ހަބަރު

ހަޅުތާލުގެ ތެރޭގައި ދެ މުއައްސަސާއަކަށް ވެރިން އައްޔަންކޮށްފި

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތެރޭގައި ހަޅުތާލު ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންގޮސް ދެ ކޮމިޝަނެއްގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅެއްގެ ނަން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ކަމަށް ގއ. ވިލިނގިލި ވައިޖެހޭގެ ޝަހީދު މުހައްމަދު އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ކަމަށް ދަފްތަރު ނަމްބަރު ރސ 1548 މުހައްމަދު ޒާހިދުގެ ނަމެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރަން ފާސްކުރި މުހައްމަދު ޝަހީދަކީ މިހާރުވެސް އެކޮމިޝަނުގެ މެންބަރެކެވެ. ޝަހީދުގެ ނަން ފާސްކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވި 46 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 26 މެންބަރުގެ އިއްތިފާގުންނެވެ. ނަމެއް ފާސްކުރަން ބޭނުންވާ ވޯޓުގެ އަދަދަކީ 14 އެވެ.

އެޗްއާރްސީއެމްގެ މަގާމަށް އައްޔަނުކުރަން ފާސްކޮށްފައިވާ ޒާހިދަކީވެސް މިހާރުވެސް އެ ކޮމިޝަނުގެ މެންބަރެކެވެ. ޒާހިދުގެ ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 27 މެންބަރުންގެ އިއްތިފާގުންނެވެ. ޒާހިދަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގައި ވެސް އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އިދިކޮޅު ފަރާތްތަކުން ހަޅުތާލު ކުރަމުންދަނިކޮށް މަޖިލީހުގެ ޖަލްސާގައި މިއަދު އެޖެންޑާކޮށްފައިވާ ކަންތައްތައް ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ އެޖެންޑާގައި ހުރީ ވޯޓަށް އެހި ދެ ނަމާއި ބެހޭގޮތުން މަޖިލީހުގައި މަޝްވަރާކުރާށެވެ.