ކުޅިވަރު

ސްޕެއިން ވޯލްޑްކަޕަށް، އިޓަލީއަށް މަޑު ޖެހުމެއް

Oct 7, 2017

އަލްބޭނިއާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް 'ޖީ' ގެ އެއް ވަނައިގައި، ސްޕެއިން ވޯލްޑްކަޕުން ޖާގަ ހޯދިއިރު، އެ ގުރޫޕްގައި ކުޅުނު އަނެއް މެޗު މެސަޑޯނިއޯ އަތުން އިޓަލީ އެއްވަރުވުމުން، ކޮލިފައިވުމަށް އިޓަލީއަށް މަޑު ޖެހުމެއް އައިސް އިތުރު މެޗަކަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިޓަލީ، ރޭ ގެ މެޗުން މޮޅުވިނަމަ، އެ ޓީމަށް ރޭގެ މެޗުން ސީދާ ވޯލްޑް ކަޕްގެ ފުރުސަތު ލިބިގެންދާނެ އެވެ. ތިން ވަނައިގައި އޮތް އަލްބޭނިއާގެ މައްޗަށް ސްޕެއިން މޮޅުވުމުން، އިޓަލީ އަށް ވަނީ ދެ ވަނަ ޔަގީން ވެފައެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ޖާގަ ޔަގީން ވަނީ ކުރިއަށް މެޗަށް ފަހު އެވެ. އިޓަލީ އަށް ދެން އޮތީ، އަލްބޭނިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ ގައެވެ.

ސްޕެއިންގެ މެޗުގައި، ތަރިއަކަށްވީ، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްކޯ އެވެ. އޭނާ ވަނީ ދަނޑުގެ ހުރިހާ ހިސާބަކުން ޕާސް ތަނަވަސް ކޮށްދީ، ލަނޑުވެސް ޖަހާފަ އެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓްގައި ރޮޑްރިގޯ ޖެހީވެސް އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. އޭރިއާ ބޭރުގައި ހުރެފައި، އިސްކޯ ބޯޅަ ދިނީ، އޭރިއާ ތެރޭގައި ހުރި ރޮޑްރިގޯ އަށެވެ. ބޮޅުން ބޯޅަ ކޮންޓްރޯލްކޮށް، ރޮޑްރިގޯ ވަނީ ވައިގެ ތެރޭގައި ބޯޅަ އޮއްވައި ފައިން ޖަހައި ގޯލް ތެރެއަށް ފޮނުވާލާފަ އެވެ. ސްޕެއިންގެ ވެލެންސިއާ އަށް ކުޅޭ ރޮޑްރިގޯ އަކީ، ބްރެޒިލްއަށް އުފަން ކުޅުންތެރިޔެކެވެ.

ސްޕެއިންގެ ފުރަތަމަ ހަމަލާ އުފެއްދީވެސް ރޮޑްރިގޯ އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާގެ އަރިމަތިން، ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅަ ރޮޑްރިގޯ ފޮނުވާލުމުން އެ ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ސްޕެއިންގެ ދެ ވަނަ ލަނޑު 23 ވަނަ މިނެޓްގައި އިސްކޯ ކާމިޔާބު ކުރީ، އޭރިއާ ތެރޭގައި ހުރެފައި ކޯކް ދިން ބޯޅަ އަކުން ނެވެ. އެވަގުތު އިސްކޯ ހުރީ، ގޯލް އޭރިއާ ތެރޭގަ އެވެ. އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށް އަމާޒު ކޮށެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ސްޕެއިންގެ ތިން ވަނަ ލަނޑު، އަލްވާރޯ އޮޑްރިއޯޒޯލާ ނަގައިދިން ހުރަހަކުން ކާމިޔާބު ކުރީ، ތިއާގޯ އަލްކަންޓާރާ އެވެ. ތިއާގޯ ބޮލުން އެ ބޯޅަ ފޮނުވާލުމުގެ ކުރިން، އަލްބޭނިއާގެ ޑިފެންޑަރުންނަށްވެސް އެބޯޅަ ބޮލުން ދިފާއު ކޮށް ބޭރުކޮށްލުމުގެ ފުރުސަތުވެސް އޮތެވެ. ނަމަވެސް ތިއާގޯ ބޮލުން އެ ބޯޅަ ފޮނުވާލީ ދުރުން ފުންމައިގެން އައިހެވެ.

މިއީ ޖެހިޖެހިގެން 11 ވަނަ ފަހަރު، ސްޕެއިން ވޯލްޑްކަޕަށް ކުޅޭ ފަހަރެވެ. ޖަރުމަންގައި 1974 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފަހުން ސްޕެއިން ދަނީ އޭގެ ފަހުން ކޮންމެ ވޯލްޑްކަޕެއްގައި ވާދަ ކުރަމުން ނެވެ. ސްޕެއިންއަށް ވުރެ ގިނަ އިން ވޯލްޑް ކަޕްގައި ވާދަ ކޮށްފައި ވަނީ، ޖަރުމަން އާއި ބްރެޒިލް އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ ގަދަ ބާރު، ބްރެޒިލް ވަނީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަ ކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ވޯލްޑްކަޕަށްވެސް، އެންމެ ފުރަތަމަ ކޮލިފައިވި ޓީމަކީ ބްރެޒިލް އެވެ.

އިޓަލީ އާއި މެސަޑޯނިއާ ކުޅުނު މެޗުގައި، އެންމެ ފުރަތަމަ ލީޑް ނެގީ، އިޓަލީން ނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިޓަލީން ވަނީ ލިޑް ނަގާފަ އެވެ. ޗީރޯ އިމްމޯބިލޭ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި، ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައިން ލަނޑު ކާމިޔާބު ކުރީ ޗިއަލީނީ އެވެ.

މެޗުގެ 77 ވަނަ މިނެޓްގައި، މެސަޑޯނިއާއިން ނަތީޖާ ހަމަހަމަ ކުރީ، އެލެކްސެންޑާ ޓްރޮޖްކޮސްކީ ކާމިޔާބު ކުރި ލަނޑުން ނެވެ.