ވިޔަފާރި

ޕާސްޕޯޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ބީއެމްއެލް އިން ހަމަޖައްސަފި

ދިވެހިންނަށް އަލަށް ދޫކުރަން ފަށާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިދީފި އެވެ.

އާ ގިނަ ހިދުމަތްތަކާއެކު މި ކާޑު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ޕާސްޕޯޓް ކާޑު ވެގެންދާނީ ބައިނަލް އަޤްވާމީ އައިޑީކާޑެއްގެ އިތުރުން ބީއެމްއެލްގައިވާ ކާޑުގެ ވެރިފަރާތުގެ ބޭންކް އެކައުންޓާ ވެސް ގުޅުވާލެވޭ ކާޑަ ކަށެވެ. އެހެންކަމުން މި ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމް ތަކުން ފައިސާ ނެގުމަށް ވެސް ބޭނުންކުރެވޭނެ އެވެ.

ޕާސްޕޯޓް ކާޑާ ބެހޭ ގޮތުން ތައާރަފް ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ރާއްޖޭގެ އިމިގްރޭޝަން އާއި ގުޅިގެން، ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދިވެހިންނަށް، ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް މި ކާޑު ބޭނުންކުރެވޭނެ،" އެންޑްރޫ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ދައުލަތުގެ އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އޭޓީއެމް ތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި އަދި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް މި ކާޑް ބޭނުން ކުރެވެ އެވެ.