ކުޅިވަރު

އިނިއެސްޓާގެ ހަޔާތް އުމުރަށް ބާސެލޯނާ އަށް

Oct 7, 2017

ބާސެލޯނާއާ އެކު އުމުރު ދުވަހަށް، ކެޕްޓަން އަންދުރޭ އިނިއެސްޓާ ކޮންޓްރެކްޓް އާ ކޮށްފި އެވެ. އިނިއެސްޓާ އަކީ މިހާރުވެސް، ބާސެލޯނާގެ ތާރީހްގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔާ އަކީ ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓަމައު ވިދާޅުވީ، ބާސލެޯނާގެ 118 އަހަރުވީ ތާރީހްގައި މީގެކުރިން އެއްވެސް ކުޅުންތެރިޔަކު، އުމުރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާނެ ކަމަށެވެ. އެ ޝަރަފު އިނިއެސްޓާ އަށް ހައްގުވާ ކަމަށެވެ.

"ޓީމުގެ ހިމެނޭ ޒުވާން ކުޅުންތެރިން ބުނޭ އެ ކުޅުންތެރިންގެ ރޯލް މޮޑެލްއަކީ އިނިއެސްޓާ އޭ، އެއީ އޭނާ ކުޅޭ ސްޓައިލް ސަބަބުން އެކަންޏެއް ނޫން، އެއީ ބާސެލޯނާގެ ޑިޔުޓީގައި ހުންނައިރު އޭނާ ކުރާ މަސައްކަތާއި އޭނާގެ ލީޑާޝިޕްވެސް ކުލަބުގައި ހިއްސާ ކުރާތީ."

އިނިއެސްޓާ މިވަގުތު ހުރީ އިންޖަރީއެއްގަ އެވެ. އެހެންވެ މިފަހަރު ސްޕެއިންގެ ގައުމީ ޓީމުންވެސް އޭނާ އަށް ފުރުސަތު ދީފަ އެއް ނުވެ އެވެ.

އިނިއެސްޓާ ބުނީ، އޭނާގެ ހަށިގަނޑާއި ސިކުނޑި ހެޔޮ ހާލުގައި ހުރެއްޖެނަމަ، އޭނާ ހުންނާނީ އަބަދުވެސް ބާސެލޯނާގައި ކަމަށެވެ. ބާސެލޯނާގެ އެހެން ބައެއް ކެޕްޓަނުން ރިޓަޔާ ކުރުމުގެ ކުރިން ވަނީ ބައެއް އެހެން ކުލަބުތަކަށް ކުޅެފަ އެވެ. އެހެންވެ ގިނަ ބަޔަކު ހީކޮށްގެން ތިބީ، އިނިއެސްޓާވެސް އެ މަގު ހިޔާރު ކުރާނެ ކަމަށެވެ. ނަމަވެސް، އިނިއެސްޓާ މީގެ ކުރިންވެސް ބުނެފައި ވަނީ އޭނާ ރިޓަޔާ ކުރާނީ ބާސާ ގައި ކަމަށެވެ.

"މި ކުލަބާ އަހަންނާ ދެމެދު އޮންނަ ގުޅުން އަބަދުވެސް އޮންނާނާނީ ހަމަ އެވަރެއްގައި، އަހަރެންގެ ހަށިގަނޑާއި ސިކުނޑި އެކަމަށް ފުރުސަތު ދޭ ކަމަށްވަންޏާ އަހަރެން ހުންނާނީ މިކުލަބުގައި." އިނިއެސްޓާ ބުންޏެވެ.

މިއީ، ބާސެލޯނާގައި އިނިއެސްޓާ ހޭދަ 21 ވަނަ އަހަރެވެ. އޭނާ ބާސެލޯނާ އާ ގުޅުނީ އުމުރުން 12 އަހަރުގަ އެވެ. މިއަދު އޭނާގެ އުމުރުން 33 އަހަރެވެ. އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުމުން ކުޅުން ހުއްޓާލި ނަމަވެސް، ބާސާގެ މަގާމެއް އިނިއެސްޓާ ފުރާނެ ކަމަށް ބެލެވެ އެވެ.