ހަބަރު

ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފާރިސް ކޯޓަށް

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއަށް މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް ބަންދުކޮށްފައި ވާތީ، ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން އޭނާ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ސިވިލް ކޯޓަށް ފާރިސް ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ، ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި މަޖިލިހަށް އިންތިހާބުކޮށްފައިވަނިކޮށް، 18 ޖުލައި 2017 ގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރި ދުވަހުން ފެށިގެން، 27 ޖޫން 2018 އާއި ހަމަޔަށްވެސް، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއާއި ޙިލާފަށް ފާރިސް މަޖިލިހުގެ ޖަލްސާތަކަށާއި، ކޮމިޓީ ބައްދަލުވުންތަކަށް، ހާޒިރުވުމުގެ ހައްގު ދައުލަތުން ނިގުޅައިގަނެފައިވާ ކަަމަށެވެ.

އެ ހައްގު ނިގުޅައިގަތުމުގެ ސަބަބުން، ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ ހައްގުން އެދާއިރާގެ ރައްޔިތުން މަހުރޫމް ވެފައިވާތީ، ގާނޫނު އަސާސީގެ 44 ވަނަ މާއްދާއާއި ހިލާފަށް އެ ދާއިރާގެ ރައްޔިތުންގެ ހައްގަށް ހުރަސް އަޅާފައިވާ ފަރާތްތަކުން ގާނޫނު އަސާސީއާއިި، ރައްޔިތުންގެ މަޖިލިހުގެ ގައިވައިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދޭން އެދައުވާގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެމުއްދަތުގެ ތެރޭގައި ދިއްގަރު ދާއިރާ ތަމްސީލު ނުކުރެވުމުގެ ސަބަބުން، އެ ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ދާއިރާގެ ރައްޔިތުންނަށް ދައުލަތުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، ފާރިސްގެ މަޖިލީހިގެ ޒިންމާތައް އަދާކުރުމަށް ގާނޫނާއި ހިލާފަށް ހުރަސްއެޅުމުގައި ޒިންމާވާ، ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށްވެސް އެ ދައުވާގައި ވަނީ އެދިފަ އެވެ.

ފާރިސް އެ ދައުވާ ރައްދު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި، ފުލުހުންގެ އިދާރާއާއި، ކަރެކްޝަނަލް ސާވިސަސްގެ މައްޗަށެވެ. ފާރިސް މިފަދަ ދައުވާއެއް ދައުލަތާއި ދެކޮލަށް ކޮށްފައިވާއިރު، އޭނާ މިހާރުވެސް ގެންދަވަނި ޕީޕީއެމްގެ ދިދަޔާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުން ކުރިކަމަށްބުނެ އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުންވެސް ސްޕްރީމްކޯޓުގ 1 ފެބްރުއަރީގެ އަމުރާއި ގުޅިގެން އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފަ އެވެ.