އެމްޑަބްލިއުއެސްސީ

ފެން ކުންފުނީގެ ފެން އުފައްދާ އާ މަރުކަޒު އިފްތިތާހުކޮށްފި

Oct 8, 2017
1

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީގެ ފެން އުފައްދާ އާ މަރުކަޒު ނުވަތަ އާރްއޯ އެނެކްސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރާ ރަސްމީކޮށް އިފްތިތާހުކޮޮށް ދެއްވައިފި އެވެ.

މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި އެނެކްސް ހުޅުވައި ދެއްވުމުގެ ކުރިން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ފެނުގެ ސެކިއުރިޓީ އަދި ނަރުދަމާ ނިޒާމް ހަރުދަނާ ކުރަން 300،000 މީހުންގެ އާބާދީ އަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގައި ގާއިމްކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މިރޭ މާލޭގައި އަލަށް ހުޅުވި މަރުކަޒަކީ ދުވާލަކު 5000 ކޮޑި މީޓަރުގެ ފެން އުފެއްދޭ އަދި އިތުރު 5000 ކޮޑިމީޓަރުގެ ފެންޕަލާންޓެއްވެސް ގާއިމްކުރުމުގެ ގާބިލުކަން ލިބިފައިވާ މަރުކަޒެކެވެ. މި މަރުކަޒު ހުޅުވި އިރު މާލޭގައި މިހާރު އޮތް ފެނާއި ނަރުދަމާގެ ނިޒާމަކީ 70،000 މީހުންގެ އާބާދީއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. އެ ނިޒާމް ގާއިމް ކޮށްފައި ވަނީ 37 އަހަރު ކުރިންނެވެ.

ފަޒުލް މިރޭ ވިދާޅުވީ މާލޭގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ އޮޕަރޭޝަން ސެންޓަރު ޑީސެންޓްރަލައިޒްކުރާނެ ކަމަށާއި އިތުރު ކެޕޭސިޓީ ފުޅާ ކުރާއިރު ބޮޑުތަކުރުފާނު މަގުގައި މިރޭ ހުޅުވި މަރުކަޒާއެކު، ފެން އުފެއްދޭ މިންވަރު 25 ޕަސެންޓަށް މައްޗަށް ޖެއްސިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ހުޅުވި މަރުކަޒުގެ އިތުރުން ވެސް މާލޭގައި 2000 ކޮޑިމީޓަރުގެ ފެން ޕްލާންޓެއް ބަހައްޓައި، އެތަނުގައި ފެން އުފައްދާ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅުވާލުމަށްޓަކައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް ހޮޅިލައިން އަޅައި މާލޭ ރީޖަންއަށް ރައްކާތެރިކަމާއެކު މެދުނުކެނޑި ފެން ފޯރުކޮށްދޭން ބޭނުންވާ މަސައްކަތް ވެސް ކުރަމުން އަންނަނީ ކުރަމުންނެވެ.