ހަބަރު

ޔާމީންގެ ޝަރީއަތް ސިއްރު ނުކުރަން 20 ޖަމިއްޔާއަކުން ގޮވާލައިފި

އަނިޔާވެރި ގޮތަކަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލާގެ ޝަރީއަތް ސިއްރުން ކުރިއަށް ނުގެންދަން އެކި ގައުމުތަކުގެ 20 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއާއެކު އިތުރު 19 އެންޖީއޯއަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު އެ މައްސަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާމެދު ފެށުނީންސުރެ ވެސް ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރަކީ ސިހުން ގެނުވި މަރަކަށްވާއިރު، އެ މަރާ ގުޅޭ މައުލޫމާތު އާންމުން ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދަންޖެހޭ ކަމަށް ބަޔާނުގައިވެ އެވެ. ޝަރީއަތްތަކަކީ ކުރިއަށް ގެންދަންޖެހެނީ ހުޅުވާލައިގެން ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިހާތަނަށް ބޭއްވި ދެ އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. އަޑުއެހުން ސިއްރުން ކުރިއަށް ގެންދަނީ ޕީޖީގެ އެދުމުގެ މަތިންނެވެ.

ޕީޖީއިން އެދިފައިވަނީ ޔާމީން ރަޝީދުގެ މުޅި ޝަރީއަތް ސިއްރުކުރާކަށް ނޫނެވެ. އެނގިފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މައްސަލާގައި ސިއްރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ އެވެ. އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ މައްސަލައެއްގައި ވެސް ޝަރީއަތް ފެށުމުގެ ކުރިން އެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަންޖެހޭނެ އެވެ. މައްސަލާގެ ޝަރީއަތް ފަށާނީ އޭގެފަހުންނެވެ.

ޔާމީންގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ގޮވާލި ޖަމިއްޔާތަކުގެ ތެރޭގައި ސިންގަޕޫރް، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ތައިލެންޑް އަދި ލަންކާގެ ޖަމިއްޔާތައް ހިމެނެ އެވެ.

ޔާމީން މަރާލި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކޮށްފައިވަނީ، މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލާއި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދާއި މ. ކުދެހިގެ ހަސަން ޝިފާޒާއި ގދ. ގައްދޫ ސިންދުބާދު މުހައްމަދު ދީފްރާނުގެ މައްޗަށެވެ.

ރަހުމު ކުޑަ ގޮތަކަށް ޔާމީން އޭނާ ދިރިއުޅޭ ގޭ ސިޑިގޮޅީގައި މަރާލާފައި ވަނީ މިދިޔަ އޭޕްރިލް 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ގައިގެ 24 ތަނަށް ވަނީ ވަޅި ހަރާފަ އެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން މަރާލީ ދީނީ ގޮތުން ހައްދު ފަހަނަ އެޅި ފިކުރުމުގެ ބަޔަކު ކަމަށެވެ.