ވިޔަފާރި

ތިން ފަރާތަކަށް ބަރެސްދޫން ގެސްޓްހައުސް ޔަގީންވެއްޖެ

ލ. ބަރެސްދޫން ކުއްޔަށް ދޫކުރާ ޕްލޮޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފުލް މާކްސް ލިބުނު ތިން ފަރާތަކަށް އެ ރަށުން ގެސްޓްހައުސް ޔަގީންވެއްޖެ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން "ހޮޓެލް ޖެންގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއަށް ޕްރޮޕޯސަލް ފޮނުވި ފަރާތްތަކުގެ ތެރެއިން ފުލްމާކްސް ލިބިގެން ޕްލޮޓް ޔަގީންވެފައިވަނީ 10،000 އަކަފޫޓުގެ ބިމުގައި ތަރައްގީކުރާ ގެސްޓްހައުސްއަށް ޕްރޮޕޯސަލް ހުށަހެޅި މަޝްހޫރު ކޮންސްޓްރަކަޝްން ކުންފުނި ޖައުޝާ ކޮންސްޓްރަކްޝަންގެ ވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުޝާ ޖައުފަރު) ގެ އިތުރުން، 5،000 އަކަފޫޓުގެ ބިމުގައި ތަރައްގީ ކުރާ ގެސްޓް ހައުސްއަށް ޕްރޮޕޯސަލް ހުށަހެޅި އަލީ އަދްނާން ޖަލީލް އާއި މުހައްމަދު ވާފިރަށެވެ.

ފުލް މާކްސް މާކްސް ލިބުމުގައި ތަޖުރިބާ އާއި އެންމެ މަތިން އެޑްވާންސް ދެއްކުން ފަދަ ގިނަ ބައިތަކެއް ހިމެނޭ ކަމަށް އެމްއައިޓީޑީސިން ބުނެފައިވެ އެވެ. މި މަޝްރޫގައި ތަރައްގީ ކުރާ ބިން ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

އެމްއައިޓީޑީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ އެ ތިން ފަރާތައް ޕްލޮޓް ލިބުނުކަން ޔަގީންވެގެން ދިޔައީ ކަމަށެވެ.

"ލިބުނު އެޕްލިކޭޝަންތަކަށް ބަލާފައި ފުލްމާކްސް ލިބުނު ފަރާތްތައް މިއީ. މިހާރު އެ ފަރާތްތަކަށް ކޮންފޮމޭޝަން ލިބިގެން މިދިޔައީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދިވެސް ގިނަ އަދަދެއްގެ ޕްރޮޕޯސަލް ހުށަހަޅަމުންދާ ކަމަށެވެ.

"ވަރަށް ތަރުހީބު ރަނގަޅު. ބޮޑު ތަރުހީބެއް ދަނީ ލިބެމުން،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ވެސް ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 35 ކޮޓަރި އާއި 60 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1،500 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީ ޝާހިދު މިއަދު ވިދާޅުވީ އަންނަ މަހު ބަރެސްދޫގައި ކޮންސްޓްކްރަންޝަން މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ.

"ފުރަތަމަ އަޅާމީ މިސްކިތް، އެއަށްފަހު އެހެން ތަންތަނުގެ މަސައްކަތް ފެށޭނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސިން މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ކުންފުނިން މުޅިރަށް ޑިވްލޮޕް ކުރުމަށްފަހު ކުއްޔަށް ދޫކުރާ ގޮތަށެވެ.

މި ރަށުގައި ދެ ބީޗް ރިސޯޓާއި 10 ބީޗު ހޮޓަލުގެ އިތުރުން 11 ރެސްޓޯރެންޓާއި ފިހާރަ ފަދަ 40 ތަން ހުންނާނެ އެވެ. މީގެ އިތުރުން ބާ ފަދަ ހަތަރު ތަނެއް ވެސް ހުންނައިރު މި މަޝްރޫއު އެމްއައިޓީޑީސީ އިން ކުރި އަށް ގެންދަނީ ބަރެސްދޫއާ ޖެހިގެން އޮންނަ މާކަންފުށީގައި އިންޖީނުގެ އާއި ލޯންޑްރީ ފަދަ މުނިސިޕަލް ހިދުމަތްތައް ދެވޭ ގޮތަށެވެ. މި ރަށުގައި ބަނދަރު ހަދައި، ކީވޯލްތައް މިހާރު ވަނީ އަޅާފަ އެވެ. މި ތަންތަނުގެ ކުލި އުޅެނީ މަހަކު 500 ޑޮލަރުން 45،000 ޑޮލަރާއި ދެމެދުގަ އެވެ. މި މަޝްރޫއުގެ ބިޑް ފޮތްތައް ވިއްކުން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ބިޑު ފޮތެއް 3،000ރ. ވިއްކާއިރު ބިޑު ފޮތްތައް ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ބަރެސްދޫ މަޝްރޫއުގެ ވީޑިއޯއެއް-- އަވަސް

ބަރެސްދޫ މަޝްރޫއަކީ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބެލެހެޓި މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫގެ ބައެއް ބިންތައް އެ ކުންފުނިން ވަނީ ވިއްކާފައެވެ. ފަހުން އެމްއައިޓީޑީސީއާ މި މަޝްރޫއު ހަވާލު ކުރުމާއެކު އެފަރާތްތަކާ ވާހަކަ ދައްކައި މަޝްރޫއާއެކު ކުރިއަށްދާން ބޭނުންވި ފަރާތްތަކާއެކު އެއްބަސްވުންތައް ހަދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.