ރީކޯ މޫސާ މަނިކު

ލަކުޑި "ފާރު" ގެ މޭސްތިރި!

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ކުރިޔަށް ވުރެ އުސްކޮށް، ރިޔާސަތު ވަަށައިގެން ފިލައިން ހަދާފައިވާ އުސް ފެންސެއް ޖަހާފައިވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މޭސްތިރިކަމާއެކު ކަން ހާމަކޮށްފި އެވެ.

ރިޔާސަތަށް ގެނެސްފައިވާ ބަދަލާއެކު އިދިކޮޅު މެންބަރުން ނުރުހުން ފާޅުކޮށް މަލާމަތް ކުރަމުން ދަނިކޮށް އެ ރިޔާސަތާމެދު އެންމެ ފަހުރުވެރިވެ އުފަލާއެކު ހުންނެވީ ރީކޯ މޫސާ އެވެ. މޫސަ ވަނީ ރިޔާސަތު ވަށައިގެން ޖަހާފައިވާ ލަކުޑި ފެންސްއާއެކު ވަރަށް އުފަލުން ހުންނަވާ ފޮޓޯއެއް ނަންގަވާ އާންމުކުރައްވާފަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގެ އާ ޑިޒައިންގެ މޭސްތިރިއަކީ މޫސަ ކަމަށެވެ. އަދި އެ ރިޔާސަތާ ގުޅޭ ގޮތުން މޫސާ ވިދާޅުވި އެއްޗެއް ވެސް ނިހާން ޓްވީޓެއް ކުރެއްވި އެވެ.

ނިހާންގެ ޓްވީޓްގައިވާ ގޮތުން މޫސާ ވިދާޅުވެފައިވަނީ، އެހެން ގައުމުތަކުގައި ވެސް މަޖިލީހުގެ ރިޔާސަތު ހަދާފައި ހުންނަނީ އުސްކޮށް ރީއްޗަށް ކަމަށެވެ.

މަޖިލީހުގެ ރިޔާސަތު 10 ފޫޓަށް އުސްކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކުމުން އެ ވާހަކަތައް ދޮގު ކުރައްވައި އެކަން ހިނގަމުންދާ ގޮތް ވިދާޅުވި ބޭފުޅަކީ ވެސް މޫސަ އެވެ. މޫސަ ވަނީ މީގެކުރިން ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ރިޔާސަތުގެ ވާހަކަ ދައްކަވާފަ އެވެ.

މޫސަ ވިދާޅުވެފައިވަނީ މަޖިލީހުގެ އިމާރާތުގެ ތަންތަން ބަދަލުކޮށް މަރާމާތު ކުރުމުގެ ބައެއް މަސައްކަތްތައް އޮންނަ އުސޫލެއްގެ ތެރެއިން ހިނގަމުންދާނެ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ މަސީހު އިންނަވާ ގޮނޑިކޮޅު އުސް ކުރަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ކޮންމެ ބަދަލެއް ގެނެސްގެން ވެސް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށާއި ތަރައްގީއަށް ހުރި ހުރަސްތައް ނައްތާލަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.