ކުރީގެ ތިން ރައީސުން ކަމަށް މުހައްމަދު އަމީނާއި އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމް ގައުމަށް ކޮށްދެއްވި ހިދުމަތްތަކާއި ގައުމަށް ދިމާވި ބޮޑެތި ހާލަތްތަކުގައި އެ ތިން ބޭފުޅުން ގެންގުޅުއްވި ވިސްނުންފުޅަށް ރައީސް އަބްދުﷲ ޔާމީން ތައުރީފް ކުރައްވާ އެ ތަޖުރިބާތަކުން ފިލާވަޅު ހޯއްދެވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން އެ ތިން ރައީސުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރާއްޖޭގެ އިސް ރައްވެހިންނާ ބައްދަލުކުރެއްވުމަށް މިރޭ ރަސްފަންނުގައި ރައީސް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ގައުމަށް ދިމާވި ދަތި ހާލަތްތަކުގައި އިސް ރައްވެހިން ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ތިން ރައީސެއް އަގު ހުރި ހިދުމަތްތައް ފާހަގަކުރައްވާ ކޮންމެވެސް ވަރަކަށް ތަފުސީލަށް ވެސް ވަޑައިގެންނެވި އެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށި، ރާއްޖެ ބަނޑަށް ޖެހުނު ދުވަސްވަރު އުތުރު ގަޑުބަޑު އުފެދި، މާލެއަށް އުތުރުގެ އަތޮޅުތަކުން އެތައް ބަޔަކު އައިސް ހަމަނުޖެހުން ހިންގަން އުޅުމުން އެކަން ހައްލު ކުރެއްވުމަށް ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ކުރެއްވި މަސައްކަތާއި ބޭނުންފުޅު ކުރެއްވި އިސް ރަށްވެހިންގެ ތަޖުރިބާ ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ ރައީސް އަމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައ އެއީ އާދަޔާހިލާފު ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް އަމީނަކީ ވަރަށް ކުޅަދާނަ ހިކުމަތްތެރި ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ. ނަމަވެސް އުތުރު ގަޑުބަޑުގައި ކަންތައް ކުރައްވާނެ ގޮތް އެމަނިކުފާނަށް ވިސްނި ވަޑައި ނުގެންނެވުމުން ބައްޕާފުޅުގެ ހިޔާލު ހޯއްދަވައި ވަރަށް ހިކުމަތްތެރިކަމާއެކު އެ މައްސަލަ ކޮޅެއްގައި ޖެއްސެވި ކަމަށެވެ. އަދި އެގޮތަށް އެކަން ނުވިނަމަ އެއީ ހިޔާލަށް ނުގެނެވޭވަރުގެ ބޮޑު ކަމަކަށް ވެގެން ދާނެ ކަމަށާއި އެއާ އަޅުވާއިރު އިރު ނޮވެމްބަރު ތިނެއް ވެސް ވާނީ ކުޑަކުޑަ އިވެންޓަކަށް ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމުގެ ބާނީ ރައީސް އިބްރާހިމް ނާސިރަށް ވެސް ރައީސް ޔާމީން މިރޭ ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. ރާއްޖެއަށް މިނިވަން ހޯދަވައިދެއްވުމަށާއި އެއާޕޯޓެއް އެޅުމަށް ރައީސް ނާސިރު އިސްވެ ހުންނަވާ ކުރެއްވި މަސައްކަތްތަކަކީ އަގު ނުކުރެވޭނެ މަސައްކަތްތަކެއްކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ނާސިރުގެ އެ ޓެކްޓިކްސް އަކީ މިއަދަށްވެސް ފުދޭ ފުރިހަމަ ތަޖުރިބާތަކެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެ މިދެކޭ ތަރައްގީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މިއަދުގެ އިސް ރައްވެހިން ކަމަށެވެ. މިފަހުން ރާއްޖެއަށް ކުރިމަތިވި އެންމެ ނާމާން ދުވަސް ކަމަށްވާ ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ވެސް ރާއްޖެ ސަލާމަތް ކުރަން މިހާރުގެ އިސް ރައްވެހިން ވަރަަށް ބޮޑު މަސައްކަތެއް ކުރައްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެ ދުވަހު ހަރަކާތްތެރިވި ބޭފުޅުންނަކީ މިހާރުގެ އިސް ރައްވެހިން، އަސްކަރީ ބޭފުޅުންނަށް ބެލި ކަމަށްވީ ނަމަވެސް، އަދި ސިޔާސީ ބޭފުޅުންނަށް ބެލި ކަމަށްވީ ނަމަވެސް މިއީ މިއަދުގެ ޝަރަފުވެރިން އިސް ރައްވެހިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ދުވަހު ހަރަކާތްތެރިވި ބޭފުޅުންނަކީ މިހާރުގެ އިސް ރައްވެހިން، އަސްކަރީ ބޭފުޅުންނަށް ބެލި ކަމަށްވީ ނަމަވެސް، އަދި ސިޔާސީ ބޭފުޅުންނަށް ބެލި ކަމަށްވީ ނަމަވެސް މިއީ މިއަދުގެ ޝަރަފުވެރިން އިސް ރައްވެހިންއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ޔާމީން ވިދާޅުވީ، މިއަދުގެ އިސް ރައްވެހިންގެ ވާހަކަ ދައްކާއިރު އެންމެ ބޮޑަށް ހަނދާނަށް އަންނަނީ ކުރީގެ ރައީސް މައުމޫން ކަމަށެވެ. ރައީސް ޔާމީން ވަނީ ރައީސް މައުމޫން ގައުމަށް ކޮށްދެއްވި އަގު ހުރި ހިދުމަތްތައް ފާހަގަކުރައްވާފަ އެވެ.
އިސް ރައްވެހިންނަކީ ގައުމަށް ވަރަށް މުހިންމު ބައެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމަށް އެންމެ މުހިންމީ އިސް ރައްވެހިންގެ ތަޖުރިބާ ކަމަށެވެ. އިސް ރައްވެހިންގެ ނަސޭހަތާއި ލަފާ އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށެވެ. އެ ބޭފުޅުންގެ ނަސޭހަތާއި ލަފާ ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.