ރައްޔިތުންގެ މަޖިލިސް

އޮޑިޓު އޮފީހަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ނިންމައިފި

އަންނަ އަހަރު އޮޑިޓާ ޖެނަރަލް އޮފީހަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ބަޖެޓު ކަނޑައަޅަން ޖެހޭނީ މާލިއްޔަތު ކޮމިޓީންނެވެ. އެގޮތުން އޮޑިޓު އޮފީހުން އެ ކޮމިޓީއަށް ފޮނުވާފައި ވަނީ 50.599 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮޑިޓާ ޖެނަރަލް އޮފީހުން މި އަހަރު ބޭނުން ކުރުމަށް މިދިޔަަ އަހަރު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮޑިޓް އޮފީހުގެ ބަޖެޓު ދިރާސާ ކުރަން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އޮޑިޓު އޮފީހުގެ މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރަށް ހުށަހެޅި ބަޖެޓް ފަސް މިލިއަން ބޮޑު ނަމަވެސް މިހާރު ތަކެއްޗާއި މަސައްކަތަށް ބަލާއިރު 50 މިލިއަނަކީ ބޮޑު އަދަދެއް ނޫން ކަމަށެވެ. އަދި މުއައްސަސާތަކުން ހުށަހަޅާ އަދަދެއް ނުދީގެން މަސައްކަތް ނުކުރެވުމުން އޭގެ ޒިންމާ ނަގަން މަޖިލީހާއި ފިނޭންސް މިނިސްޓްރި ބޮލުގައި އަޅުވާ ކަމަށާއި އެހެންކަމުން މަސައްކަތް ކުރެވޭ ރަނގަޅު ބަޖެޓެއް ދޭން ފެންނަ ކަމަށެވެ.

"މި އަދަދަކީ އޮޑިޓާ ޖެނަރަލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަދަދު، އެހެންވެ އެގޮތަށް ކުރިޔަށް ގެންދަން ހުށަހަޅަން، އިތުރަށް ދިރާސާ ކުރާކަށް ނުޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު މި ފަހަރު އިތުރުވެފައި ވަނީ މުއައްޒިފުން ތަމްރީނު ކުރުމަށާއި އޮފީސް ހިންގުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެންނެވެ. މި ބަޖެޓަށް ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވިދާޅުވީ ބަޖެޓުގައި މުއައްޒިފުންގެ މުސާރައަށް 37 މިލިއަން ރުފިޔާ ހަރަދުވާއިރު އޮފީހުގެ ބޭނުމަށް ކަނޑަައަޅާފައިވަނީ 13 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު ޖުމުލަ ގޮތެއްގައި އިތުރު ވަނީ ތިން މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން އެ ބަޖެޓު އޮތް ގޮތަށް ފާސް ކުރަން ޖެހޭ ކަމަށެވެ.

"މުއައްޒަފުން ގިނަ އިރު މަސައްކަތް ކުރާނެ ފައިސާ ނުދެންޏާ ބޭނުން ކަމެއް ނޫން މުއައްޒިފުން ބައިތިއްބުމަކީ ވެސް، މުވައްޒިފުން ތިބެންޏާ އެ މީހުން މަސައްކަތް ކުރުމަށް ފައިސާ ވެސް ހުންނަން ޖެހޭ، އަޅުގަނޑު ތާއީދު ކުރަން މި ބަޖެޓު މިގޮތަށް ފާސް ކުރުމަށް،" އަބްދުއް ގަފޫރު ވިދާޅުވި އެވެ.

ހުރިހާ މެންބަރުންގެ ވިސްނުންފުޅު ވެސް އޮޑިޓު އޮފީހުގެ ބަޖެޓާ މެދު ހުރީ އެއްގޮތަކަށެވެ. އެހެންކަމުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތް އަށް މެންބަރުންގެ އިއްތިފާގުން ބަޖެޓު ފާސްވި އެވެ.