ރިޕޯޓް

އެސެޓްސް ރިކަވަރީ ކޮމިޝަން: ދަޅައެއް، މަޅިއެއް؟!

ދުވަސްވަރަކީ ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ ވަރަށް ބޮޑަށް މީހުންގެ ދޫމައްޗަށް ތިލަވެގެން އުޅުނު ދުވަސްވަރެކެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވާހަކަ އަނެއްކާވެސް ގަދަވި ދުވަސްވަރެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިޔަ ދުވަސްވަރެކެވެ. އެ ދުވަސްވަރު ކުއްލިއަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި ރައީސް އަބްދުﷲ ޔާމީން ވަނީ ގާނޫނު އަސާސީއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރެއްގެ ދަށުން ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ހަލުވި ކުރަން އުފެއްދެވީ އެސެޓްސް ރިކަވަރީ ކޮމިޝަނެކެވެ.

ފަަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެސެޓްސް ރިކަވަރީ ކޮމިޝަން އުފެއްދީ، ވަރަށް ކުއްލިއަކަށް ބޮޑު ނަތީޖާއެއް ނެރުމަށެވެ. މީގެ ކުރުން އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ހިޔާނާތްތަކުގައި ހިމެނޭ ފައިސާ މި ކޮމިޝަނުން އަނބުރާ ހޯދާށެވެ. އެ ފައިސާ ހޯދުން އަވަަސްކުރަން ފިޔަވަޅުތައް އަޅާށެވެ. ކޮމިޝަނަށް ގިނަ ބާރުތަކެއް ވެސް ވަނީ ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލާ މައްސަލަތަކާއި ގުޅުން ހުރި ލިއުންތައް ހޯދުމާއި އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބެ އެވެ. އަދި މައްސަލަތަކާއި ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރެވޭ އިރު ދައުލަތުން ގެއްލިފައިވާ ފައިސާތަކާއި ގުޅޭ ޖިނާއީ މައްސަލަތައް ފުލުހުންނާއި ޕީޖީ މެދުވެރިކޮށް ފިޔަވަޅު އެޅުމާއި މައްސަލަތައް ކުރިއަށްދާ މިންވަރު ބެލުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.

"ދައުލަތަށް ލިބެން ޖެހޭ އެތަށް މިލިއަނެއްހާ ފައިސާ ހުރި އިރު މި ކޮމިޝަން އިން މަސައްކަތް ކުރާނީ ވަރަށް އަމާޒު ކުރެވިގެން ބުރަ މަސައްކަތްތަކެއްކޮށްގެން ފައިސާތައް ހޯދުން، އަދި މުއައްސަަސާތަކަށް ފައިސާ ހޯދަން ދިމާވެފައި ހުރި ދަތިތައް ހައްލުކުރުން، އެކަންވީ އެންމެ ބޮޑު މިނެއްގައި ކުރުމުގެ މަގްސަދުގައި އެކަން ކުރާނެ،" ކޮމިޝަން އުފެއްދެވި ދުވަހު، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވެ އެވެ.

ކޮމިޝަން އުފެއްދީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. މިހާރު ކޮމިޝަން އުފެއްދިތާ ތިން މަސް ވަނީ އެވެ. އެ ތިން މަހަކީ އެ ކޮމިޝަނަށް އޮތް އެންމެ ހާއްސަ ދުވަސްތަކެވެ. އެންމެ ބުރަ ވެސް ދުވަސްތަކެވެ. ކޮމިޝަނުން ބޮޑު ނަތީޖާ ނެރެން ދީފައިވާ މުއްދަތަކީ އެއް އަހަރެވެ. ކޮމިޝަން އެކުލަވާލީ އެއް އަހަރު ދުވަހުގެ ނިޔަލަށެވެ. އެކަމަކު އުފެދޭ ސުވާލަކީ އެ ބޮޑު ނަތީޖާ ނުކުންނާނެ ހެއްޔެވެ؟ ނޫނީ ރިޔާސީ ކޮމިޝަނުން މަސައްކަތެއް އެބަ ކުރޭ ހެއްޔެވެ؟

މިހާތަނަށް ރިޔާސީ ކޮމިޝަނުގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ތިލައެއް ނުކުރެ އެވެ. އެ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރާނީ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ހުރިހާ މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ. އެއްވެސް މީހަކާމެދު ނުވަތަ ކުންފުންޏާކަމާމެދު ފިޔަވަޅެއް އެޅި ނަމަ އެކަން ހާމަކުރީހެވެ. ކޮމިޝަނުން އެއްވެސް އެންގުމެއް އެންގި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެނގޭހާ ވެސް އެއްޗަކީ ލިބުން ލަސްވެފައިވާ ފައިސާ ހޯދުން ވަކި އަވަހެއް ނުވާނެ ކަމެވެ. ކޮމިޝަނުގެ މަގުސަދު ހާސިލުނުވާ ކަމެވެ.

މިހާ ހިސާބުން ސުވާލު އުފެދެނީ ކޮމިޝަނުގެ ނިޔަތާމެދު އެވެ. ކޮމިޝަން އުފައްދަވާ މާގިނަ ދުވަސްތަކެއް ނުވެ ޕޯޑިއަމަކަށް އަރައިވަޑައިގެން ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް ވަރަށް ހޫނު ހަމަލާތަކެއް ދެއްވާފަ އެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ނުދައްކާ ޕޯޑިއަމްތަކަށް އަރައި، ރައްޔިތުންނަށް އުފާވެރި ހަބަރުތައް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން، ގާސިމަށް ރައްދު ދެއްވި އެވެ. އޭރު ގާސިމަކީ "ސަލާމަތުން ހުންނެވި" އެންމެ ވަރުގަދަ އިދިކޮޅު ލީޑަރެވެ.

އެ ދުވަހު ރައީސް ޔާމީން ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ވިދާޅުވެފަ އެވެ. ދެން އެމަނިކުފާނުގެ ހަމަލާ ރައްދު ކުރެއްވީ، އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބަށް ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އެ ދުވަސްވަރު ރައީސް މުޅިން ވެސް ދެއްކެވީ ފައިސާގެ ވާހަކަ އެވެ. އޭގެފަހުން އެމަނިކުފާނުގެ ގެކޮޅަށް އަދީބު ގެންގުޅުއްވި ފައިސާ ވަދެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސްގެ މި ވާހަކަފުޅާއި ރިޔާސީ ކޮމިޝަން އުފެއްދެވި ދަނޑިވަޅަށް ބަލާފައި އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ކޮމިޝަނަކީ ސިޔާސީ އިދިކޮޅު ބޭފުޅުންގެ ކަރަށް ހެޔޮވަރު ކުރި މަޅިއެއް ކަމަށެވެ.

ކުރިން ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވައި އެ ތާއިދު އަނބުރާ ގެންގޮސްފައިވާ މުހައްމަދު އަމީތު ވިދާޅުވީ، ސަރުކާރުން އެސެޓްސް ރިކަވަރީ ކޮމިޝަނެއްގެ ނަމުގައި ކޮމިޝަނެއް އުފެއްދެވި އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ގޮތުން ގާސިމް އިބްރާހިމްއާ ޖައްސާލުން ކަމަށެވެ. އެމަނިކުފާނު މުދާ ދައުލަތަށް ނެގުމަކީ ބޭނުމަކަށް ވެދާނެ ކަމަށްއޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުލަތަށް ހިޔާނާތްތެރިވީ މީހުންނާއި ހިޔާނަތްތެރިވަމުންދާ މީހުން އޮޑިޓް ރިޕޯޓްތަކުން ވަރަށް ސާފުވާ ކަމަށާއި އެމީހުން ފަހަތުން ސަރުކާރުން ނުދުވާ ކަމަށް އަމީތު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ސަރުކާރާ ހިޔާލު ތަފާތު، އިސް ބޭފުޅުންގެ ބޮލުގަ ނުހައްގުން ތުހުމަތު އަޅުވާ އެ ބޭފުޅުންގެ މައްސަލަތައް އަމިއްލައަށް އީޖާދުކޮށްގެން ބަލައި ޝަރީއަތަށް ފޮނުވައި އެ ބޭފުޅުންނަށް ނުހައްގުން ހުކުމް ކުރުމަށް ސަރުކާރުން މަސައްކަތް މި ކުރަނީ މި ކޮމިޝަނެއް ހަދައިގެން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އެސެޓްސް ރިކަވަރީ ކޮމިޝަނެއް އުފައްދައިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން މަސައްކަތް ކުރާނަމަ އެންމެ ފުރަތަމަ ބަލަންޖެހެނީ މި ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭގެ އިތުރުން އޮޑިޓް ރިޕޯޓްތަކުން މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހިންގަވާފައި ހުރި ކޮރަޕްޝަންތައް ފެންނަން އޮތްކަން އަމީތު ފާހަގަކުރެއްވި އެވެ. އެ ބޭފުޅުންގެ މައްސަލަތައް ނުބަލާ ދެން އިތުރަށް އެހެން ބޭފުޅުންތަކެއް މައްސަލަަތައް ބަލަން ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ފައިސާ އަނބުރާ ނުހޯދި ވަނިކޮށް ހިޔާނާތުން އަނެއްކާވެސް އެތައް ފައިސާތަކެއް ގެއްލިފައިވާކަން އޮޑިޓް ރިޕޯޓަކުން ވަނީ ފަޅާ އަރާފަ އެވެ. އެއީ، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ސިއްސައިގެންދާވަރުގެ ބޮޑު ކޮރަޕްޝަނެކެވެ. އަތޮޅުތަކަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ތެޔޮ ވިއްކުމާއި ޖަނަރޭޓަރު ގަތުމާއި އެހެން ވެސް ބައެއް މުއާމަލާތަތްތަކުގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ގޮތުން އެތައް މިލިއަން ރުފިޔާއެއް ދީފައިވާ ކަމާއި އެކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ފެނަކައަށް ވެފައިވާކަން ވަނީ ހާމަވެފަ އެވެ.

"އަމަލާ ބަހާ އެއްވެސް އިރަކު ދިމާވާ ބައެއް ނޫން ސަރުކާރުގަ މިތިބީ، ހާއްސަކޮށް ރައިސުލްޖުމްހޫރިއްޔާގެ، އެބަ ވިދާޅުވޭ ތިމަންނަގެ ސަރުކާރުގަ ކޮރަޕްޝަންތައް މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް، އެ ގަބޫލު ކުރައްވާ ކޮރަޕްޝަންގެ ވަރަށް ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށް ވެސް، ގަބޫލު ކުރައްވާއިރު އެ މައްސަލަތައް ބަލާ ކަމަކަށް ނުފެނޭ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް އަދި އެ ބޭފުޅުން ފައިސާ ދައްކާ ގޮތަށް ނަމަވެސް ނުއަގުގަ ފްލެޓްތައް ހަދިޔާކުރިއިރުގަ އެކަން ބަލާނެ މީހަކު ނެތް، އޮޑިޓް ރިޕޯޓްތަކުގައި މިނިސްޓްރީތަކާ ގުޅޭ މައްސަލަތަކެއް ނުބަލާ، ބޮޑު ސިންގާ ކޮމިޝަނެއް ހަދައިގެން އެ ކޮމިޝަނުން ކުރާ ކަމެއް ފެންނާކަށް ނެތް، އެއީ ހަމަ އިދިކޮޅު ލީޑަރުންނަށް ބިރު ދައްކަން ހެދި ކޮމިޝަނެއް،" އަމީތު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނެއް ހައްދަވައިގެން ކުރިން ހިނގާފައިވާ ކަންކަން ބެލުމަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ފާޑު ވެސް ވިދާޅުވި ކަމެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި މައްސަލަތައް ބަލަން ފެށީ ރައީސް ނަޝީދުގެ ކުރިން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޖެއްސުންކުރުމަށް ކަމަށް ރައީސް ޔާމީން ސިފަކުރައްވާފައިވެ އެވެ.

އެހެންކަމުން ރައީސް ޔާމީން ވެސް ގަޔާވާ ނުވާ ކޮމިޝަނެއް އުފައްދަވައިގެން ނަތީޖާ ނެރެވޭނެތޯ ނުވަތަ އެ ކޮމިޝަން އުފެއްދި ނިޔަތާމެދު މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ކޮރަޕްޝަން ހުއްޓުވައި، ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް ބަޔަކު އަތް ޖަހަން ތިއްބައި، ރައްޔިތުން ދަނީ ސިއްސަ ސިއްސައިގެންނެވެ. ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ރައްޔިތުންނާ ހަމައަށް ތިލަވަމުން ދަނީ އެވެ. އަދީބު ނޫން ބޭފުޅަކަށް އެޅޭ ފިޔަވަޅެއް ނުފެނެ އެވެ. އަދީބާ ހަމައިން ކޮރަޕްޝަން މި ސަރުކާރަށް ހުއްޓެ އެވެ. ނޫނީ ކުރީގެ ސަރުކާރުތަކުގައި ވެސް ކޮރަޕްޝަން ހިންގި ކަމަށް ބުނެ އެއީ އާދައިގެ ކަމަކަށް ހަދާލަ އެވެ.

ސަރުކާރުގެ ބޮޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށްވީ ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަށްފަހު ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތް ފެންމަތިވެގެން އައުމަކީ އެ އަމާޒަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ އެންމެ އަލިގަދަ ހެއްކެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި ކަމަށް ތުހުމަތުވާ އޭރުގެ އެމްޑީ މުހައްމަދު ނިމާލް އަދިވެސް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމުން ދޭހަވަނީ ކޮރަޕްޝަންގެ ނަމުގައި މައްސަލަތައް ބަލައި، ފިޔަވަޅު އަޅަނީ ވެސް ހިޔާލު ތަފާތުވާ މީހުންނާ މެދު ކަމެވެ. މިކަންކަން މިހެން ހުރިއިރު އެސެޓްސް ރިކަވަރީ ކޮމިޝަނުގެ މަގުސަދާމެދު އިތުރަށް ބުނާނެ ދައްކާނެ ވާހަކައެއް ނޭނގެ އެވެ.