މިހާރު ކުރިއަށްދާ އެސްއެސްސީ އިމްތިހާނުގެ އިސްލާމް ޕޭޕަރު ލީކްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެސްއެސްސީ އިސްލާމް ޕޭޕަރު ލީކުނުވާ ކަމަށާއި އެ އިމްތިހާނު ދެވަނަ ފަހަރަށް ހަދަން ނިންމާފައިނުވާ ކަމަށެވެ. އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރުކޮށް ޖަވާބު ކަރުދާސް ބެލުމުގެ ކަންކަން ބަލަހައްޓަނީ އިމްތިހާނުގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިހާނު ކަރުދާސް ތައްޔާރު ކުރުމުގައި ބައިވެރިވި މާލޭ ސްކޫލެއްގެ ޓީޗަރަކު ޕޭޕަރުގެ މައުލޫމާތު ކުދިންނާ ހިއްސާ ކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރާފައިވާ ވާހަކަތައްވެސް ޝަފީއު ވަނީ ދޮގުކުރައްވާފަ އެވެ.
"އިމްތިހާނު ކަރުދާސް ތައްޔާރުކުރުމުގައި ހަރަކާތްތެރިވާނީ އިތުބާރު ހިފޭ، ވަކި ޝަރުތުތަކެއް ހަމަވާ ބޭފުޅުން، ސޯޝަލް މީޑިއާގައި ދައުރުވުގެން އެއުޅޭ ވާހަކައިގައި އެ ބުނާ ސްކޫލްގެ މުދައްރިސަކު އިމްތިހާނު ކަރުދާސް ހަދަން ބައިވެރިއެއް ނުވޭ،" ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އެ އިމްތިހާނުގެ ރައްކާތެރިކަމާއި އިމްތިހާނުގެ އިތުބާރާއި ޔަގީންކަން ހިފެހެއްޓުމަށްޓަކައި އިމްތިހާނުގެ އެންމެހާ ކަންކަން އިމްތިޒާމްކޮށް ރާވާ ބަލަހައްޓަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.
ޝަފީއުގެ ވާހަކައިގައި، ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތައް ފެތުރި ފަރާތްތައް ވަނީ ކުށްވެރިކޮށްފަ އެވެ.
މި އަހަރުގެ އޯ ލެވެލް އިމްތިހާނު ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއިން ހަތް ހާހަށްވުރެ ގިނަ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވި އެވެ. ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އިމްތިހާނު ކުރިޔަށްދާނެ އެވެ.