ހަބަރު

ކުއްލި ޖަލްސާއަކުން ފާރިސް މައްސަލާގައި ގޮތެއް ނިންމަން އެދިއްޖެ

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބަންދުކޮށް ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބަލާ ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމައިދޭން އަނެއްކާވެސް އެދިއްޖެ އެވެ.

ފާރިސްގެ މައްސަލާގެ އަޑުއެހުންތައް ނިންމާލައި، ހުކުމް ނުކޮށް ގިނަ ދުވަސްތަކެއްވުމަށްފަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކަށް ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ ހަމަޖައްސަވާފަ އެވެ. އެއީ އެ މައްސަލާގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގަ އެވެ.

މި ބަދަލު ގެނައުމުން ފާރިސް ވަނީ ސުޕްރީމް ކޯޓަށް އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއްވެފައިވާއިރު ވެސް މައްސަލާގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ހައިކޯޓުން ވެސް ވަނީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމަންދެން ފާރިސްގެ މައްސަލާގައި ހުކުމް އިއްވުން މަޑުޖައްސާފަ އެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފާރިސްއަށް އިންސާފު ނުލިބޭ ކަމަށެވެ. ފާރިސްއަށް އިންސާފު ލިބުން ލަސްވެފައިވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމާފައިނުވާތީ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފުތާއަކު ދެ ފަހަރު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަންޖެހޭނެ ކަމަށެވެ. ފާރިސް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ފަސް ހަފުތާވެފައިވާއިރު ގަވައިދުގައިވާ ގޮތުންނަމަ އެ މައްސަލަ ހުށަހެޅި ފަހުން ފަނޑިޔާރުންގެ 10 މަޖިލިސް ބޭއްވިފައި އޮންނަންޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އެހެންކަމުން ޖަލްސާތައް ގަވައިދާ އެއްގޮތަށް ބޭއްވޭނަމަ ފާރިސްގެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަނޭޅިވާ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

ފާރިސް ބަންދުގައި ހުންނަތާ އެތައް ދުވަހެއްވަމުންދާއިރު، އޭނާއަށް އިންސާފު ލިބުން ލަސްވެފައިވަނީ ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާތީ ކަމަށް ގަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގެ އަށްވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުއްލި ޖަލްސާއެއް ބާއްވައި، ފާރިސް މައްސަލާގައި އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ހަމީދު ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.