އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދިމާވާ މައްސަލަތައް ހައްލުކޮށް އެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް 30 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ރާވަމުން އަންނަ ކަމަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ އައްޑޫގެ ހަތަރު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ އެ މައްސަލާގައި ޖަވާބުދާރީ ވުމަށް ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ހަތަރު ރަށަކަށް ކަރަންޓު ދެމުން އަންނަނީ 11 ޖެނަރޭޓަރެއް ހުރި އެއް އިންޖީނުގެއަކުން ކަރަންޓް ދޫކުރާ ނެޓުވޯކެއްގެ ތެރެއިން ކަމަށާއި އެ ޖެނަރޭޓަރުތަކުން 6.5 މެގަވޯލްޓުގެ ކަރަންޓު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އިތުރަށް ކަރަންޓު ދިނުމުގެ ގާބިލުކަން އެ ޖެނަރޭޓަރުތަކުގައި ހުންނާނެ ކަމަށެވެ.
މުޅި އައްޑޫ ސިޓީއަށް ކަރަންޓު ދިނުމަށް އަރާނެ ލޯޑު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އައްޑޫގައި އާ އިންޖީނުގެއެއް އެޅުމާއި 12.5 މެގަވޯލްޓަށް އިތުރު ކުރުމަށް ރާވަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެކަމަށް 30 ވަރަކަށް މިލިއަން ޑޮލަރުގެ ހޭދަ ވާނެ ކަމަށާއި އެ ފައިސާ ހޯދަން މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އައްޑޫގެ ވަކިވަކި ރަށްތަކުގައި ޖެނަރޭޓަރުތައް ބަހައްޓައިގެން ކަރަންޓުދިނުމުގެ ވިސްނުމެއް ނުގެންގުޅެން އޭރުން އިތުރަށް ހިންގުމުގެ ހަރަދު ބޮޑުވާނެ، މަސައްކަތް ކުރަނީ ސެންޓްރަލް ޕަވާ ހައުސިންއަކުން ހުރިހާ ރަށަކަށް ކަރަންޓު ދޭން، 30 މިލިއަން އިންވެސްޓުކޮށްގެން އެ މަސައްކަތް ނިމުނީމަ ކުރިޔަށް އޮތް 10 އަހަރަށް އައްޑޫގެ ހަތަރު ރަށެއްގެ ކެޕޭސިޓީ ހިފަހައްޓާނެ،" ޝަރީފް ވިދާޅުވި އެވެ.
އައްޑޫގެ ވަކިވަކި ރަށްރަށުގައި ޖެނަރޭޓަރު ބަހައްޓައިގެން ކަރަންޓުދިނުމުގެ ވިސްނުމެއް ނުގެންގުޅެން އޭރުން ހިންގުމުގެ ހަރަދު ބޮޑުވާނެ، މަސައްކަތް ކުރަނީ ސެންޓްރަލް ޕަވާ ހައުސިންއަކުން ހުރިހާ ރަށަކަށް ކަރަންޓު ދޭން،އަހުމަދު ޝަރީފު އާދަމް | ފެނަކަ ކޯޕަރޭޝަން
ޝަރީފް ވިދާޅުވީ އާ އިންޖީނުގޭގައި ބަހައްޓާނީ މުޅިން އާ ޖެނަރޭޓަރުތަކެއް ނޫން ކަމަށާއި މިހާރު ވެސް ރަނގަޅަށް މަސައްކަތް ކުރާ ޖެނަރޭޓަރުތައް ބޭނުން ކުރާނެ ކަމަށެވެ. ނަމަވެސް ތަނުގެ ޖާގަ ބޮޑުވެ ވަރުގަދައަށް ހިދުމަތް ދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަކީ ފެނަކައިން ހިދުމަތްދޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮންނަ ރަށެވެ.