ހަބަރު

ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފި

ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތަށް އިންތިހާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ގެނެސްދީގެން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި ބްރޯޑް ކާސްޓިން ކޮމިޝަނުން ވަނީ އަންގާފަ އެވެ.

ރާއްޖެ ޓީވީ އަނެއްކާވެސް ޖޫރިމަނާކޮށްފައިވަނީ 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކާފައިވާ ވާހަކަތަކެއް ގެނެސްދިނުމާ ގުޅިގެންނެވެ.

އެ މައްސަލަ ބަލައި ނިންމުމަށްފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުސްތަފާ ދެއްކެވި ވާހަކައިގެ ތެރެއިން، ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ތިން ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫންކަމަށާއި، މީހަކު ދެއްކި ވާހަކައެއް، ދެއްކިގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި އިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވި ގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރައުޔު ކަމަށްވާތީ، އެއީ އެ މީހަކު ބޭނުން ބަހެއް އިތުރުކޮށް، ބޭނުން ބަހެއް އުނިކޮށް މުޅި ވާހަކައިގެ އަސްލު ގެއްލުވާލުމެއް ކަމުގައިވާތީ، އެހެންކަމުން ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލައި، އުނި އުތުރު ގެނެސްފައިވާ ކަމަށެވެ.

"ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން ފާހަގަކޮށްފައިވާ ތިން ޓްރާންސްކްރިޕްޓްގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ވާހަކަ މުސްތަފާ ދައްކަވާފައިވުމަކީ، އެ ޓްރާންސްކްރިޕްޓްގައި މުސްތަފާ ދައްކާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތަށް އުނިއިތުރެއް ގެނައުން ކަމަށް ނުބެލެވޭކަމާއި، އަދި މިއީ، އޭގެ ސަބަބުން މުސްތަފާ ދައްކާފައިވާ މުޅި ވާހަކައިގެ މަފްހޫމް ގެއްލިގެން ގޮސް، ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލާ އަދި އުނިއިތުރު ގެނެސްފައިވާ ކަމަށް ބުނުމަށް އޮތް ހުއްޖަތެއް ކަމުގައި ނުފެންނަ ކަމަށެވެ." ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ (ގައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ހިޔާލުފާޅުކުރުން) ގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓީވީއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަބުރާ ބެހިގެން މީގެކުރިންވެސް ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފަ އެވެ.