ދިޔަ ބޯޅަ ދެ ވަނަ ފަހަރަށް އޮބްލެކް ސަލަމާތް ކުރީ އެވެ.

ޔޫރަޕް ޒޯންގެ ގުރޫޕް 'ސީ' ގައި ހިމެނޭ، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ވެސް ވަނީ އުތުރު އަޔަލޭންޑްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވޯލްޑް ކަޕުން ޖާގަ ހޯދާފަ އެވެ.

ޖަރުމަންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސަބެސްޓިއަން ރޫޑީ އެވެ. ޖަރުމަނުން އުފެއްދި ހަމަލާއެއް، އުތުރު އަޔަލޭންޑްގެ ޑިފެންޑަރުން ދިފާއު ކުރުމުން އެ ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޖަރުމަންގެ ހޯޝުއާ ކިމީކް އަށެވެ. އެ ބޯޅަ ކޮންޓްރޯލް ކޮށް އޭނާ ފަހަތައް ދިނީ ޕެނަލްޓީ އޭރިއާ ބޭރަށެވެ. އެ ބޯޅަ އެއްފަހަރުން ޖަހައި ރޫޑީ ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. އެ ބޯޅަ ސަލާމަތް ކުރުމަށް އަޔަލެންޑްގެ ކީޕަރު މައިކަލް މަގާޔަން އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ޖަރުމަންގެ ދެ ވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެންޑްރޯ ވަގުނާ އެވެ. ތޯމަސް މުލާ ދިން ބޯޅަ ޕެނަލްޓީ އާކް ނުވަތަ ޑީ އޭރިއާ ތެރޭގައި ހުރެފަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ކިމީކް އެވެ. ޖަރުމަނުން އުފެއްދި ހަމަލާއެއް، އަޔަލޭންޑްގެ ޑިފެންޑަރު ޖޯނީ އިވެންސް ބޮލުން ދިފާއު ކުރުމުން އެ ބޯޅަ ލިބުނީ، ކިމިކް އަށެވެ. އޭނާ ވަނީގޯލްގެ އަރިމައްޗަށް ވާގޮތަށް ހުރެފައި އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

އަޔަލެންޑްގެ ހަމައެކަނި ލަނޑު 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖާޝް މިގެނެސް އެވެ. އަޔަލެންޑުން ނެގި ކޯނަރު ގަރެތު މިކޯލީ ބޮލުން ފޮނުވާލި ބޯޅަ، މިގެނެސް ގޯލްތެރެއަށް ފޮނުވާލީވެސް އޭނާގެ ބޮލުން ނެވެ.

ޔޫރަޕް ޒޯނުން، މިހާތަނަށް ތިން ޓީމު ވަނީ ކޮލިފައި ވެފަ އެވެ. އެއީ އިންގްލެންޑާއި ޖަރުމަންގެ އިތުރުން ބެލްޖިއަމްއެވެ. މުބާރާތް ބާއްވާ ގައުމު ރަޝިޔާގެ އިތުރުން ނުވަ ގައުމެއް މިހާރު ވަނީ މުބާރާތުގެ ވާދަ ކުރުމުގެ ފުރުސަތު ހޯދާފަ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ، ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް އާއި އިރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް ދެކުނު ކޮރެއާ އަދި ސައުދީ އަރަބިއާ އެވެ.