ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވަނީ ކުއްލި ގޮތަކަށް އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. އާންމު ގޮތެއްގައި ބަލި މީހުން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންނައިރު އާއިލާއަށް ނާންގަ އެވެ. ފާރިސް ވެސް ގެނެސްފައިވަނީ އާއިލާއަށް އެންގުމަކާ ނުލަ އެވެ.
ފާރިސް އައިޖީއެމްއެޗްއަށް ގެންދިޔަ ހަބަރު ލިބުމުން ފާރިސްގެ އާއިލާގެ ބައެއް މެންބަރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ފާރިސްގެ ދައްތަ ދުންޔާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް ދައްކާފައިވަނީ އީއެންޓީ ޑރ. ސަޖިންއަށެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީ ފާރިސްގެ އާއިލާ ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ.
ފާރިސް ހައްޔަރުކުރި ފަހުން އޭނާގެ ދެބެންގެ ދެ ދަރި ކޮއްކޮއަކާ މިއަދު ފުރަތަމަ ފަހަރަށް ވަނީ ބައްދަލުވެފަ އެވެ. އެ ވަގުތުކޮޅުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއީ ދާދިފަހުން އަވަހާރަވި ފާރިސްގެ ބޮޑުދައިތަ ފަރީޝާ އިބްރާހީމްގެ އަންހެން ދަރިފުޅެވެ.
ފަރީޝާ އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އަލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. ބޭސްފަރުވާ ކުރެއްވުމަށް ސިންގަޕޫރްގައި ހުންނެވިއިރު ފާރިސް ވަނީ ތަކުރާރުކޮށް ބޮޑުދައިތައިގެ އަރިހަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފާރިސްއަށް ސިންގަޕޫރަށް ވަޑައިނުގެންނެވުނެވެ. ފަރީޝާ އަވަހާރަވީ ފާރިސްއާ ބައްދަލުނުވެ އެވެ.