ކުޅިވަރު

ދަގަނޑޭއަށް އަނިޔާވެ އޮމާން މެޗުން ފުރުސަތު ގެއްލިއްޖެ

Oct 9, 2017
4

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް ދަގަނޑޭގެ ފަލަމަސްގަނޑަށް އަނިޔާވެ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ އޮމާންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

ކޯޗް ބުނީ ދަގަނޑޭގެ އަނިޔާ ދެނެގަތުމަށް ހެއްދި އެމްއާރްއައި ސްކޭންއާއިން އޭނާއަށް ނުކުޅެވޭނެ ކަން ހާމަވެފައިވާ ކަމަށާއި އަދި ގައުމީ ޓީމުގެ ފިޒިޝަން އަހްމ،ދު ޝަކީބު (ޑޮކް) އާއި ގައުމީ ޓީމުގެ ޑޮކްޓަރު ރާފިއުވެސް ލަފާ ދިފައިވާ ކަމަށެވެ.

"ދަގޭ ބޭނުން ކުޅެން އޭނާ ހުރީ ކުޅެން ވަރަށް ބޭނުންވެފަ،" ކޯޗް ބުންޏެވެ "އަހަރެން މިއީ އެންމެ ފުރަތަމަ ޑޮކްޓަރުގެ އަތުގައި ހިފާނެ އެކަކު އޭނަ އަށް ކުޅުމުގެ ފުރުސަތު ދޭން، ނަމަވެސް އެމްއާރްއައި ޓެސްޓުން ނަތީޖަ ދެއްކީމަ އޭނާ އިތުރަށް ކުޅެފިއްޔާ ގޯސް ވެދާނެ، އޭނާ ހުރީ ވަރަށް ކުޅެން ބޭނުންވެފަ."

އަޝްފާގްގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅާނީ، އަސްހަދު އަލީ (އަޑޭ) އެވެ. އޭނާ ބުނީ އަޝްފާގް ނެތުމުން ކޯޗް އެޓޭކިން ފޯސް އޮތީ ހަލުވި ކުޅުންތެރިންނާ ހަވާލު ކޮށްފައި ކަމަށެވެ. އެގޮތުން ޓީމުގެ އެޓޭކިންގައި ކުޅޭނީ މުހައްމަދު އުމޭރު އާއި އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ނާއިޒު (ދާދު) އަދި އަހްމަދު ރިޒްވާން އިސްމާއީލް 0ރިޒޭ) ހިމެނޭ އެޓޭކިން ފޯސްއެއް ކަމަށެވެ.

އަޝްފާގްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އެނބުރި ގައުމީ ޓީމަށް އައީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެވެ. މިއަހަރު ގައުމީ ޓީމުގައި އޭނާ ކުޅުނީ އޮމާންއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗު އެކަންޏެވެ.

ނަމަވެސް އޭނާ ވަނީ، އެފްއޭއެމުން އިންތިޒާމު ކުރި ޗެރިޓީ މެޗެއްގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ޓީމުތަކެއް ހިމެނޭ މެޗުތަކެއް ހިމެނުނު ހަރަކާތުގައި ކުޅެފަ އެވެ.