ހަބަރު

އަންހެނުންނަށް ކުރާ ތަފާތުތަކާބެހޭ މުއާހަދާގެ އަތްމަތީ ފޮތް ނެރެފި

އަންހެނުންނާއި މެދު ކުރާ އެންމެހާ ތަފާތުތައް ނައްތަލުމާއި ބެހޭ ބައިނަލްއަގްވާމީ މުއަހަދާގެ އަތްމަތީ ފޮތެއް އެޑްވިކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) ނެރެފި އެވެ. އެއީ އެ މުއާހަދާގެ އަތްމަތީ ފޮތެއް ދިވެހި ބަހުން ނެރުނު ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު މޫކައި ސުއިޓްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. އެ ފޮތާއި ބެހޭގޮތުން މައުލޫމަތު ދެމުން އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ އެ ފޮތް ނެރެން ނިންމީ އަންހެން ކުދިންނަށް އަދި އަންހެނުންނަށް އެމީހުންގެ ހައްގުތަކާއި ބެހޭ މައުލޫމަތު ފަސޭހައިން ދޭހަވާ ފަދަ ގޮތަކަށް ގެނެސްދޭން ކަމަށެވެ.

އަދި ފިރިހެން ކުދިންނަށްވެސް އަންހެން ކުދިންނަށް ކުރަ ތަފާތާއި އެކުދިންގެ ހައްގުތައް ބުނެދިނުމަކީވެސް އެ ފޮތް ނެރުމުގެ މަގްސަދެކެވެެ. ހަފްތާއެއްގެ ތެރޭގައި އާންމުންނަށް ލިބޭނެ ކަމަށް މުރުތަލާ ވިދާޅުވި އެވެ. އަދި ސްކޫލްތަކުގެ ލައިބްރަރީތަކުން ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ކުރާ ތަފާތުތައް ނައްތާލަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ގާނުނު އަސާސީ އިން ޖިންސީ ތަފާތުކުރުން މަނާކުރާ ކަމަށެވެ. އަދި އަންހެން ކުދިންނަށް އެއް ހަމައެއްގައި ފުރުސަތު ހޯދައިދިނުމަށް ޓެމްޕަރަރީ ސްޕެޝަލް މެޝާސް ބޭނުންކުރުމުގެ އިހްތިޔާރު ލިބިދޭ ކަމަށެވެ.

ޒެނީޝާ ވިދާޅުވީ މަތީ ތައުލީމް ހޯދާ އަންހެނުންގެ އަދަދު ރާއްޖޭގައި ގިނަ ނަމަވެސް ބައެއް ކަހަލަ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވެ ވަޒީފާ އަދާކުރާ މިންވަރު މަދު ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅަ މައްސަލަތައް ގިނަ ކަން ފާހަގަކުރެއްވި އެވެ.

"އެކަމަށް މެދުވެރިވާ އެއް ސަބަބަކީ އަންހެނަކަށް ވީތީ މުޖުތަމައުގެ ތެރެއިން ދިމާވާ އެކި އެކި ގޮންޖެހުންތައް، އަންހެން ކުދިންނަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި އެކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހިމެނޭ އިރު އެކަންކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުން، އެގޮތުން ރިޕޯޓިން މެކޭނިޒަމްތައް ހަރުދަނާކޮށް ހިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް އަދި ސައިކޯ ސޯޝަލް ސަޕޯޓް މިނިސްޓްރީން މިދަނީ ފޯރުކޮށްދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ، އެކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިވެ، އަންހެން ކުދިން ބާރުވެރިކުރުމަށް އެކުދިންގެ ހައްގުތަކާމެދު މުޖުތަމައުގެ ހުރިހާ ފަރުދުން އަދި ހާއްސަކޮށް ކުޑަކުދިން ހޭލުންތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސީޑޯ މުއާހަދާއަކީ އަންހެނުންނަށް ކުރާ ތަފާތު ކުރުންތައް ނައްތާލައި އަންހެނުންނަށް ފިރިހެނުންނެކޭ އެއް ހަމަ ފުރުސަތުތަކެއް ހޯދައިދީ، އަދި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އދ.ގެ އާންމު މަޖިލީހުން 1979 ފާސްކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާ އެކެވެ. އެއީ ބައިނަލް އަގްވާމީ ފެންވަރެއްގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެކުލަވާލި ފުރަތަމަ އެއްބަސްވުމެވެ.