އެމްޑީޕީ

ރަޝީދުގެ މަރު ތަހުގީގު ކުރަން ގޮވާލައިފި

ދެހާސް ފަނަރަވަނަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ހައްޔަރުކޮށް ޖަލަށްލީ އަބްދުﷲ ރަޝީދުގެ މަރުވި މައްސަލަ ތަހުގީގުކޮށް، އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީއިން ގޮވާލައިފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަބްދުﷲ ރަޝީދު ހައްޔަރުކުރި އިރު އޭނާއަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން އައި މީހެއްނޫން ކަމަށެވެ. އަދި އޭނާއަކީ ސިއްހަތު ރަނގަޅު ޖާނުން ވަރުގަދަ މީހެއް ކަމަށެވެ. އޭނާގެ ބަލި ހާލު ދަށްވެ، އެކަމާ އަޅާލުމަށް އެކިފަހަރުމަތިން އެދުމުންވެސް އެކަމާ އަޅާލާފައިނުވާ ކަމަށް އަބްދުﷲ ރަޝީދުގެ އާއިލާއިން ހިއްސާކޮށްފައިވާ ކަމަށެވެ.

"ހާލުދެރަވެ، އެންމެ ފަހުން ކަރެކްޝަނުން އަޅާލީ އޭނާ ބަންދުކޮށްފައި ހުރި ގޮޅިއަށް އަނބުރައިގަނެގެން ވެއްޓި ގޮޅީގައި ބަންދުކޮށްފައި ތިބި އެހެން މީހުން އަޑުގަދަ ކުރާންފެށުން ކަމުގައިކަމަށް އާއިލާއިން ވަނީ ހިއްސާކޮށްފަ،" އެމްޑީޕީއިން ބުންޏެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން 25 ޖުލައި 2016 ގައި އަބްދުﷲ ރަޝީދަށް ހުކުމް ކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ. އަބްދުﷲ ރަޝީދަށް ހުކުމްކުރުމުގައި އަލަށް އަމަލުކުރާންފެށި ގާނޫނުލް އުގޫބާތުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީިއިން ބުނީ، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބަށް ލުޔެއް ލިބުމުގެ ފުރުސަތާއި ދައުލަތުން އޭނާގެ މައްޗަށް ކުށް ސާބިތުރުކުރުމަށް ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް ފުރިހަމަ ކުރަން ޖެހޭކަމަށްވާތީވެ، އެކަންކަމުން މަހްރޫމްކޮށް އަވަސްއަރުވާލައިގެން އޭނާ ފަސް އަހަރަށް ޖަލަށްލާފައިވަނީ ނުރަނގަޅު ނިޔަތެއްގައި ޝަރުއޫ އުސޫލުތަކާ ހިލާފަށް ކަމަށެވެ.