ވިޔަފާރި

އެމްޓީސީސީން ހިއްސާގެ ބާޒާރަށް އިންގިލާބެއް

Oct 10, 2017
3
  • ކުންފުނީގެ ހިއްސާދާރުންނަށް އިތުރަށް ހިއްސާ ވިއްކާނެ
  • ހިއްސާ ވިއްކާނީ 19 އޮކްޓޯބަރުން 3 ޑިސެމްބަރަށް
  • ހިއްސާއެއްގެ އަގަކީ 62 ރުފިޔާ

ރާއްޖޭގައި އެންމެ ފުރަތަމަ ހިއްސާ ވިއްކި ކުންފުނި އެމްޓީސީސީއިން، އަނެއްކާވެސް ޙިއްޞާގެ ބާޒާރަށް އިންގިލާބެއް ގެންނަން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ރާއްޖޭގައި ރައްޔިތުންނަށް އެންމެ ފުރަތަމަ ހިއްސާ ވިއްކީ 1980 ވަނަ އަހަރު އެވެ. އަދި 1984 ވަނަ އަހަރު ދެވަނަ ފަހަރަށް ހިއްސާ ވިއްކި އެވެ.

އެމްޓީސީސީން މިހާރު ތައްޔާރުވެފައި ވަނީ ރައިޓްސް އިޝޫއެއްގެ ދަށުން ކުންފުނީގެ ހިއްސާދާރުންނަށް އިތުރަށް ހިއްސާ ވިއްކާ ފުރަތަމަ ކުންފުންޏަށް ވުމަށެވެ. އެ ގޮތުން މިދިއަ އޮގަސްޓް މަހު ބޭއްވި 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ސްޕްލިޓް ކުރުމަށްފަހު ހިއްސާއަކަށް ހިއްސާއެއްގެ މަގުން ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަށް އިތުރަށް ގަތުމަށް ދައުވަތެއް ދީފަ އެވެ.

ރައިޓްސް އިޝޫގެ ދަށުުން ހިއްސާ ގަނެވޭނީ 9 އޮކްޓޫބަރު 2017 އިގެ ހަވީރު 4:00 އާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ހިއްސާދާރަކު އިހުތިޔާރުކުރާ ގޮތަކަށް އެ ހިއްސާދާރެއްގެ ހިއްސާ ގަތުމުގެ ހައްގު ދެވިފައިވާ އެހެން ފަރާތަކަށެވެ. ހިއްސާ ވިއްކަން ކަނޑައަޅާފައިވާ މުއްދަތަކީ 19 އޮކްޓޯބަރު 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށެވެ.

އެމްޓީސީސީގެ ހިއްސާ ވިއްކަން ހަމަޖައްސާފައި ވަނީ ހިއްސާއެއް 62ރ. އަށެވެ. އަދި ކުންފުނީގެ ރައުސްމާލުގެ ފަސް ޕަސެންޓަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކޮންމެ ހިއްސާދާރަކަށް ވެސް ހިއްސާ މިލްކު ކުރެވިދާނެ އެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ފުރަތަމަ ޕަބްލިކް ލިމިޓެޑް ކުންފުންޏެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އާންމު ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ބޮޑު ހިއްސާއެެއް އަދާކުރާ ކުންފުންޏެވެ.

ފާއިތުވެ ދިޔަ 36 އަހަރުގެ ތެރޭގައި އެމްޓީސީސީވަނީ ދަތުރުފަތުރުގެ ދާއިރާއާއި، ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.